މީގެ 18 އަހަރު ކުރިއަށް ޖެހިލައިފިނަމަ، ގައުމީ ޓީމުގައި ގިނައީ މާލެއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެ ނިސްބަތް ބަދަލުވެ، މިދިޔަ 10 ނުވަތަ 12 ވަރަކަށް އަހަރު ތެރޭ، ގައުމީ ޓީމުގައި ގިނައީ އަތޮޅު ތަކުގެ ތެރެއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެންމެ ފަހުން އެކުލަވައިލި ގައުމީ ސްކޮޑްގައި ވެސް ދެ ނަމެއް ނުވަތަ ތިން ނަމެއް ފިޔަވައި ދެން ތިބީ ހުސް އަތޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް އަރަން ތިބި ގިނަ ކުޅުންތެރިންވެސް ނިސްބަތްވަނީ ވެސް އަތޮޅު ތަކަށެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހަގީގަތަކީ އެއީ އެވެ. ހުނަރުވެރި ކުޅުންތެރިން އުފައްދަނީ އެކި އަތޮޅުތަކުގެ ތެރެއިންނެވެ. އުފައްދަނީކީ ނޫނެވެ. ނެޗްރަލް ޓެލެންޓްގެ ގޮތުގައި އުފެދެނީ އެވެ. ވެރި ރަށް މާލެ އާ ގާތްކުރާ ވަރަށްވެސް، އަތޮޅު ތަކުގައި ފުޓްބޯޅައިގެ ގްރާސްރޫޓް މަސައްކަތް ކުރިއަކަށް ނުދެ އެވެ. މާލޭގައި ގިނަ އެކެޑެމީތަކެއް އެބަހުއްޓެވެ. އެ ފެންވަރުގެ ރަނގަޅު އެންމެ އެކެޑެމީއެއް ވެސް އަތޮޅެއްގައި ނެތޭ އެވެ. އެފްއޭއެމްގެ ޔޫތު ޑިވްލަޕްމެންޓް ޕްރޮގްރާމް އައްޑޫގައި ހިންގަ އެވެ. ނަމަވެސް މާލެއާއި އެއްވަރަށް ފެސިލިޓޭޓަރުންނާއި ރިސޯސް ނެތުމަކީ ދިމާވާނެ މަސައްލައަކަށް ވެދާނެ އެވެ.
އަތޮޅުތަކުން އެތައް ބައިވަރު ކުޅުންތެރިންނެއް، ބޯން ޓެލެންޓްގެ ގޮތުގައި އުފެދިގެން އަންނައިރު، ޅަ އުމުރުގައި އެ ކުދިންނަށް ފުޓްބޯޅައިގެ ވެލިއުސް އުގަންނައި ދޭން ޖެހެ އެވެ. މިދިޔަ އަހަރު، އެފްއޭއެމް އައްޑޫގައި ހިންގި "ޓްވޯޑްސް ފިއުޗާ" ޕްރޮގްރާމް ދަށުން، އައްޑޫއިން ފާހަގަވި ތިން ކުޅުންތެރިޔަކު 19 އަހަރުން ދަށުގެ ގައުމީ ޓީމު ޕްރެކްޓިހަށް މާލެ ގެނެ އެވެ. ނަމަވެސް މަގުބޫލު ނޫން ސަބަބުތަކެއް މެދުވެރިވެ އެ ކުދިން ޓީމުން ގެއްލިއްޖެ އެވެ. އެހެން ވާން ޖެހުނީ، ހަރުދަނާ ގްރާސް ރޫޓް ޓްރެއިނިން ލިބިފައި ނެތުމުންނެވެ.
"އެކެޑެމީގެ ގަޑި ފެށުނީމަ އެކެޑެމީގެ ކޯޗް އައިސް ކުޅުންތެރިން ކުޅޭތަން ބަލަން ހަށަން ބަނދެލައިގެން ހުރެފައި ގަޑި ނިމުނީމަ ދިޔައީމާ އެކެޑެމީއިން ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލެއް ނުކުރެވޭނެ،" ލ. ކުނަހަންދޫގައި "ކުނަހަަންދޫ ސޮކާ އެކެޑެމީ" ނަމުގައި އެކެޑެމީއެއް ހިންގާ، ކުރީގެ ކުޅުންތެރިޔާ އަދި ކޯޗް ލިރުގާމު ސައީދު (ލަރޭ) ބުންޏެވެ.
