އެފްއޭއެމް

ގައުމީ ފުޓްބޯޅަ ސްކޫލަށް ސަލްގާޑޯގެ ފިލޯސަފީ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސެޕްޓެމްބަރު މަހު، އަރަބި އެމިރޭޓްސްއަށް ވަޑައިގެން، އެ ގައުމުގައި ދިރިއުޅެމުންދާ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލު ވުމަށް ފަހު ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ޑިވްލަޕްމެންޓަށް އުފާވެރި ޚަބަރެއް ލިބިގެންދާނެ ކަމަށެވެ.

އެފްއޭއެމުން ރަސްމީ ގޮތެއްގައި އެ ބައްދަލުވުމުގެ ތަފްސީލެއް ނުވަތަ އެ ފާހަގަ ކުރާ ކަމަކީ ކޮބައިކަމެއް އިއުލާން ކޮށްފައެއް ނުވެ އެވެ. އަވަސް އިން ބައްސާމް އާ އޭރު ސުވާލު ކުރުމުން، ވިދާޅުވީ އެކަމަށް ހާއްސަ މުނާސަބަތެއްގައި އެ ޕްރޮޖެކްޓް އިއުލާން ކުރައްވާނެ ކަމަށެވެ.

ނަމަވެސް ޔަގީނާ ގާތަށް މިހާރު ކަށަވަރު ވެފައި ވަނީ، އެފްއޭއެމްގެ ވެރިން ސަލްގާޑޯ އާއެކު ބޭއްވެވި ބައްދަލުވުން ގުޅިފައި ވަނީ، ހުޅުމާލޭގައި ގާއިމު ކުރާ ގައުމީ ފުޓްބޯޅަ ސުކޫލަށެވެ. ފުޓްބޯޅަ ސްކޫލުގެ ޕްރޮގްރާމްތަކުގެ ޕްލޭން އާއި ފިލޯސަފީ ބައްޓަން ކުރާނީ ސަލްގާޑޯގެ އެކްސްޕާޓީސް އާއި އޭނާގެ އެހީތެރިން ފަރުމާ ކުރާ ގޮތަށެވެ. އެކެޑެމީގައި ހިންގާނީ "ސަލްގާޑޯގެ ފިލޯސަފީ" އެވެ.

ސަލްގާޑޯގެ ފުޓްބޯޅަ ސްކޫލެއް އެމިރޭޓްސްގެ ވެރިރަށް ދުބާއީގައި ހިންގަ އެވެ. ސަލްގާޑޯގެ ޑައިރެކްޓާޝިޕްގެ ދަށުން "ސްޕެނިޝް ސޮކާ ސްކޫލް" ގެ ނަމުގައި ހިންގާ އެ އެކެޑެމީ އަކީ އެމިރޭޓްސްގެ އެންމެ ބޮޑު ފުޓްބޯޅަ ސްކޫލެވެ.

ބައްސާމް އާއި ސަލްގާޑޯގެ ބައްދަލުވުން

ސަލްގާޑޯގެ ފިލޯސަފީ، ރާއްޖެއަށް ކަމުދާނެތޯ ކުރެވޭ ސުވާލު ވެސް އެބައޮތެވެ. ރާއްޖޭގެ ޓެކްނިކަލް ޑައިރެކެޓަރު ކަމަށް މިދިޔަ ހަތަރު އަހަރު ތެރޭ ބޭރުގެ ތަޖުރިބާކާރު ދެ މީހަކު ހަމަޖެއްސި އެވެ. އޭގެ ތެރެއިން އެކަކީ، ކުރިން ރާއްޖޭގައި މަސައްކަތް ކުރި، ތުރުކީ ޖޭން ވަންލީ އެވެ. ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ވީބީ ސްޕޯޓްސް ކުލަބަށް ކާމިޔާބު ހޯދައިދިން ތަޖުރިބާކާރެކެވެ. ޓެކްނިކަލް ޑައިރެކްޓަރަކަށް އޭނާ ހަމަޖެއްސުމުގެ ކުރިން، އެދާއިރާގައި އޭނާ ކުރި މަސައްކަތުގެ ސީވީ އަށް އެފްއޭއެމުން ބެލި އެވެ. އެފްއޭއެމުން އެންމެ ބޮޑަށް ރިއާޔަތް ކުރި ފެކްޓާއަކީ، ތުރުކީ އާއި ބުރެޒިލް ކުޅެން ހަމަޖެހިފައިވާ މެޗެއްގެ ކުރިން ތުރުކީގެ ފުޓްބޯޅަ ފެޑްރޭޝަނުން އޭނާ އާ ހަވާލު ކުރި ޓާސްކަށެވެ.

