ކެޕްޓަން އަސަދުﷲ އަބްދުﷲ މެޗުގެ ދެވަނަ ހާފުގައި ޖެހި ލަނޑާއެކު، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ، މޮޅަކަށް ބޭނުންވެފައި އޮތް މާޒިޔާ އިން މެޗުގެ 24 ވަނަ މިނިޓުގައި ލީޑު ނެގީ ޖަޕާންގެ މިޑްފީލްޑަރު ޓޯޝީ ހަޔޯޝޭ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ޓޯޝީ ފޮނުވާލި ބާރު ޝޮޓް ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
އެކަމަކު މާޒިޔާގެ ޑިފެންސް އަށް ހެދުނު މިސްޓޭކަކުން ތަނަވަސްވި ފުރުސަތަކުން މެޗުގެ 36 ވަނަ މިނިޓުގައި ވެލެންސިއާގެ ހުސެއިން ޝިމާޒް (ކޮކީ) ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު އަތުން ދޫވި ބޯޅައެއް ސާފުކޮށްލުމަށް އެ ޓީމުގެ ޑިފެންޑަރު މުަހައްމަދު ސައިފް މަސައްކަތްކުރި ނަމަވެސް، ސައިފް ފޮނުވާލި ބޯޅަ ވަނީ ކޮކީގެ ފައިގައި ޖެހިފައި ގޯލަށް އަމާޒުވެފަ އެވެ.
މެޗުގެ 57 ވަނަ މިނިޓުގައި މާޒިޔާ އިން އަލުން ލީޑު ނެގީ ވެލެންސިއާ އަށް ކުރިން ކުޅުނު އަސަދުﷲ ޖެހި ލަނޑުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު އިމާޒް (އާއްކޮ) ޕެނަލްޓީ އޭރިޔާ ތެރެއިން ދިން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، އަސަދުﷲ ވަނީ ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ވެލެންސިއާގެ އަހުމަދު ރިލްވާން (ރިލޭ) އަށް މެޗުގެ ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ. އަދި 77 ވަނަ މިނިޓުގައި ވެލެންސިއާގެ ހަންސްލޭ އަވީލޯ ނުރައްކާތެރި ބޯޅައެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކުރި ނަމަވެސް، އިމްރާން ވަނީ އެ ބޯޅަ ވެސް ދިފާއުކޮށްފަ އެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުން ތިން ޕޮއިންޓް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"ކުޅުންތެރިންގެ އެފަޓްއާމެދު ވަރަށް ހިތްހަމަޖެހޭ. މާޒިޔާގެ ކުޅުން މިއަދު އެންމެ ރަނގަޅެއް ނޫން. އެކަމަކު ކުޅުންތެރިން އެ ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ވެލެންސިއާ އިން މެޗުގެ ދެވަނަ ހާފު ފެށުނު ހިސާބުން ވެސް މެޗު ލަސްކުރަން މަސައްކަތްކުރި ކަމަށާއި އެގޮތަށް ކްލަބުތަކުން ކުޅެގެން ދިވެހި ފުޓްބޯޅައިގެ ފޯރި ގަދަައެއް ނުވާނެ ކަމަށެވެ.
"މެޗުގެ 46 ވަނަ މިނިޓުގައި ވެސް ވެލެންސިއާ އިން ބެލީ ލަސްކުރެވޭތޯ. މިއަދު މި ދަނޑަށް މި ވަންނަ ބައެއް ވެސް މި ވަންނަނީ ފުޓްބޯޅަ މެޗެއް ބަލަން. މިގޮތަށް ކުޅެންޏާ މީހުން ފޫހިވާނީ. މާޒިޔާ އަތުން ޕޮއިންޓެއް ހޯދަން ވެލެންސިއާ އިން ބޭނުންނަމަ، ރަނގަޅަށް ކުޅުނުނަމަ މާ ރަނގަޅުވީސް. އެއީ ވެލެންސިއާ އަކީ ރަނގަޅަށް ކުޅޭ ޓީމެއް. މި ގޮތަށް ކުޅެގެން ފުޓްބޯޅައިގެ ފޯރި ގަދައެއް ނުވާނެ،" ސުޒޭން ބުންޏެވެ.
އެކަމަކު ވެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް ބުނީ ވެލެންސިއާ ކުޅުނީ ޕޮއިންޓެއް ހޯދާކަށް ނޫން ކަމަށާއި މެޗުން މޮޅުވާން ކަމަށެވެ. އަދި މެޗު ލަސްކުރަން ވެސް މަސައްކަތް ވެސް ނުކުރާ ކަމަށެވެ.
އިގުބާލް ބުނީ ލީގުގެ ފުރަތަމަ މެޗާ އަޅާބަލާއިރު ވެލެންސިއާގެ ކުޅުން މި މެޗުގައި ވަރަށް ރަނގަލު ކަމަށާއި ހަމައެކަނި މައްސަލައަކީ "ލިބުނު ފުރުސަތުތައް ނިންމާނުލެވުން" ކަމަށެވެ.