މި އަހަރުގެ ސީޒަނަށް ތައްޔާރު ވުމަށް ޓީސީން އެޅި އެންމެ މުހިންމު ފިޔަވަޅަކީ، އެ ޓީމުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމެވެ. ނަމަވެސް ޓީސީގެ އެންމެ މުހިންމު ކުޅުންތެރިޔާ ނާއިޒު ހަސަން (ދާދު) ކުލަބު ދޫކޮށް މާޒިޔާއަށް ބަދަލުވީ އެވެ.
ދާދު އަކީ ޓީސީއަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދައި ދިނުމަށް އެންމެ މުހިންމު ހިއްސާއެއް ވީ ދާދު އެވެ. ފުރަތަމަ ޑިވިޝަންގައިވެސް ވާދަ ކުރަން ފެށި ފަހުންވެސް ޓީސީގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ ދާދު އެވެ. އޭނާ ދަނޑު މަތީގައި ހުރެއްޖެނަމަ ޓީސީ އަށް އިތުބާރު ބޮޑުވާނެ އެވެ. އަދި ޓީސީގެ ހަމަލާތައްވެސް ނުރައްކާ ވާނެ ކަން އިދިކޮޅު ޓީމުންވެސް ގަބޫލު ކުރެ އެވެ.
ނަމަވެސް ދާދު، މިހާރު ޓީސީގައި ނެތެވެ. ދާދު ނެތި ޓީސީގެ ގޭމް ޕްލޭން ބައްޓަން ކުރާނީ ކިހިނެއްތޯ އުފެދޭ ސުވާލުވެސް އެބައޮތެވެ. ދާދުގެ ނެތްތަން ފޫބެއްދުމަށް ބޭނުން ކުރާނެ ފޯމިއުލާ އަށް ޓީސީން ގެނައީ، މިނިވަން ޗެމްޕިއަންޝިޕާއި، ދިވެހި ޕްރިމިއާ ލީގްގައިވެސް ވިދާލި ދެ ކުޅުންތެރިން ކަމަށްވާ، ށ. މިލަންދޫ ޓީމަށް ކުޅުނު، ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އއ. މާޅޮހުގައި މޮޅު ކުޅުމެއް ދެއްކި އަހްމަދު އާރިފް (އާރީ) އެވެ.
"ޓީމުން ދޫކޮށްދާ ކުޅުންތެރިޔެއްގެ ވާހަކަ ނުދައްކާ، ދައްކަންވީ ޓީމުގައި ތިބި ކުޅުންތެރިންގެ ވާހަކަ،" ދާދުގެ ރިޕްލޭސްމެންޓާ ބެހޭގޮތުން ސުވާލު ކުރުމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.
ދާދު ނެތް ތަނަށް، ސައްޓު އާއި އާރީ ޖަވާބެއް ހޯދައި ދޭނެތޯ ދެން ސުވާލު ކުރުމުން ނިޒާމް ބުނީ މިހެންނެވެ.
"ޓީމާ އަލަށް ގުޅުމަށްފަހު ޓީމުގެ ސްޓައިލަށް ހޭނުމަކީ އެއްވެސް ކުޅުންތެރިޔަކަށް މާ ފަސޭހަ ކަމެއް ނޫން، ނަމަވެސް ހީކުރި ވަރަށް ވުރެ އަވަހަށް އެ ދެ ކުޅުންތެރިން [ސައްޓު އަދި އާރި] ދަނީ ޓީސީގެ ޓީމަށް ހޭނެމުން،" ހިތްހަމަ ޖެހުމާއެކު ނިޒާމް ބުންޏެވެ. "އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދެ ކުޅުންތެރިން ނަކީވެސް ވަރަށް ޑިސިޕްލިން ދެ ކުޅުންތެރިން، ޕްރެކްޓިހުގައިވެސް ވަރަށް ފޯކަސް ކުރާ ދެ ކުޅުންތެރިން."
އެ ދެކުޅުންތެރިން އެކުގައި ޓީސީގައި ކޮމްބިނޭޝަން ގޭމެއް ފައްކާ ކޮށްފިނަމަ އެއީ ރާއްޖޭގެ މުޅި ފުޓްބޯޅައަށްވެސް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ އެވެ. އެ ކޮމްބިނޭޝަން ގެންގޮސް ގައުމީ ޓީމަށް ފައްތާލުމުން ފައިދާ އެ ލިބުނީ އެވެ. ޖަވާބު ލިބޭނީ ޓީސީއަށް އެކަންޏެއް ނޫނެވެ. ގައުމީ ޓީމަށްވެސް މެއެވެ.