"އެކެޑެމީތަކުގެ ޕްލޭނެއް އޮޮންނަން ޖެހޭނެ ޕްލޭނެއް ނެތި ކިތަންމެ ވަރަކަށް ބޯޅަ ތަޅަން ތިއްބަސް އެކެޑެމީން ނިކުންނާނެ ނަތީޖާއެއް ނޯންނާނެ، އަޅުގަނޑުމެން މަސައްކަތް ކުރަނީ ޕްލޭން ތަކެއް ހަދައިގެން، މާއްޓޭ [މައުރޫފް އަހްމަދު] އެކުލަވާލައި ދިން ޕްލޭންއަކަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ، އެގޮތުން އަޅުގަނޑުމެންގެ މި އަހަރުގެ އަޅުގަނޑުމެންގެ ޓާގެޓަކީ އެކެޑެމީގެ ދެ ކުޅުންތެރިޔަކު 2019 ގައި ސީނިއާ ކެރިއަރަށް ނެރެ ދިނުން."
އައްޑޫ ކަހަލަ ބޮޑެތި ތަންތަނަކީ، އެކެޑެމީއެއް ރަނގަޅަށް ހިންގިދާނެ ތަނެކެވެ. އަޅުގަނޑުގެ ވިސްނުމުގައި، އައްޑޫގައި އެފްއޭއެމުން ހިންގާ އެކެޑެމީގެ ފިލޯސަފީ ބަދަލު ކޮށްފިނަމަ، އައްޑޫއިން ގައުމީ ޓީމަށް ގެނައި ދެ ކުޅުންތެރިންނަށް އެހެން ދިމާ ނުވާނެ އެވެ. އެ ދެ ކުޅުންތެރިންނަކީ، އައްޑޫގައި ހިންގާ އެފްއޭއެމްގެ ވައިޑީޕީ ޕްރޮގްރާމްގެ ދަށުން ޓްރެއިންތައް ފުރިހަމަ ކުރި ދެ ކުޅުންތެރިންނެވެ.
އެފްއޭއެމްގެ ޓްކެނިކަލް ޑައިރެކްޓާ ކޭން ވަންލީގެ ބެލުމުގެ ދަށުން، ގްރާސް ރޫޓް ކޯޗުން ތާޒާ ކުރުމުގެ ޕްރޮގްރާމުތަކެއް ފެށި އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވި އެކެޑެމީއެއްގެ ކޯޗަކު ބުނި ގޮތުގައި ކުޑަ ކުދިންނަށް ފުޓްބޯޅަ ދަސް ކޮށްދިނުމުގައި އާ މައުލޫމާތު ތަކެއް ވަންލީގެ ޕްރޮގްރާމުން ލިބިގެން ދިޔަ އެވެ. އެ މައުލޫމާތު ރަނގަޅަށް ތަންފީޒު ކުރެވޭނަމަ ނަތީޖާ ނެރެވިދާނެ އެވެ. ނަމަވެސް، ގްރާސް ރޫޓް ކޯޗުން ތާޒާ ކޮށްގެން އެކަނި ފަރުޖައްސާލެވޭކަށް ނެތެވެ.
ގްރާސްރޫޓް ޕްރޮގްރާމުގައި، ރާއްޖެއަށް ވުރެ ކުރީގައި ބޫޓާން ވެސް އެބައޮތެވެ. މިދިޔަ އަހަރު ބޭއްވި އޭއެފްސީ އެވޯޑް ނައިޓްގައި، ބޫޓާންއަށް ވަނީ ގްރާސްރޫޓް ޑިވެލޮޕްމެންޓްގައި އެވޯޑެއް ލިބިފަ އެވެ. ގްރާސްރޫޓް ފުޓްބޯޅައިގައި އުންމީދީ އެވޯޑް ގެންދިޔައީ ބޫޓާނުންނެވެ. ރާއްޖެއަށް އޮތީ ކޮން މާކުހެއް ކަމެއްވެސް ނޭނގެ އެވެ. ނުވަތަ ރާއްޖޭގެ ލެވަލްއަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.
ރާއްޖޭގެ ގްރާސްރޫޓް ރިވިއު ކުރަން ޖެހެ އެވެ. ބާގަނޑުތަކާއި ހުރިނަމަ އެނގޭނީ އޭރުންނެވެ. އެއަށްފަހު ބޭރުގެ އެކްސްޕާޓެއް ހޯދައިގެން ރާއްޖޭގެ އެކެޑެމީ ޕްލޭންއެއް އެކުލަވާ ލެވިދާނެ އެވެ. އަތޮޅުތަކުގެ ތެރޭގައި ހިންގާ އެކެޑެމީތައް އެ ޕްލޭނާ އެއްގޮތަށް ހިންގުމަށް ބާރު އެޅި ދާނެ އެވެ.
