ހަބަރު

ނުކުޅެދުންތެރިންގެ 15 ފްލެޓް ނުދޭން ނިންމައިފި

  • ދެން ފްލެޓް ދޭނީ އާންމު ޕްރޮގްރާމްގެ ތެރެއިން
  • އެކަމަކު އެފަރާތްތަކަށް ޕޮއިންޓް ދޭ ގޮޮތް ތަފާތު
  • ފޯމްލީ މީހުންނަށް މިކަން އެނގުނު ކަމަކަށް ނުވޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭން 2014 ވަނަ އަހަރު ސަރުކާރުން ކަނޑައެޅި ފްލެޓްތައް ނުދޭން މިހާރު ނިންމާފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެފި އެވެ.

ނުކުޅެދުންތެރި 15 ފަރާތްތަކަށް ކޮންމެ އަހަރަކު ފުލެޓް ދޭން ނިންމައި އެކަން ސަރުކާރުން އިއުލާންކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރު ސަރުކާރުން ފްލެޓް ދިން ގޮތުގެ ނަޒާހަތްތެރި ކަމާމެދު ޝަކުވާތަކެއް ހުށަހެޅި އެވެ.

އެއަށްފަހު 2014 ވަނަ އަހަރު ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް 15 ފްލެޓް ދޭން ކަނޑައަޅައި އެ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ފްލެޓް ދޭގޮތަށް އިއުލާންކުރި އެވެ. ނަމަވެސް އެ ފްލެޓްތަކަށް ހުޅުވާލައި ފްލެޓްދޭނެ މީހުންގެ ލިސްޓު ތައްޔާރު ކުރިތާ ދެ އަހަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ތަފާތު މައްސަލަތައް ދިމާވެ އެ ފްލެޓްތައް މިއަދާ ހަމައަށް ވެސް އޮތީ ނުދެވި އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ޖެންޑަ މިނިސްޓްރީގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ 2014 ވަނަ އަހަރު ސަރުކާރުން އިއުލާންކުރި ގެދޮރުވެރި ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރި ފަރާތްތަކަށް 167 ފްލެޓް ދީފައިވާތީ ޖެންޑާ މިނިސްޓްރީން ދޭން ނިންމި 15 ފްލެޓްގެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ފްލެޓްދޭ ސިޔާސަތަށް ގެނައި ބަދަލާއެކު ގެދޮރޮވެރި ކުރުމުގެ ހުރިހާ ސްކީމަކުން ވެސް ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ޕޮއިންޓް ދޭ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ފަރާތްތަކަށް ވެސް ފްލެޓް ދޭނީ އާންމު ފަރާތްތަކަށް ވެސް ހުޅުވާލާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހެން ނަމަވެސް ޕޮއިންޓް ލިބޭ ތަފާތުގެ އުސޫލުގެ ތެރެއިން ކަމަށެވެ.

"ފްލެޓް އެސައިން ކުރުމުގެ މަސައްކަތަކީ ހައުސިންގެ މެންޑޭޓުގައި ހިމެނޭ މަސައްކަތެއް. އެހެން ނަމަވެސް، 2013 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ 15 ފްލެޓެއް އެލޮކޭޓް ކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށް އެ މަސައްކަތް ކުރި،" އެ ބޭފުޅާ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް 15 ފްލެޓް ދޭން ނިންމައި އެކަން 2014 ވަނަ އަހަރު އިއުލާން ކުރުމާއެކު ފްލެޓަށް އެދި ނަން ހުށަހަޅައި މާސްކް ދިން ފޯމްތައް ދެ ފަހަރެއްގެ މަތިން ރިވައިސް ކުރަން ޖެހުނެވެ. އެ ލިސްޓު ދެ ފަހަރަށް ރިވައިސް ކުރަން ޖެހުނީ ފޯމްތަކަށް މާކްސްދިން ގޮތާ ފައިނަލް ލިސްޓު ދިމާނުވާ ކަމަށް ބުނެ އާންމުން ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.

ޝަކުވާތަކާ ގުޅިގެން 2015 ވަނަ އަހަރުގެ އެ ލިސްޓު ފަހު ފަހަރަށް އެކުލަވާލައި އެ ފްލެޓުތައް ދިނުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެ އެކަން އިއުލާންކޮށްފައި ވަނިކޮށް އާންމު ފަރާތަކުން ވަނީ 2016 ވަނަ އަހަރުގެ މެދުތެރޭގައި އެކަމާބެހޭ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

ޖެންޑަ މިނިސްޓްރީން ބުނީ، ފްލެޓަށް އެދި އެކިފަރާތްތަކުން ޖެންޑަ މިނިސްޓްރީއަށް ހުށަހެޅި 571 ފޯމުގައި ބޭނުންވާ ބައެއް މައުލޫމާތު ނުހިމަނާ ހުރިކަން އޭސީސީގެ ތަހުގީގަށްފަހު އެ ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަމަށެވެ.

"ޖެންޑަ މިނިސްޓްރީން ވަނީ އޭސީސީގެ ތަހުގީގަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ދީ، އޭސީސީގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް އަމަލުކޮށްފައި. ދެން ސަރުކާރުގެ ސިޔާސަތަށް އައި ބަދަލާއެކު، މިހާރު ވެސް ދޭ އުސޫލުން ކުރިއަށް އޮތް ތަނުގައި ވެސް ބޯހިޔާވެހިކަން ފޯރުކޮށްދޭ ކޮންމެ ސްކީމަކުން ވެސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އިތުރަށް ޕޮއިންޓް ދޭން ނިންމާފައިވާތީ، ކުރިއަށް އޮތް ތަނުގައި ވެސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ބޯހިޔާވަހިކަމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ނުކުޅެދުންތެރި އާއިލާތަކަށް ހާއްސަކޮށްގެން ދޭން ނިންމި 15 ފްލެތް މަޝްރޫއު މިހާރު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައިވާއިރު އެ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅި މީހުންނަށް އެކަން ޖެންޑަ މިނިސްޓްރީން ވެސް، އަދި ހައުސިން މިނިސްޓްރީން ވެސް އަންގާފައެއް ނުވެ އެވެ. އެ އާއިލާތައް އަދިވެސް ތިބީ ފްލެޓްތަކުގެ އިންތިޒާރުގަ އެވެ.