މިދިޔަ އަހަރަކީ، ރާއްޖޭގެ އެންމެ ޓޮޕް ލެވެލްގައި އާރީ، ކުޅުނު ފުރަތަމަ ސީޒަނެވެ. ނަމަވެސް، އޭނާގެ ހުނަރާއި ކޮއްޓުމުން، ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައަށް އާ ކަމެއް ނުފެނެ އެވެ. މިދިޔަ އަހަރު ޕްރިމިއާ ލީގްގައި، އޭނާ ދެއްކި ކުޅުން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ. ޓީސީގެ އިތުރުން ބައެއް އެހެން ކުލަބުތަކުން އޭނާ އަށް ޝައުގުވެރިވާކަން ފާޅު ކުރި އެވެ.
ގިނަ ބަޔަކަށް އޭނާ އެންމެ ފާހަގަ ކުރެވޭނީ ޑިފެންސް ބީޓް ކޮށްލުމަށް ފަހު ލަނޑު ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ލީގްގެ ދެ ވަނަ ބުރުގައި ނިއުރޭޑިއަންޓާ ދެކޮޅަށް، މާޅޮސް ކުޅުނު މެޗުގައި، ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ކޮޅަށް އޭނާ ލަނޑު ޖެހީ، ދެ ޑިފެންޑަރުންގެ ކައިރިން ނައްޓާލުމަށްފަހު، އަދި އިމްރާން ވެސް ބީޓް ކޮށްލާފަ އެވެ. އޭނާ ޖެހި އެ ލަނޑު ވަނީ، މިދިޔަ އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ އެންމެ މޮޅު ގޯލްގެ އެވޯޑް ނުވަތަ "ޖޫލޭ އެވޯޑަށް" ނޮމިނޭޓް ވެސް ވެފަ އެވެ.
އަދި ށ. މިލަންދޫއާ ދެކޮޅަށް، ކުޅުނު މެޗުގައި، މިލަންދޫގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ކޮޅަށް އާރީ ޖެހި ލަނޑުވެސް އޭނާ ކާމިޔާބު ކުރީ އޭނާގެ އިންޑަވިޖުއަލް ހުނަރު ބޭނުން ކޮށްގެން، މިލަންދޫގެ ޑިފެންޑަރުން ބީޓް ކޮށްލުމަށްފަހު އެވެ.
ށ. މިލަންދޫއަށް ކޯޗް ކޮށްދިން، ކުރީގެ އެއްވަނަ ޑިފެންޑަރު މުހައްމަދު ނާސިރު ފާހަގަކުރާ ގޮތުގައި، ސައްޓު އަކީ މާގިނަ ޕްރެކްޓިސްތަކެއް ނެތިވެސް މެޗަށް ނެރެފިނަމަ ތަފާތު ދައްކާ ކުޅުންތެރިޔެކެވެ.
"ބައެއް ފަހަރު ސައްޓުއަށް މާލެ އާދެވެނީ މެޗަށް،" އޭރު، އޭދަފުށީ ބީއެމްއެލްގެ ގޮފީގައ މަސައްކަތް ކުރަމުން އަންނަ ސައްޓުއާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޯޗް ނާސިރު ބުނެފައި ވެއެވެ. "ނަމަވެސް އެ މެޗުތަކުގައިވެސް އޭނާ ދަނޑަށް ނެރެފިއްޔާ އަބަދުވެސް އުންމީދު ކުރެވޭ ކޮންމެވެސް ޕޮޒެޓިވް ކަމެއް ވާނެ ކަމަށް، އަޅުގަނޑުމެންގެ ޓީމަށް ވެސް ވަރަށް ބޮޑު އިތުބާރަކަށްވޭ ސައްޓު ޓީމުގައި ހުރުމުން."
ސައްޓު ވަނީ ބޭންކުގައި އޭނާ އަދާ ކުރަމުން އައި ވަޒީފާއާ އެކު މިހާރު މާލެ ބަދަލުވެފަ އެވެ. ފުޓްބޯޅައަށް ހުސްކުރާ ވަގުތު ގިނަ ވާނެ އެވެ. އެހެންވެ އޭނާ އާ މެދު ކުރެވޭ އުންމިދުވެސް ބޮޑެވެ.
ޕްރިމިއާ ލީގްގައި ސައްޓުގެ އެންމެ ހާއްސަ މެޗަކަށް ވާނީ، މިލަންދޫގެ އެންމެ ފަހު މެޗުގައި ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ސައްޓު ހެޓްރިކުން މިލަންދޫ މޮޅުވީ 3-2 ންނެވެ.