"ގްރާސް ރޫޓް ޕްރޮގްރާމަށް މާލެއަށް ވުރެ ފަހި ފުރުސަތެއް އޮތީ އަތޮޅުތަކުގެ ތެރޭގައި، މާލޭގައި އެކެޑެމީތަކަށް މި އޮންނަނީ ދެ ދަނޑު ރަށްރަށުގައި ނަމަ މުޅި ދަނޑު އެކެޑެމީއަށް ލިބޭނެ، އެފްއޭއެމުން ޕްލޭނެއް ހަދާފަ އަންގަންވީ އެ ޕްލޭންގައި ހިމެނޭ ކްރައިޓީރިއާ ތަކަށް ރަށްރަށުގެ އެކެޑެމީތައް ހަދަން، އަދި އެފްއޭއެމުން އެކެޑެމީތަކަށް ފޯރު ކޮށްދޭ އެހީތެރިކަން ވެސް ލިބޭނީ އެ ޕްލޭނާއެއްގޮތަށް ހިންގާ އެކެޑެމީ ތަކަށް ކަމަށް ކަނޑައަޅަންވީ، އޭރުން ރަށްރަށުގައި ހިންގާ އެކެޑެމީތައްވެސް ހަރުދަނާ ކުރެވޭނެ." ގައުމީ ޓީމަށް ވެސް ކުޅުނު ލަރޭ ބުންޏެވެ. "އެ ޕްލޭން އެކުލަވާލާފައި އެކެޑެމީތަކަށް އެފްއޭއެމުން ފޯރު ކޮށްދޭ އެހީތެރިކަން އިތުރު ކުރުމަކީ ވަރަށް މުހިންމު ކަމެއް، އަދި އެ ޕްލޭނަށް މަސައްކަތް ކުރޭތޯ ބަލަން އެފްއޭއެމްގެ ޓީމުތައް ރަށްރަށަށް ޒިޔާރަތް ކޮށް މޮނިޓާ ކުރަންވެސް ޖެހެނޭ."
ކުދި އާބާދީތައް ހިމެނޭ ރަށްރަށުގައި ވެސް ހަރުދަނާ ކަމާއެކު އެކެޑެމީ ހިންގިދާނެކަން އޭނާއަށް ސާބިތު ކޮށްދެވިއްޖެ ކަމަށް ލަރޭ ބުންޏެވެ.
"މިއީ 800 މީހުންގެ އާބާދީއެއް، އެހެން ނަމަވެސް އަޅުގަނޑުމެންގެ އެކެޑެމީވެސް މި ހިންގަނީ، ނަތީޖާ ވެސް ރަނގަޅު މިހާތަނަށް އަޅުގަނޑު ނެރެދިން ކުއްޖަކު ފުޓްބޯޅަ ކުޅެން ފަށާފައި އެކެހެރި ވެފައެއް ނެތް." ކުނަހަންދޫއަށް ނިސްބަތްވާ ގައުމީ ޓީމުގެ ފޯވަޑް މުހައްމަދު އުމޭރަށް އިރުޝާދު ދިން ލަރޭ ބުންޏެވެ.
އެކެޑެމީ ހިންގަން ރަށްރަށުގައި ވަސީލަތެއް ނެތް
ސަރުކާރުން ވައުދުވީ ގޮތަށް ކުޅިވަރު ވައުދުތައް ހިނގަމުން ނުދިއުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ. ސްޕޯޓްސް އެރީނާގެ ނަމުގައި ރަށްރަށުގައި ގާއިމު ކުރަން ހުރި ގިނަ ކަންކަން އޮތް ހިސާބެއް ވެސް ނޭނގެ އެވެ. ފުޓްސަލް ދަނޑެއް އެކަނި އޮތުމަކީ ސްޕޯޓްސް އެރީނާއެއް ނޫނެވެ. ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑުތައް ބިނާ ކޮށްފައި އެބަހުއްޓެވެ.
