ވިޔަފާރި

އިޓަލީ އާއި ރަޝިޔާ މީހުން ގިނައިން ތިބެނީ ގެސްޓްހައުސްތަކުގައި!

  • 85 ޕަސެންޓް ރިސޯޓުތަކުގައި
  • 99 ޕަސެންޓް ޗުއްޓީއާ މެދު ހިތްހަމަޖެހޭ
  • އިނގިރޭސިންނަށް ރަނގަޅީ ރިސޯޓުތައް

މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އިޓަލީ އާއި ރަޝިޔާ މީހުން ގިނައިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައި ކަމަށް ސާވޭ އިން ދައްކައިފި އެވެ.

ރާއްޖޭގެ މައި ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހަވާލު ކޮށްގެން، ސީޑީސީ ކޮންސެލްޓެންސީ އިން ކުރި ދިރާސާ އިން ދެއްކި ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އައި ރަޝިޔާ މީހުންގެ 30 ޕަސެންޓް ތިބީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކުގަ އެވެ. އަދި އިޓަލީ މީހުންގެ ނިސްބަތް ވެސް އުޅެނީ މި ވަރުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރަޝިއާއިން 61,931 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 46,522 މީހުންނާ އަޅާ ބަލާއިރު 33.1 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އިޓަލީން މިދިޔަ އަހަރު 88,848 މީހުން އައިސްފައިވެ އެވެ. އަދި މި އަދަދަކީ އޭގެ ކުރީ އަހަރު އައި 71,202 މީހުންނާ އަޅާ ބަލާއިރު 24 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކުގެ މައްޗަށް ބިނާކޮށް ހެދި ސާވޭއިން ދެއްކި ގޮތުގައި ރިސޯޓުތަކުގައި ގިނަ ޗުއްޓީ ހޭދަ ކޮށްފައިވަނީ އިނގިރޭސިންނާއި ޖަޕާނު މީހުން އަދި އެހެން ގައުމުތަކުގެ މީހުންނެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ 85 ޕަސެންޓް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ. އަދި ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރާ މީހުން ބޮޑު ބައެއް [57 ޕަސެންޓް] މީހުން އެވްރެޖު ގޮތެއްގައި 4-7 ރޭ ހޭދަކުރެ އެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން އާއްމު ގޮތެއްގައި ހޭދަކުރަނީ 1-3 ރެ އެވެ.

ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެމީހުން ހޭދަކުރި ޗުއްޓީއާ މެދު ވަރަށް ހިތްހަމަ ޖެހެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 1.3 މިލިއަން މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު އައީ 1.2 މިލިއަން މީހުންނެވެ.