ފެބްރުއަރީ މަހު އަރަބި އެމިރޭޓްސްގެ ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް ފުޓްބޯޅަ މުބާރާތަށް، ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމު ފުރައިގެން ދިޔައީ ބޮޑެތި އުންމީދުތަކާއެކު އެވެ. އެ މުބާރާތުގައި ރާއްޖެއަށް ކުޅެން ޖެހުނު އެއް ޓީމަކީ އާސެނަލްގެ އެކެޑެމީ ޓީމެވެ. ރާއްޖެ ކަހަލަ ގައުމެއްގެ ޒުވާން ޓީމަކަށް އެވަރުގެ ޓީމަކާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ، ޓީމަށް ލިބޭނެ ބޮޑު ފުރުސަތެއްގެ ގޮތުގައި ދިވެހި ޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަހީނާ) ސިފަ ކުރި އެވެ.
އެ މުބާރާތާ ހަމައިން، ޒުވާން ޓީމުގެ ތަރައްގީއަށް ކުރަން އޮތް ދަތުރުތައް ނިންމާލާ ގޮތަކަށް ނެތެވެ. ފެބްރުއަރީ މަހު އެމިރޭޓްސްއަށް ދަތުރަށް ފަހު އެނބުރި އައިސް ސްކޫލް ބަންދުގައި ފިލިޕީންސްގައި އޮތް މުބާރާތެއްގައި ބައިވެރިވުމަށް އެފްއޭއެމުން އޮތީ ރާވާފަ އެވެ. އަދި އެ ޓީމު އެކުގައި މާލެއިން ބޭރަށްވެސް ދަތުރުތައް ކުރުމަށްވެސް އޮތީ ރޭވިފަ އެވެ. އެކިއެކި އެކެޑެމީތަކުން ނެގި ކުދިން ކަމަށްވުމުން ޓީމު އެކުގައި ގިނަ ވަގުތު ގެންގުޅެގެން ރަނގަޅު ބޮންޑެއް ޓީމު ތެރޭގައި އުފެއްދުން އެއީ މުހިންމު ކަމެއްގެ ގޮތުގައި އެފްއޭއެމުން އޮތީ ފާހަގަ ކޮށްފަ އެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ހުއްޓި ރޭވި ޕްލޭނާއި ކުރަން ހަމަޖެހިފައިވާ ދަތުރުތައް މަޑު ޖެހުނީ އެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އިންސާނީ މި ބަލިމަޑު ކަމުގެ ވާބާގައި ރާއްޖޭގެ ފުޓްބޯޅަވެސް ޖެހުނީ އިސްޖަހާލައި މަޑުޖައްސާލަފައި ބާއްވާށެވެ. އޭގެ ގެއްލުމުގެ އަސަރު ނުކޮށް ނުދާނެ އެވެ.
"ޔޫރަޕްގައި އެހާ ދުވަހު ނުކުޅެތިބެ ޖޫން މަހު އަލުން ކުޅެން ފެށިއިރު ފެންނާނެ އެ ޓީމުތަކުގެ ކުޅުމަށް އައިސްފައިވާ ބަދަލުވެސް،" ކޮވިޑްގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރާނެ އަސަރާ ބެހޭގޮތުން ކުޑަ ހީނާ ވާހަކަ ދެއްކި އެވެ. "އަދި ރާއްޖެ ކަލަހަ ސެމީ ޕްރޮފިޝަނަލް ގައުމަކަށް އަސަރު ކުރާ ވަރު ކިހާ ބޮޑުވާނެ. ޔޫރަޕްގެ ޓީމުތައް (ޓެކްނިކަލީ) ހަމަޔަކަށް އެ އެޅުނީ އަދި ކިރިޔާ."