"އަޅުގަނޑުމެން މި އަޅާ ފުޓްސަލް ދަނޑުތަކަކީ އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ދަނޑުތައް." ކުރީގެ ސްޕޯޓްސް މިނިސްޓަރަކު ވިދާޅުވެފައި އެވެ. ނަމަވެސް ފީފާ ކަނޑައަޅާ މިންގަޑުގައި ފުޓްސަލްއަކީ އިންޑޯ ކުޅިވަރެކެވެ. އެ ސްޓޭންޑަޑްގައި ދަނޑުތަކުގެ ގްރައުންޑްގައި އަޅާފައި އޮންނަނީ، އިންޑޯ ފްލޯރ އެކެވެ. ފުޓްސަލްގައި ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތް ކުރާނަމަ، އެކަމަށްވެސް ވަސީލަތް ތަނަވަސް ވެފައި ނެތެވެ.
ދެން އޮތީ، އެ ދަނޑުތަކުން ފުޓްބޯޅައަށް ލިބެން އޮތް ފައިދާ އެވެ. ލަރޭ ބުނި ގޮތުގައި ފުޓްސަލް ދަނޑުތަކުގައި، ފުޓްބޯޅަ ޑިވްލަޕްމެންޓަށް މަސައްކަތް ކުރާނެ ޖާގަވެސް ނެތެވެ.
"ގްރާސްރޫޓްގައި ވެސް އެބަ ބޭނުންވޭ ވަކި މީޓަރެއް ހުންނަ ގްރައުންޑެއް، ފުޓްސަލް ދަނޑުތަކުގައި ގްރާސްރޫޓް ޕްރޮގްރާމަށާއި ފުޓްބޯޅަ އަށް ކޭޓާ ނުކުރެވޭނެ،" ކުނަހަންދޫ ކައުންސިލްގެ ނައިބު ރައީސް ކަންވެސް ކުރާ ލަރޭ ބުންޏެވެ. "އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ފުޓްބޯޅައަށް އެންމެ ބޮޑަށް ފައިދާ ކުރާނެ ކަމަކަށް ވާނެ ކަންނޭންގެ ދަނޑުތަކުގައި ޓާފް ވިނަ އަޅައި ދިނުން، މިއީ ސަރުކާރުން ވެސް ވިސްނާލަން ޖެހޭ ކަމެއް."
ޓާފް އަޅާފައި އޮންނަ ދަނޑުތައް ރަށްރަށުގައި ގާއިމު ކުރެވިއްޖެނަމަ، ގްރާސްރޫޓް ހިންގުމަށް އެކަމުން ވަރަށް ބޮޑު ފުރުސަތެއް ހުޅިވިގެން ދާނެއެވެ. މިއީ ހަމައެކަނި އެފްއޭއެމްގެ ކަމަކަށް ނުދެކި ސަރުކާރުން މި ކަމުގައި ހިއްސާ ވުމަކީ މުހިންމު ކަމެކެވެ.
ގްރާސްރޫޓް ޕްރޮގްރާމުން ކުދިންނަށް ދަސްކޮށްދޭންޖެހޭ އެންމެ މުހިންމު ވެލިއު އަކީ، ފުޓްބޯޅައިގައި ލައިފެއް އޮތް ކަމެވެ. ޕްރޮފިޝަން އެއްގޮތަށް ފުޓްބޯޅަ ކެރިއާ ކުރިއަށް ގެންދެވިދާނެ ކަމެވެ. އެކެޑެމީތަކާއި ގްރާސްރޫޓް ޕްރޮގްރާމުތަކުން ފޯރުކޮށްދޭންޖެހޭ އެންމެ މުހިންމު ފިލަވާޅަކީ މިއެވެ. ފުޓްބޯޅައިން ލައިފެއް ބިނާ ކުރުމެވެ.
ހަރުދަނާ ކަމާއެކު އެކެޑެމީ އެންމެ ރަނގަޅަށް ހިންގެން އޮތްތަނަކީ އަތޮޅު ތެރެ އެވެ. ދަނޑު ނުލިބުމުގެ ދަތިކަމެއް އަތޮޅު ތެރޭގައި ދިމާ ނުވާނެ އެވެ. އަތޮޅު ތެރެއިން އަންނަ ބޯން ޓެލެންޓަށް ކުޑައިރުންސުރެ ގްރާސްރޫޓް ޕްރޮގްރާމްގެ ތެރެއިން ތަމްރީން ދެވޭނެ ނަމަ، ހުނަރުގެ ގޮތުން އެންމެ މަތީ ފެންވަރުގެ ކުޅުންތެރިން ރާއްޖޭގައި އުފެދޭނެ އެވެ. ރަނގަޅު ވަސީލަތް ގާއިމުކޮށް ފުރުސަތު ދޭންވީ އަތޮޅު ތެރެއަށެވެ. ނަތީޖާ ފެންނާނެ އެވެ.