ވިޔަފާރި

ރުއްތިބިރަށް ރިސޯޓުގެ ބިންގާ އަޅައިފި

  • ރިސޯޓު ހަދަނީ އެމްއެސްއެން އިން
  • ރިސޯޓުގައި 170 ކޮޓަރި ހުންނާނެ
  • ދެ ޕްރައިވެޓް ރަށް ވެސް ހިމެނޭ

އައިލެންޑް އޭވިއޭޝަނަށް ރިސޯޓް ތަރައްގީ ކުރަން ދޫކުރި، ތ. ރުއްތިބި ރަށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށައި، ބިންގާ އަޅައިފި އެވެ. މި ރިސޯޓް ތަރައްގީ ކުރަނީ އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް އިންނެވެ.

ތ. އަތޮޅުގައި ތަރައްގީ ކުރާ ފަސްތަރީގެ ރިސޯޓު، "ދަ އިންޑަސް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" ގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ ހަފުތާގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަލްޑީ މުޒައްވިރުގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރު ފައިސަލް އިބްރާހީމް އެވެ.

ރާއްޖެއާއި ސިންގަޕޫރު ބަޔަކު ހިއްސާ އޮންނަ އެމްއެސްއެން ކުންފުނިން ބުނި ގޮތުގައި މި ރިސޯޓު އަންނަ އަހަރުގެ ފަހުކޮޅު ނިންމަން މަސައްކަތް ކުރާއިރު، ރިސޯޓުގައި 170 ކޮޓަރި އާއި ހަތަރު ރެސްޓޯރެންޓު ހުންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މި ރަށް ކައިރީގައި ރަށަށް އަންނަ ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރުމަށް ތިން ޕްރައިވެޓް އައިލެންޑްވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ތ. ތިމަރަފުށި އެއާޕޯޓް ހިންގަން އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރުމުން ބަދަލެއްގެ ގޮތުގައި، ސަރުކާރުން އައިލެންޑް އޭވިއޭޝަން އަށް ހަވާލުކުރި މި ރަށުގައި ރިސޯޓު ތަރައްގީ ކުރަން އެމްއެސްއެން ކުންފުންޏާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. މި އެއްބަސްވުމުގައިވާ ގޮތުން، ދެ އަހަރު ތެރޭގައި ރިސޯޓުގެ މަސައްކަތް ނިންމާ ރިސޯޓު ހުޅުވަން ޖެހެ އެވެ.