އާންމު ފުޓްބޯޅައަށް ލިބުނު އަދި ކުރިމަތި ވާނެ ގެއްލުމަށް ވުރެ، ޔޫތު ޑިވްލަޕްމެންޓް މަރުހަލާގައި އެ ގެއްލުން މާ ބޮޑަށް ކުރިމަތި ވާނެ އެވެ. ކޮންމެ ކުޅިވަރެއްގައިވެސް ޑިވްލަޕްމެންޓް ސްޓޭޖަކީ އެންމެ ފަރުވާތެރި ވާން ޖެހޭ މަރުހަލާ އެވެ. ފުޓްބޯޅަ ކަހަލަ ގިނަ ކުޅުންތެރިން ޝާމިލު ވެގެން ކުޅޭ ކުޅިވަރަކަށް، ކޮވިޑްގެ ސަބަބުން އަސަރު ކުރާލެ ބޮޑު ވާނެ އެވެ. ކޮވިޑްގެ ނަންބަރުތައް ތިރިވިއަސް ފިޔަވަޅުތައް ހިންދާލިއަސް ހާލަތު އޮތީ އޮތްގޮތުގަ އެވެ. އާންމު ގޮތެއްގައި ޓީމު ސްޕޯޓްސް ކުރިއަށް ގެންދަން އަދިވެސް މާހައުލެއް ނެތެވެ. މިހާލަތު ދިގު މުއްދަތަކަށް ދެމިގެންދާނަމަ، އުންމީދު ނުކުރާ ފަދަ މަންޒަރެއްވެސް ފެނުން ކައިރި އެވެ.
"އަދިވެސް އަނެއްހެން ބުނަންޏާ ޓީމެއްގެ ސިފައިގައި ޕްރެކްޓިސްއެއް ނުފެއްޓޭ ދެއްތޯ،" ޓީސީ ފުޓްބޯޅަ އެކެޑެމީގެ ހެޑް ކޯޗް ޔޫސުފް އަޒީމް (ޔޫއްޓޭ) ވާހަކަ ދެއްކި އެވެ. "މިހާރު ވަރަށް ދަށްކޮށް މިދަނީ. ކުޑަކުދިން ވީމަ ބައެއް ފަހަރު ވާނެ ގޮތަކީ ކުދިން ކުޅުމާ އެއްކޮށް ދުރުވެސް ވެދާނެ، މިހާ ދިގުމުއްދަތެއް ދިޔައީމަ ބައެއް ކުދިން ގެއްލުން ވެސް އެކަށީގެންވޭ. އެހެން ނޫނިއްޔާ އޭނާގެ ސްޕޯޓްސް ބަދަލުވުންވެސް އެކަށީގެންވޭ. މިސާލަކަށް ފުޓްބޯޅަ ކުޅެކުޅެ ހުރެފައި ފުޓްބޯޅަ ނުކުޅެވެންޏާ އެހެން ކުޅިވަރަކަށް ގެންދާނެތާ ގޭގައި ކަމެއް ނެތި ނުބަހައްޓަން ގިނަ ޕޭރެންޓުން ބޭނުންވަނީ ކޮންމެވެސް ކަހަލަ ކަމެއްގައި އެކްޓިވްކޮށް ކުދިން ގެންގުޅެން."
ވަކިވަކި ކުދިން ގެނެސް އިންޑަވިޖުއަލް ހުނަރުތަކުގެ ޓްރޭނިން ޓީސީ އެކެޑެމީން ވަނީ ފަށާފަ އެވެ. އިންޑަވިޖުއަލް ޓްރޭނިންތައް ކުރިއަށް ގެންދެވުނަސް ޓީމެއްގެ ސިފައިގައި ޕްރެކްޓިސް ނުކުރެވޭހާ ހިނދެއްގައި ފުޓްބޯޅައިގެ ގޭމްގެ ހުނަރަށް އަަސަރު ކުރާނެ ކަމަށް ޔޫއްޓޭ ބުންޏެވެ. އެތުލެޓިކްސް އަދި ބެޑްމިންޓަންގެ އެކެޑެމީ ލެވަލްގެ ޓްރޭނިންތައް މިހާރު ވަނީ ފަށާފަ އެވެ.
"ފުޓްބޯޅަވެސް ހުއްދަ ނުދޭންވީ ސަބަބެއް ނެތް،" ޔޫއްޓޭ ފާހަގަ ކުރި އެވެ. އެވެސް ކުޅެވޭނެ ކޮންމެވެސް ގޮތެއް އޮންނާނެތާ ކޮންމެހެން 20 ކުދިން ގެންނާކަށްވެސް ނުޖެހޭ ކޮންމެ ގަޑިއިރަކު ވަކި ވަރަކަށް ބަހާލައިގެން އެހެން ގެނެސްފަ ވެސް ކުޅެވޭނެ ކަހަލަގޮތަކަށް ހުއްދަ އެބަ ދޭންޖެހޭ."
