މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި ހައަހަރު ދުވަސް ހޭދަކުރުމަށްފަހު ޑިފެންޑަރު ސަމްދޫހް އަލީ އާސީޒަނަށް ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅެން ސޮއިކޮށްފި އެވެ.
2009 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖުން ކެރިއަރު ފެށި ސަމްދޫހް އެކްލަބަށް 2011 ވަނަ އަހަރާ ހަމައަށް ވަނީ ކުޅެފަ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރު މާޒިޔާ އާއި ގުޅުނުފަހުން ސަމްދޫހް ވަނީ މާޒިޔާ ހޯދި ގިނަ ކާމިޔާބީތަކެއްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގައި ސަމްދޫހް ގިނަ މެޗުތަކުގައި ފެނިގެންދިޔައީ ބެންޗުންނެވެ.
ވާތު ފަޅި ފަހަތަށް ކުޅޭ ސަމްދޫހް ވަނީ ގައުމީ ޓީމުންވެސް މީގެ ކުރިން ޖާގަ ހޯދާފަ އެވެ. ގްރީންއަށް ބަދަލުވިކަން ކަށަވަރުކޮށްދެމުން ސަމްދޫހް ބުނެފައިވަނީ ކޯޗް ސުޒޭން އާއެކު ގްރީން ސްޓްރީޓްސްގައި ގިނަ ކާމިޔާބީތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
މާޒިޔާގައި ހޭދަކުރި ދިގު މުއްދަތާ ބޭހޭގޮތުން ވާހަކަ ދައްކަމުން ސަމްދޫހް ބުނީ މާޒިޔާއިން ފުޓުބޯޅައިގެ ގިނަ ކަންތައްތަކެއް އެންގިގެން ދިޔަކަމަށެވެ. "މާޒިޔާގައި ހޭދަކުރި ދުވަސް ތަކުގައި ގިނަ ކަންތައްތަކެއް ދަސްވި. މާޒިޔާގެ މެނޭޖްމެންޓުން ލިބުނު އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރަން. މާޒިޔާއަށް އަބަދުވެސް ކާމިޔާބީއަށް އެދެން" ސަމްދޫހް ބުންޏެވެ.
ސަމްދޫހްގެ އިތުރުން ގްރީން ސްޓްރީޓްސްއިން ވަނީ މިދިޔަ އަހަރު މިނިވަން 50 ޗެމްޕިއަންޝިޕް އަދި ދިވެހި ލީގުގައި ދ. ކުޑަހުވަދޫއަށް މޮޅު ކުޅުމެއް ދެއްކި އިރުފާން އާދަމް ނަސީރުގެ ސޮއިވެސް ހޯދާފަ އެވެ. އަރިމަތިން ކުރިއަށް ކުޅޭ އިރުފާން އަކީ ހުނަރުވެރި އަދި ހަލުވި ކުޅުންތެރިޔެކެވެ. ގިނަ ބައެއްގެ ލޮލުގައި އިރުފާން އަޅައިގެންދިޔައީ މިދިޔަ އަހަރުގެ މިނިވަން 50 ފައިނަލުގައި ގދ. ތިނަދޫ އާއި ދެކޮޅަށް ދެއްކި ކުޅުމާއެކު އެވެ.
މިދެކުޅުންތެރިންގެ އިތުރުންވެސް ގްރީންއިން ވަނީ އާސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަޝްހަދް އަލީ (އަޑޭ) އަދި ތަޖުރިބާކާރު މިޑްފިލްޑަރު އަހްމަދު ނިޔާޒް (ނިޔާ) ގެނެސްފަ އެވެ. މީގެއިތުރުންވެސް އެޓީމާ ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ގުޅިފަ އެވެ. މިއަހަރު ގްރީންއަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ.