ކުޅިވަރު

ރާއްޖެއަށް އެހެން ހަރުފަތަކަށް ދެވޭނެ ގޮތް ކެރެމްބޫ ބުނެދީފި

ރާއްޖޭގެ ފުޓްބޯޅަ ބަދަލުވެގެންދާ، އިވެންޓަކަށް ވޯލްޑްކަޕް ޓްރޮފީގެ އިވެންޓް ވެގެންދާނެ ކަމަށާއި މި ވަގުތުގެ ބޭނުން ހިފިއްޖެނަމަ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރަުފަތަކަކަށް ގެންދެވޭނެ ކަމަށް، ވޯލްޑްކަޕް އޮރިޖިނަލް ޓްރޮފީ ހިފައިގެން ރާއްޖެ އައި ފްރާންސްގެ ވޯލްޑްކަޕް ތަރި ކްރިސްޓިއަން ކެރެމްބޫ ބުނެފި އެވެ.

ކެރެމްބޫ ވަނީ، އަމިއްލަ ގައުމުގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި ބޮޑު ހިއްސާއެއް ވެފަ އެވެ. ދެހާސް ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި ކަރެމްބޫ ހިއްސާވި އެވެ.

ރާއްޖެ އަށް އައިސް، އޭނާގެ ތަޖުރިބާ ހިއްސާ ކުރުމަކީ އޭނާ އަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ކެރެމްބޫ ފާހަގަ ކުރި އެވެ.

"މީގެ 20 އަހަރު ކުރިން އަހަންނަށް ވަނީ ވޯލްޑްކަޕް ޓްރޮފީ އުފުލާލުމުގެ ޝަރަފު ލިބިފައި، މިއަދު ރާއްޖެއަށް އައިސް އެ ތަޖުރިބާ ހިއްސާ ކުރުމަކީ އަހަންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،" ދިވެހި މީޑިއާތަކަށް ދިން އިންޓަވިއުގައި ކެރެމްބޫ ބުންޏެވެ.

"މިއަދު މިތާނގައި މިތިބަ ކުޑަކުދިންހެން އަހަންނަކީ ވެސް ފުޓްބޯޅަ ކުޅެން އުންމީދު ކުރި ކުއްޖެއް، ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން އަހަރެން މަސައްކަތް ކުރީ އަހަރެންގެ އުންމީދު ހާސިލު ކުރުމަށް، އަހަރެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށްވެ އަހަރެންނާއެކު ކުޅުނު ކުޅުންތެރިންނާއި އަހަރެންގެ ކޯޗުންނާއެކު އަހަރެން މަސައްކަތް ކުރީ ފަހަރަކަށްވުރެ ފަހަރެއް ކުރިއަށް ދިއުމަށް، އަހަރެން އުންމިދު ކުރީ ތަށިތައް ހޯދަން އެ އުންމީދާއެކު މަސައްކަތް ކުރީ، ވޯލްޑްކަޕްވެސް ލިބުނީ އުންމީދާއެކު ކުރި މަސައްކަތުން."

އޭނާ ބުނީ ވޯލްޑްކަޕް ތަށި ރާއްޖެއަށް ގެނައުމުން ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ތުއްތު ކުދިންނަށް ވަރަށް ބޮޑު އިންސްޕަރޭޝަނަކަށް އެކަން ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ޕްރޮމޯޓް ކުރުމަށާއި ފުޓްބޯޅައިގެ ހިތްގައިމު މެސެޖް ފޯރުކޮށް ދެވިގެންދާނެ އިވެންޓަކަށް ވޯލްޑްކަޕް ޓްރޮފީ ޓްއާ ވެގެންދާނެ ކަމަށެވެ.

"މިތަނުން މި ފެންނަނީ ގިނަ އަދަދެއްގެ ކުޑަ ކުދިން، އަހަރެމެން ޖެހޭނެ އެ ކުދިންނަށް ފުޓްބޯޅައިގެ ނޮލެޖް ދަސްކޮށް ދޭން އަދި ގްރާސްރޫޓް ލެވަލްގައި އެކުދިންގެ ހުނަރު ތަރައްގީ ކުރަން މަސައްކަތް ކުރަން ޖެހޭނެ،" ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކެރެމްބޫ ބުންޏެވެ.

"މިކަމުން [ހިތްވަރު ލިބިގެން] ލީގް ހަރުދަނާ ކުރަން މަސައްކަތް ވެސް ކުރަންވީ ނަމަވެސް އެއީ ރާއްޖޭގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކަމެއް، ރާއްޖެއަށް ވަނީ މީގެ ކުރިން ދެކުނު އޭޝިއާގެ ޗެމްޕިއަން ކަން ލިބިފައި، އެއީ މިހާރު ވެސް އޮތް ރަނގަޅު ފެށުމެއް."

"ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ރާއްޖޭގެ ފުޓްބޯޅައިގެ ދެން ހުރި މަގްސަދުތައް ހާސިލު ކުރަން މަސައްކަތް ކުރަންވީ، އެގޮތަށް މަސައްކަތް ކޮށްފިއްޔާ ވޯލްޑްކަޕަށް ވެސް ރާއްޖެއަށް ކޮލިފައި ވެވޭނެ، މުސްތަގުބަލްގެ ވޯލްޑްކަޕްގައި 40 އަށް ވުރެ ގިނަ ގައުމު ބައިވެރިވާނެ، އެ ވޯލްޑްކަޕް އަހަރެމެން ގުނާނީ ރާއްޖެވެސް ހިމަނައިގެން ކަމަށް ވެދާނެ، ނަމަވެސް އެންމެ މުހިންމު އެކަމަށް ވިސްނަގެން މިއަދު މަސައްކަތް ފަށައިގެން."

އޭނާ ބުނީ 1998 ގައި ފްރާންސަށް ވޯލްޑްކަޕް ލިބޭނެ ކަމަށް މުބާރާތުގެ ކުރިން އުންމީދު ނުކުރާ ކަމަށާއި، ވޯލްޑްކަޕުގެ އަމާޒު ކަނޑައެޅީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކުރިއަށް ދިއުމަށް ކަމަށެވެ.