"މިހާރު ފަސް ކުދިން ވީމަ ބައިބަހައިގެންވެސް ނުކުޅެވޭނެ މީތި ދިގު ދެމޭ ކަމަށް ވަންޏާމު ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ ވަރަށް ރަނގަޅު ކުދިންތަކެއް ގެއްލިގެންވެސް ގޮސްދާނެ ގިނަ ދުވަހަށް ދެމިގެންދާ ކަމަށް ވަންޏާމު. މިހާރު ބައެއް ކުދިން އުޅޭނެ މިހާ ދިގު މުއްދަތެއް ދިޔައީމަ އަލުން ނާންނަނަށް ހީފާފަ."
މާލޭގައި، ތިން މަސް ދުވަހަށް ކުރި ލޮކްޑައުން އާއެކު، ގޭތެރޭގައި ތަނަވަސްކަން ހުރި ކުދިން އިންޑަވިޖުއަލް ޓްރޭނިންތައް ގޭތެރޭގައި ކުރިއަށް ގެންދިޔަ އެވެ. އެހެންނަމަވެސް ގޭތެރޭގެ އެވަރުގެ ޖާގަ ލިބެން ނެތް ކުދިންނަށް އޭގެ އަސަރު ކުރި އެވެ. ޔޫއްޓޭ ބުނިގޮތުގައި، އިންޑަވިޖުއަލް ޓްރޭނިންއަށް ކުދިން އައިރު ބައެއް ކުދިން ފިޒިކަލީ ކޮންމެވެސް ވަރަކަށް ދަށް ވެފައި ހުއްޓެވެ.
"ބައެއް ކުދިން ފިޒިކަލީ ކޮންމެވެސް ވަރަކަށް ދަށްވެފައި،" ލޮކް ޑައުންއާއެކު ކުރިމަތިވި ހާލަތުގެ ސަބަބުން ކުދިންނަށް ކުރިމަތި އުނދަގޫތަކާ ބެހޭގޮތުން ޔޫއްޓޭ ވާހަކަ ދެއްކި އެވެ "ދެން ގިނަ ޕޭރެންޓުން ގޭގަ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރުވާފަ ހުރީ. ފުޓްބޯޅައިގެ ވާނެ ގޮތަކީ ފިޒިކަލް ޓްރޭނިންތަކެއް އެކަނި ހެދިޔަސް ކަމަކު ނުދާނެ ބޯޅަ އާއެކީގައި މަސައްކަތް ނުކުރެވެންޏާ ކޮންޓްރޯލް ގެއްލޭނެ ދެން ބައެއް ސްކިލްސް އާއެއްޗި ވަރަށް ބޮޑަށް މިސްވެގެންދާނެ އަދި އިންޑަވިޖުއަލްކޮށް މިހެން ނެރުނަސް މެޗު ނުކުޅެވެންނާ ވެސް އޭތި އަންނާނެ. ޕާސްތަކާއި އެއްޗހި ވަރަށް ބޮޑަށް ދާނެ."
އެކެޑެމީތަކުގެ ޓްރޭނިން ނުފެށި ދިގުލާ ވަރަކަށް ފުޓްބޯޅަ ކުޅޭ ކުދިން އެހެން ކުޅިވަރުތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ޔޫއްޓޭ ބުންޏެވެ. ބާސްކެޓްބޯޅަ އެކެޑެމީތަކަށް ޓްރޭނިން ފެށުމުގެ ހުއްދަ ލިބޭތޯ ބާސްކެޓް އެސޯސިއޭޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެފްއޭއެމުންވެސް ފުޓްބޯޅަ އެކެޑެމީތަކަށް ހުއްދަ ދިނުމުގައި އިސްވެ މަސައްކަތްތަކެއް ކުރަންޖެހޭކަން ޔޫއްޓޭ ފާހަގަ ކުރި އެވެ.