ބްރެޒިލްގެ މެޗުގެ ކުރިން އެ ގައުމުގެ ގައުމީ ޓީމުގެ ފެންވަރު ދެނެގަތުމަށް އޭނާ ބުރެޒިލްއަށް ދަތުރު ކުރި އެވެ. ޒުވާން ގައުމީ ޓީމުތަކުގެ ޓްރޭނިން ލީގްގެ މެޗުތާކާއި ކުލަބުތަކުގެ ޓްރޭނިން އޭނާ ބެލި އެވެ. ގައުމުން ބޭރުގައި ކުޅޭ ބުރެޒިލް ކުޅުންތެރިންގެ އެ ވަގުތުގެ ޕާފޯމަންސް އެނަލިސިސްއެއް ވެސް ވަންލީ ހެދި އެވެ. ޖޫން 2007 ގައި ތުރުކީ އާއި ބުރެޒިލް ކުޅުނު މެޗަށް ތުރުކީގެ ޓީމު ތައްޔާރު ކުރީ، ވަންލީ އެކުލަވާލި ޓެކްނިކަލް ރިޕޯޓްގެ މައްޗަށް ބިނާކޮށެވެ. ބުރެޒިލް އާ ދެކޮޅަށް ކުޅުނު އެ މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުމުމަކީ ތުރުކީއަށް ލިބުނު ބޮޑު އުފަލެކެވެ. ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ވަންލީ ކުރި މަސައްކަތަށް ތައުރީފެވެ.

އެހެންނަމަވެސް ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރުކަމާ ހަވާލުވެ، ވަންލީއަށް އެދެވޭ މަސައްކަތެއް ނުކުރެވުނެވެ. ޖިއޮގުރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ މެޕް ކުރަހަންވެސް ވަންލީއަށްވީ އުނދަގޫ ކަމަކަށް ވިކަމަށް ވާހަކަ ދެކެވުނެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ ވަންލީ ބާކީ ވީ އެވެ. ރާއްޖޭގެ މާހުލާއި ރާއްޖޭގެ ތޮބީއަތް އޭނާގެ ވިސްނުމާ ނުގުޅޭކަމަށް ވާހަކަ ދެކެވުނެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ރާއްޖޭގެ ޓެކްނިކަލް ޑައިރެކްޓަރު ކަމަށް ހަމަޖެއްސީ، އިންގްލެންޑްގެ ޖުދާން އަލީ އެވެ. ރާއްޖޭގެ މާހަުލާއި ދިވެހިންގެ ސަގާފަތުގައި އޭނާއަށްވެސް މަސައްކަތް ކުރަން އުނދަގޫތަކެއް ހުއްޓެވެ. އޭނާގެ ހިޔާލު ރާއްޖެއަށް ފިޓެއް ނުވި އެވެ. ކޮވިޑްގެ ބާލާ އާފާތުގައި ޖެހި ކުރިމަތިވި މާލީ ގޮންޖެހުންތަކާއެކު އޭނާގެ ވަޒީފާ ގެއްލުނެވެ.

މަސައްކަތް ކުރި ދެ ޓެކްނިކަލް ޑައިރެކްޓަރުންގެ ވިސްނުން ރާއްޖެއާ ނުގުޅެނެވެ. ފުޓްބޯޅަ ސްކޫލަށް ސަލްގާޑޯގެ ފިލޯސަފީ ގެންނައިރު، އެކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ. ރާއްޖެއާ އެންމެ ގުޅޭ ވިސްނުމަކީ ކޮބައިތޯ ބަލަން ޖެެހެ އެވެ. ރާއްޖޭގެ ސަގާފަތަށް ނުފެތިގެން ދޫކޮށްލި ބޭރުގެ ފަރާތްތަކާއެކު ކުރި މަސައްކަތުގެ ތަޖުރިބާއިން ފިލަވާޅު ލިބިގަންނަން ޖެހޭނެ އެވެ.

