ވިޔަފާރި

އީއެމްއައިޓީޓީ އާއި ފެސްޕޯގައި ރާއްޖެ ބައިވެރިވެއްޖެ

އީސްޓް މެޑިޓެރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން (އީއެމްއައިޓީޓީ) އާއި ސުވިޒަލޭންޑުގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ، ފެސްޕޯގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ތުރުކީގެ ވެރިރަށް، އިސްތަމްބޫލްގައި ކުރިއަށް ދާ އީއެމްއައިޓީޓީ ފެއާ އޮންނާނީ މި މަހުގެ 25 އިން 28 ގެ ނިޔަލަށެވެ. މި ފެއާއަށް ރާއްޖޭން ފަރުމާކޮށްފައިވާ 63 ސްކެއާ މީޓަރުގެ ސްޓޯލްގައި ދައްކައިދެނީ ރާއްޖޭގައި ހަނީމޫން ހަދަން އަންނަ ޓޫރިސްޓުންނަށް ހުރި ހާއްސަ ކަންކަމެވެ.

ހަނީމޫން ހަދަން ގިނަ ބަޔަކު ދަތުރުކުރާ ތުރުކީއަށް ހާއްސަކޮށްގެން ހިންގާ، މާކެޓިން ހަރަކާތްތަކުގައި ރާއްޖޭން އެންމެ އިސްކޮށް ބައިވެރިވަޑައިގަތީ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

ހާރިސް ވަނީ ތުރުކީގެ ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިޔާތަކާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފަ އެވެ. އަދި ޓްރެވަލް ކުންފުނިތަކާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.

އީއެމްއައިޓީޓީ ފެއާއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފަސް ފެއާގެ ތެރޭގައި ހިމެނޭ އެއް ފެއާ އެވެ. މި ފެއާގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ 46،000 މީހުން ބައިވެރިވެ އެވެ.

ތުރުކީ މީހުން ގައުމުން ބޭރަށް ދަތުރުކުރާ އަދަދަށް މަޑުޖެހުމެއް އައިނަމަވެސް، އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ދަތުރު ކުރަމުން ދިއުމުން، ގިނަ ބަޔަކު މި އެއާލައިން ހިޔާރު ކުރެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން 10,405 މީހުން އައިސްފައިވެ އެވެ.

އެމްއެމްޕީއާރުސީން އީއެމްއައިޓީޓީގެ އިތުރުން ސުވިސް ހޮލިޑޭ އެންޑް ޓްރެވަލް ފެއާ (ފެސްޕޯ) ގައި ވަނީ ބައިވެރިވެފަ އެވެ. މި ފެއާ ވެސް ކުރިއަށް ދަނީ 25 އިން 28 ގެ ނިޔަލަށެވެ. ރާއްޖޭގެ 12 ކުންފުންޏަކުން 19 މީހުން ބައިވެރިވެގެން ސުވިޒަލޭންޑުގައި ކުރިއަށްދާ މި ފެއާގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭން ބައިވެރިވެފައިވަނީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހާލާ ހަމީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިލް ލިރާރު އެވެ.

ފެސްޕޯ ފެއާއަކީ ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީ ބޯޓު ފަހަރަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ ފެއާއެކެވެ. ސުވިޒަލޭންޑަކީ ރާއްޖެ އަށް އުންމީދީ މާކެޓެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން 32,651 މީހުން އައިސްފައިވެ އެވެ. މިއީ 3.1 ޕަސެންޓް އިތުރު ވުމެކެވެ.