ވިޔަފާރި

"ކުއިކް ސްޓެޕް" ފްލޯރިން ޝޯރޫމެއް ހުޅުވައިފި

މަޝްހޫރު "ކުއިކް ސްޓެޕް" ފްލޯރިން ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ބެލްޖިއަމްގެ، ކުއިކް ސްޓެޕްގެ އުފެއްދުންތައް ވިއްކާ ޝޯ ރޫމެއް ރާއްޖޭގައި ހުޅުވާފައިވަނީ ޔޫރަޕުގެ ގިނަ ބްރޭންޑުތަކެއް ރާއްޖެ ގެނެސް ވިއްކަމުން، ގެންދާ ޔޫރޯ މާކެޓިންގެ ސިސްޓަ ކުންފުންޏެއް ކަމަށްވާ އެސެންޝިއާ ކުންފުންޏެވެ.

ކެފެއާ ކުރި މަތިން ހ. ފާލަން ދޮށުގޭގައި ހުޅުވާފައިވާ އެސެންޝިއާ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި "ކުއިކް ސްޓެޕް" ފްލޯރިން ރާއްޖެ އަށް ތައާރަފު ކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް ޔޫރަޕުގެ މޮޅު ޕްރޮޑަކްޓެއް ގެނެސްދިނުން ކަމަށެވެ.

"މިއީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ފްލޯރިން ބްރޭންޑް. ފްލޯރިން މާކެޓުގެ 50 ޕަސެންޓް ޝެއާ ހޯލްޑް ކުރާ ކުންފުނި ކުއިން ސްޓެޕްއަކީ. މި އަޅުގަނޑުމެން ރާއްޖެ އަށް މި ގެނެސްދެނީ ވަރަށް ރީޒަނަބަލް ޕްރައިސްއެއްގައި،" އޮފިޝަލް ވިދާޅުވި އެވެ.

އެސެންޝިއާ ކުންފުނިން ބުނި ގޮތުގައި ކުއިކް ސްޓެޕްގެ ފްލޯރިން ގަންނަ ފަރާތްތަކަށް، ބޭނުންވާ ފުލް ސާވިސް ދޭނެ ކަމަށެވެ. މިގޮތުން މި ފްލޯރިން ޖަހަން ބޭނުންވާ ތަނުގެ މިން ނަގައި ދިނުމާއި ހަރުކޮށް ދިނުމުގެ ހިދުމަތް ވެސް ހިމެނެ އެވެ.

އެސެންޝިއާ ޝޯރޫމުގައި ތަފާތު ފަރުމާތަކުގެ ފްލޯރިން ލިބެން ހުރެ އެވެ. މިގޮތުން ސުވިމިން ޕޫލާއި ފާހާނާ ފަދަ ތަންތަނުގެ ފެނުގެ އަސަރު ކުރާ ހިސާބުތަކުގައި ޖަހަން ހާއްސަ ފްލޯރިން ވެސް ހިމެނެ އެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި މި ފްލޯރިންގެ އަގުތައް ވަރަށް އެކަށީގެންވާނެ އެވެ.

"ޕްރޮޑަކްޓުގެ ފެންވަރާމެދު އެއްވެސް ޝައްކެއް ނެތް. ހަމަ މީގެ އަގު ވެސް ވަރަށް ރީޒަަނަބަލް ވާނެ. ހުޅުމާލެ ފަދަ ތަންތަނަށް އަލަށް ދިރިއުޅުން ބަދަލު ކުރާ ފަރާތްތަކަށް ހާއްސަ އަގުތަކެއް ވެސް މިތަނުން ލިބޭނެ. ރީޓެއިލް ޕްރައިޒްގެ އިތުރުން ޕްރޮޖެކްޓްތަކަށް ހާއްސަ ޕްރައިޒެއް ލިބޭނެ. ވަރަށް ތަފާތު ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެސެންޝިއާ ފިހާރަ އިން ކުއިކް ސްޓެޕްގެ ފްލޯރިންގެ އިތުރުން ވިލަރާން ބޮހް ބްރޭންޑުގެ ފާހާނާ ފިޓިން ވެސް އެ ތަނުން ލިބެ އެވެ. ޖަރުމަނުގެ މި ކުންފުންޏަށް ދެ ގަރުނު ވެއްޖެ އެވެ. މި ޕްރޮޑަކްޓް މިހާރު ރިސޯޓުތަކާއި ބައެއް އިމާރާތްތަކުގައި ވެސް ބޭނުންކުރެ އެވެ.