ފުޓްބޯޅައިގެ ޑިވްލަޕްމެންޓްގައި މިއަހަރަކީ އެންމެ އުނދަގޫ އެއް އަހަރެވެ. ކޮވިޑްގެ ވާބާގައި ޖެހި ޑިވްލަޕްމެންޓް ސްޓޭޖުގެ މުބާރާތްތައް މިއަހަރު ބޭއްވޭ ގޮތެއް ނުވި އިންޓަ ސްކޫލް މުބާރަތަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ކުޅުންތެރިންތަކެއް އުމުރުފުރާތަކުގެ ގައުމީ ޓީމުގެ ޕޫލްގެ ތެރެއަށް ވަދެގެންދާ މުބާރާތެވެ. މިފަހަރު އެމުބާރާތް ބޭއްވޭނެ ގޮތެއް ނުވި އެވެ. އެކެޑެމީ ތަކުގެ ތިން އުމުރުފުރައަށް މިއަހަރު ފުޅާވެގެންދާ ގޮތަށް އޮތް އެކެޑެމީ މުބާރާތް މިއަހަރު ބޭއްވޭ ގޮތެއް ނުވި އެވެ. އުމުރުފުރާތަކުގެ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްތަކެއް މިއަހަރު ނެތެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން މިހުރިހާ ކަންތައްތަކަކަށް ކުރިމަތިވި ގެއްލުންތައް ފޫބެއްދުމަށް ޕޯސްޓް ކޮވިޑް ޕްލޭން އެކުލަވާލުމުގެ މަސައްކަތް އެފްއޭމުން ދަނީ ކުރަމުންނެވެ. އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަމާޒަކީ ޑިސެމްބަރު މަހު އެ ޕްލޭން އާންމު ކުރެއްވުން ކަމަށެވެ.
ޔޫތު ޑިވްލަޕްމެންޓް ޕްރެކްޓިސްތަށް އަލުން ފަށާއިރު އިސްކަން ދޭން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. ގައުމީ 13 އަހަރުން ދަށުގެ ކޯޗް ކުޑަ ހީނާ ބުނި ގޮތުގައި އެފްއޭއެމްގެ ވިސްނުންތަކެއް މިހާރުވެސް އެބަހުއްޓެވެ.. ކޮވިޑްގެ ކުރިން އޮންނަނީ ޑިވްލަޕްމެންޓް ސްޓޭޖުގައި ކޮންމެ ހަފުތާއަކު ތިން ޓްރޭނިން ސެޝަން ކުރިއަށް ގެންދާ ގޮތަށެވެ.
"ހުރި ވިސްނުމަކީ އަލުން ފަށާއިރު ހަފުތާއަކު ހައެއް ނުވަތަ ފަސް ދުވަހު ޓްރޭނިނިއްތައް ކުރިއަށް ގެންދިއުން." ހިނާ ކިޔައި ދިނެވެ.
ގޭތެރޭގައި ތިބެތިބެފައި އައި ކުދިންނަށް އަލުން ފީލްޑް ޓްރޭނިންތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތް ތަފާތެވެ. ރާއްޖޭގެ ކުޅުންތެރިންގެ ފިޒިކަލްއަށް ބަލާފައި ރާއްޖެއާ އެންމެ ގުޅެނީ ހަލުވި ޕާސިން ގޭމެއް ކަމަށް ގައުމީ ޓީމުގެ ކޯޗް މާޓިން ކޫޕްމަން ކުރިން ވާނީ ފާހަގަ ކޮށްފަ އެވެ. އަލުން ޓްރޭނިންތައް ފަށާއިރު ޒުވާން ކުދިންގެ ޓްރޭނިންތަކުގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަން ޔޫއްޓޭ ފާހަގަ ކުރި އެވެ.
"އަންޑާ 13، 14 އަށް އޭގެ އަސަރު ކުރާނެ،" ޔޫއްޓޭ ފާހަގަ ކުރި އެވެ އެއީ ފާސްޓް ގޭމަކަށް ދަންޏާމު އޭގެ އަސަރު ކުރާނެ އެއީ ގޭގައި ތިބުމުން ކޮންމެވެސް ވަރަކަށް ސްލޯ ވާނެތާ، ދެން ފޯކަސް ކުރަން ޖެހޭނެ ސްކިލްސްތަކަށްވެސް."
