މިދިއަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 93 ޕަސެންޓަށް އަރާފައިވާ ކަމަށް އޯލެވެލްގެ ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. މިދިޔަ އަހަރު ފަސް މާއްދާއިން ފާސް ވެފައި ވަނީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ 77 ޕަސެންޓެވެ. މި ދެ އަދަދަކީވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ކުރިއެރުމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ނޫސްވެރިންނަށް ބައެއް މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، މިދިއަ އަހަރަކީ ތައުލީމީ ދާއިރާއިން އަނެއްކާވެސް ކުރިއެރުންތަކެއް ހޯދުނު އަހަރެއް ކަމަށެވެ. ނަތީޖާ ރަނގަޅުކުރުމަށް މުދައްރިސުންނާއި ސްކޫލްތަކުން ކުރި މަސައްކަތް ފާހަގަކޮށް އެކަމަނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.
ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ ތައުލީމީ ދާއިރާއިން ކުރިއެރުން ހޯދާފައިވާކަން ވެސް މިނިސްޓަރު މިއަދު ފާހަގަ ކުރެއްވި އެވެ. އެގޮތުން 2013 ވަނަ އަހަރު ތިން މާއްދާގެ ފާސްވި ނިސްބަތް ޕަސެންޓް 58.9 ގައި އޮތް އިރު އެ އަދަދު މިހާރު 93 އަށް އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ. -- މިއަދު ހިއްސާކުރި އަދަދުތަކަކީ ވަގުތީ ނަތީޖާއަށް ބިނާކޮށް ހަދާފައިވާ ހިސާބުތަކެކެވެ. ފައިނަލް ނަތީޖާ ހާމަ ކުރާނީ ޕޭޕަރު ރީޗެކް ކުރާ މަރުހަލާ ނިމި ފައިނަލް ނަތީޖާ ލިބުމުންނެވެ. --
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވެފައިވަނީ 5300 ދަރިވަރުންނެވެ. އޭގެ ތެރެއިން 3800 ދަރިވަރުންނަކީ އަތޮޅުތަކުން ބައިވެރިވި ކުދިންނެވެ. މާލޭ ސްކޫލްތަކާއި ސެންޓަރުތަކުގައި އެ އިމްތިހާން ހެދީ 1500 ދަރިވަރުންނެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ޖުމްލަ ކުދިންގެ 60 ޕަސެންޓް އަތޮޅުތަކުތެރޭގެ ރަށްރަށަށް ނިސްބަތްވީ ނަމަވެސް މާލެއާ އެ ރަށްތަކުގެ ނަތީޖާއާ މާ ބޮޑު ތަފާތެއް ނެތްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މުޅި ނަތީޖާ މި އަންނަނީ ރާއްޖޭގެ ހުރިހާ ކުދިންގެ މާކުހަށް ބިނާ ވެގެން. އޭގެ މާނައަކީ ބޮޑު ޕަސެންޓެއް އަތޮޅުތެރޭން ބައިވެރިވިއިރު އެކުދިންގެ ނަތީޖާ ރަނގަޅު ވެގެނޭ މިހާ ބޮޑު ކުރިއެރުމެއް ނަތީޖާއަށް އައިސްފައި މި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި އިސްލާމް ދެ މާއްދާއަށް ބަލާއިރު ދިވެހި މާއްދާގެ ނަތީޖާ ރަނގަޅު ނަމަވެސް އިސްލާމް މާއްދާއިން މިދިޔަ އަހަރު ދަށްވުމެއް އައިސްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ، އިސްލާމް ދިވެހި މާއްދާގެ ފެންވަރު މަތިކުރަން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ޓީޗަރުން ތަމްރީން ކުރުމަށް މިހާރު ކުރިއަށްދާ ޕްރޮގްރާމްތަކުގައި މަތީ ތައުލީމަށް ކިޔަވާ 3000 މުދައްރިސުންގެ ތެރެއިން އެ މާއްދާތަކަށް ސްޕެޝަލައިޒްވާ ޓީޗަރުންނަކީ ކުރިއަށް އޮތްތަނުގައި އެކަމަށް ހެޔޮ ބަދަލު އަންނާނެ ކަމަކަށް ވާނެ ކަމަށް ވެސް އެކަމަނާ މިއަދު ވިދާޅުވި އެވެ.
ހިސާބު އިނގިރޭސިން ފާސްވާ ކުދިންގެ ނިސްބަތް 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދު ހިފެހެއްޓިފައިވާއިރު މިދިއަ އަހަރުވެސް އެ ނިސްބަތުގައި ހުއްޓެވެ.