މާޒިޔާގެ ކޯޗް މުހައްމަދު ނިޒާމް ބުނިގޮތުގައި، ސަލްގާޑޯ އާއި އެނާގެ އެކްސްޕާޓީސް އާމެދު ސުވާލު އުފައްދަން ޖެހޭ ވަރަށް ވުރެ އޭނާގެ ލެޖެންޑަރީ ފިގާ އާއި ކޮށްފައިވާ މަސައްކަތްތަކުގެ ބުރަދަން ބޮޑު ކަމަށެވެ. އޭނާގެ ވިސްނުމާއި އެހީތެރި ކަމާއެކު ފަށާ މަސައްކަތް ވަރަށް ބޮޑު ތަފާތަކަށް ވެގެންދާނެ ކަމަށް ނިޒާމް އުންމީދު ކުރެ އެވެ. އެހެންނަމަވެސް ސަލްގާޑޯގެ ވިސްނުމާއި ފިލޯސަފީ ރާއްޖެއަށް ގެންނައިރު ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ނިޒާމް ފާހަގަ ކުރި އެވެ.

"ދިވެއްސަކު ކުރިޔަސް ބިދޭސީއަކު ކުރިޔަސް މީގެ އެންމެ މުހިންމު އެއް ކަމަކީ ކުރަން ޖެހޭ ދިރާސާތައް ކުރުން ފުރަތަމަ އެބަޖެހޭ ދިވެހިރާއްޖެ ޖިއޮގްރަފިކަލީ މިއޮތް ގޮތާއި މި މާހައުލާއި ރާއްޖޭގެ ކުޅުންތެރިންގެ ދިރިއުޅުމުގެ ކަންކަކަމާ މިހުރިހާ ކަމެއް އެބަޖެހޭ އަންނަ މީހަކު ދަސްކޮށްފަ މިއަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރަން،" ނިޒާމް ވާހަކަ ދެއްކި އެވެ.

"ސަލްގާޑޯއަކީ ވަރަށް ބޮޑު އެސްޕީރިއަންސެއް، އަނެއްހެން ބުނާ ކަމައްވެއްޖެއްޔާމު އޭނާގެ އެ ފޮތަށް އަހަރެމެން ވަންނަން ވެއްޖެއްޔާމު ވަރަށް ގިނައިރު އަހަރެމެންނަށް ނަގާނެ ފޮތެއް އެ ފޮތަކީ. އެހާ އާދައިގެ މީހުން ނޫން އަހަރެމެން ކިތަންމެ ފަސޭހައިން އޭނާގެ ނަން ކިޔާލިޔަސް. އެމީހުންގެ އެކްސްޕަޓީސް އަކީ ރާއްޖެ ކަހަލަ މުހިންމު ގައުމަކަށް ވަރަށް ބޮޑު އެއްޗަކަށް ވެދާނެ. އެކަމަކު މިއިން ކޮންމެ ކަމެއްގައިވެސް އެތަނެއްގެ ޓެކްނިކަލް ޕްލޭނެއް އެކުލަވާލުމުގެ ކުރިން (ނުވަތަ) އެތަނެއްގެ ފުޓްބޯޅައިގެ ޑައިރެކްޝަން ނިންމުމުގެ ކުރިން އެންމެ މުހިންމު ކަމަކީ އެތަނެއްގެ ފުޓްބޯޅައިގައި އެއޮތް މާހަުލާއި އާންމު ދިރިއުޅުމުގެ މާހައުލާ އެކަންކަން ބަލާފަ އެއަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރުން."

"ދުނިޔޭގެ ފުޓްބޯޅައިގައި ވާދަ ކުރާ ކަމަށް ވެއްޖެއްޔާމު ދުނިޔޭގެ އެ ކުޅޭ ފުޓްބޯޅަ ކުޅެން ޖެހޭނީ. އެ ފުޓްބޯޅަ ރާއްޖެއަށް އެންމެ ރަނގަޅަށް ބައްޓަން ކުރެވޭނީ ކޮންގޮތަކަށްތޯ ބަލަން އެބަޖެހޭ. އެއީ ކަންނޭންގެ އެންމެ މުހިންމު ކަމަކީ." ނިޒާމް ބުންޏެވެ.

ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު ބުނީ، ބޭރު މީހުން ކުރިޔަސް، ރާއްޖޭގެ ތަޖުރިބާކާރުންގެ ލަފާ އާއި މަޝްވަރާ ހޯދަން ޖެހޭނެ ކަމަށެވެ. "ދެން ހަމަ ޔަގީނުންވެސް ރާއްޖޭގައި ތިބޭނެ އެކަން އެނގޭވަރުގެ އެކަންކަމަށް ހިޔާލާއި މަޝްވަރާ ދެވޭވަރުގެ މީހުން އުފެދިފައި،" ޝާޒް ބުންޏެވެ. "ބޭރު ބަޔަކު އެކަން ކުރިނަމަވެސް އެކަމުގައި ރާއްޖޭގެ ތަޖުރިބާކާރުންނާ މަޝްވަރާ ކޮށްގެން އެ ރަނގަޅު އެއްޗެއް އޭގެތެރެއިން ނެރެންޖެހޭނީ. ދިވެހިންގެ ޓެކްނިކަލް އެސިސްޓެންސްއާ ލަފާ ބޭނުންވާނެ."

ރާއްޖޭގެ ކުލަބެއްގައި ކުރިން މަސައްކަތް ކުރި ބޭރުގެ ކޯޗަކު ބުނީ، ރާއްޖޭގެ ގައުމީ އެކެޑެމީއަށް ރާއްޖޭގެ އަމިއްލަ ކޮންސެޕްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އެ ކޮންސެޕްޓް އެކުލަވާލުމުގައި ބޭރު މީހުންގެ މަޝްވަރާ ހޯދިދާނެ ކަމަށާއި ނަމަވެސް އެކަން ވާން ޖެހޭނީ ރާއްޖޭގެ އަމިއްލަ ފިލޯސަފީއަށް ކަމަށެވެ.

"އަހަރެން ރާއްޖޭގައި މަސައްކަތް ކުރިއިރު އަޑު އެހިން ބާސެލޯނާގެ އެސްކޯލާ އެކެޑެމީގެ ކޮންސެޕްޓް ރާއްޖެ ގެންނަ ވާހަކަ ދެކެވުނު އަޑު އަހަންނާ ހަމައަށްވެސް އެ ވާހަކަތައް އައި،" ބޭރުގެ ކޯޗް ބުންޏެވެ. "އަހަރެން އޭރުވެސް ބުނިން އެސްކޯލާ އަކީ ވިޔާފާރީ ޕްރޮޑެކްޓެކޭ ހިނގާށޭ އަހަރެމެން އެންމެން ވެގެން ރާއްޖެއަށް ހާއްސަ ކޮންސްޕޓޭއް ޑިވްލަޕް ކުރަމާ. ބޭރުގެ ތަޖުރިބާކާރުންގެ ލަފާ ހޯދިދާނެޔޭ ކޮންސެޕްޓް އެކުލަވާލުމުގެ މަރުހަލާގައި."

ރާއްޖޭގެ ފުޓްބޯޅަ އާ ގުޅުން ހުރި ކަންތައްތަކުގައި ސަލްގާޑޯ ވަނީ ދެ ފަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އޭނާ އާ ރާއްޖެއާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތެވެ. ސަލްގާޑޯ ކުރިން ކުޅުނު ކުލަބު، ލަލީގާގެ ސެލްޓަ ވީގޯގެ ޖޯޒީގައި ރާއްޖޭގެ "ވިޒްޓް މޯލްޑިވްސް" ޖެހުމަށް މަގުފަހިވީ ސަލްގާޑޯގެ ދައުރެއްވެސް ޝާމިލުވެގެންނެވެ. މިއަހަރު ކުރީ ކޮޅު ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް އެކެޑެމީ މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ރާއްޖެއަށް ދިނީވެސް ސަލްގާޑޯ އެވެ.