ކުޅިވަރު

ރަފާއަށް މިއަހަރު ބޮޑު ދެ ޗެލެންޖް!

ވިދަމުން އަންނަ ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާ ނާޒިމަށް މިހަރު ބޮޑު ދެ ޗެލެންޖެއް އެބައޮތެވެ. އެއީ ކުޅިވަރުގައި އޮތް ޗެލެންޖާއި، ކިޔެވުމުގައި އޭނާ ކުރިމަތިލާ އެންމު މުހިންމު ޗެލެންޖެވެ.

މިއަހަރަކީ، އިސްކަންދަރު ސްކޫލުގައި ކިޔަވަމުންދާ ރަފާގެ އޯ ލެވަލްގެ އަހަރެވެ. އެ އިމްތިހާނުގައި ވެސް ބޮޑު ކާމިޔާބެއް ހޯދުމުގެ އުންމީދު ރަފާގެ އަޒުމުގައި އެބައޮތެވެ. ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ކުޅިވަރުގައި އެންމެ ބޮޑު ކަމިޔާބެއް ހޯދަ ދަރިވަރަކަށް ދޭ ކަލާސް އެވޯޑް އެންމެ ފަހުން ހޯދާފައި ވަނީ ރަފާ އެވެ.

މާދަމާ ފަށާ، ގައުމީ ޓީޓީ މުބާރަތަކީ ޑޮމެސްޓިކް އެންމެ މުހިންމު މުބާރާތެވެ. އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ވެސް ރަފާ އެވެ. އެ ކާމިޔާބު ދީފާއު ކުރުމަކީ އޭނާގެ އަޒުމެކެވެ. ކަލާސް އެވޯޑް ދިފާއު ކުރުމުގެ ބުރަ މަސައްކަތް ވެސް އޮތީ އެވެ. ކުޅިވަރާއި ކިޔެވުމުގައި ވެސް ރަފާ ކުރިމަތި ލަނީ ބޮޑު ޗެލެންޖަކަށެވެ. ނަމަވެސް އޭނާ ހުރީ ފަހަތަށް ޖެހޭކަށް ނޫނެވެ.

"މި އަހަރަކީ ރަފާގެ އޯލެވަލް އަހަރަށްވީމަ ވަރަށް ބޮޑަށް ކިޔެވުމަށް ސަމާލުކަން ދީގެން މަސައްކަތް ކުރަނީ، ޕްރެކްޓިސްތައް ވެސް ބަހާލަފާއި ވަނީ ބޮޑަށް ކިޔެވުމަށް އިސްކަން ދީގެން،" ރަފާގެ މަންމަ ދީބާ މޫސާ ބުންޏެވެ.

"އެހެންނަމަވެސް މި އަހަރުވެސް މުބާރާތްތަކުގައި ރަފާ ވާދަ ކުރާނެ، ގައުމީ މުބާރާތް ވެސް ކުރިމަތީގައި އޮތުމުން، ވަރަށް ބޮޑަށް އެކަމަށް ވެސް ސަމާލުކަން ދެން."

ރަފާ ވަނީ، 2016 ވަނަ އަހަރު ޖޫން މަހު ޕާކިސްތާންގައި ބޭއްވި ދެކުނު އޭޝިއާގެ ޔޫތު ޗެމްޕިއަންޝިޕް ތިން ކެޓަގަރީ އަކުން ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ޒުވާން ޓީޓީ ޓީމު ހޯދި އެ ކާމިޔާބާއެކު ދިވެހި ކުޅިވަރުގެ ޖައްވުގައި ރަފާގެ ވާހަކަ އެ އަހަރު ގަދަ ވެގެން ދިޔައެވެ.

ރަފާގެ ނަން އެންމެ ބޮޑަށް ފާހަގަ ވީ ވޭތުވެދިޔަ 13 އަހަރު ރާއްޖޭގެ ޓިޓީގައި ވަރުގަދަ ތަނބެއްގެ ގޮތުގައި ފާހަގަ ކުރެވުނު މުއިނާ މުހައްމަދު ބަލި ކުރުމަށްފަހު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުންނެވެ.

އޭނާ ވަނީ، މިދިޔަ އަހަރު ކުރީ ކޮޅު ޖަޕާނުގެ މެޖީ ޔުނިވަސިޓީއިން ދިން ފުރުސަތެއްގައި އެ ޔުނިވަސިޓީގެ ޓްރެއިނިން ސެންޓަރު ގައި 40 ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކޮށްފަ އެވެ. ރަފާއަށް ޓްރެއިނިން ކޭމެޕެއް އެ ޔުނިވަސިޓީން ދިނީ، ޔުނިވަސިޓީއިން ރާއްޖެއަށް ކުރި ޓުއާއެއްގައި ރަފާގެ ކުޅުން ފާހަގަ ވުމުންނެވެ.