މިއީ ޒުވާން ކުޅުންތެރިންގެ ޑިވްލަޕްމެންޓް ކަމަށް ވުމުން ޓްރޭނިންތަކެއް އެކަނި ކުރިޔަސް މިކަން ފަރުޖައްސަލާ ލެވޭކަށް ނެތެވެ. އެ ކުދިން ޝައުގުވެރިކަން ނުގެއްލޭނެ ގޮތަށް މި މަސައްކަތް ރާވަން ޖެހެ އެވެ. ކުދިން ފޯކަސް ކުރާނެ ހަރަކާތެއް ކުރިމަތީގައި އޮތުން މުހިންމެވެ. ކުރިމަތީގައި އެއްވެސް އެއްޗެއް ފޯކަސް ކުރަން ނެތި ކުދިންގެ ޝައުގުވެރިކަން ގެއްލުމުގެ ފުރުސަތު އޮވެއެވެ.
"ކުރީބައިގައި މުބާރާތެއް އޮންނަކަން އެނގެންޏާ ޕްރެކްޓިސް ކުރާނެ މުބާރާތެއް އޮންނަންޏާ ޓީމަށް އަރަން މަސައްކަތް ކުރާނެ،" ޑިވްލަޕްމެންޓްގައި މަސައްކަތް ކުރާތާ ގިނަ އަހަރުތަކެއްވީ ޔޫއްޓޭ ބުންޏެވެ. "އިންޓަ ސްކޫލްވެސް ނެތް. ހަމަ އެވެސް ކަމެއް ނެތިއްޔާ އެ މައްސަލަ ކުރިމަތިވާނެ."
ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމަކީ ފުޓްބޯޅައިގެ އުންމީދީ ޖީލެކެވެ. ޔޫއްޓޭ ބުނީ އަވަރުގެ އެހެން ބެޗެއް މާލެ އިން މިވަގުތު ނުރެވޭނެ ކަމަށެވެ. "އެއް ފެންވަރެއްގެ ބައިވަރު ކުދިން ގާތްގަނޑަކަށް 14 ވަރަކަށް ކުދިން، ދެން ހީއެއްނުވޭ މި މާލެ ސަރަހައްދަކުން އެވަރުގެ އެހެން ބެޗެއް ނެރެވޭނެ ހެނެއް." ޔޫއްޓޭ ފާހަގަ ކުރި އެވެ. އެވަރުގެ ބެޗަކަށް އެފްއޭއެމުން މިހާލަތުގައިވެސް ސަމާލުކަން ނުދީފިނަމަ އެ ކުދިން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ޔޫއްޓޭއަށް އެބައޮތެވެ. އޭނާ ބުނިގޮތުގައި އެ ކުދިންނާ މެދު އެފްއޭއެމްގައި ޕްލޭނެއް އޮންނަން ޖެހެ އެވެ.
"އެބޭފުޅުންނަށް [އެފްއޭއެމް އަށް] މޮނިޓާ ކުރެވޭނެތާ ދެއްތޯ މިހާލަތުގައި ޓްރޭނިން ކުރާނެ ގޮތް. ޓްރޭނިންއަށް ގެންނަނީ ކިތައް ކުދިންތޯ އެހެން ނޫނިއްޔާ ވަކި އޭޖަކަށް ދެވުނަސް އޯކޭ މިސާލަކަށް އަންޑާ ފޯޓީން އަށް ޓްރޭނިން ފެށުނަސް މިހާރު ސްކޫލްވެސް އެ ހުޅުވާލަނީތާ އަންޑަ 14 ގައި 10 ކުދިން ގަޑިއެއްގައި ނެރުނަސް ޕްރެކްޓިސް ކުރެވޭނެ. އެކަހަލަ ގޮތަކަށް އެބަ ހުޅުވާލަން ޖެހޭ ޓްރޭނިންތައް ކުރިއަށް ގެންދެވޭނެ ގޮތެއް."