ހަބަރު

ރައީސް ޔާމީން މަގާމުން ދުރުކުރަން ސުޕްރީމް ކޯޓަށް

  • މައްސަލަ ވެއްދީ، ދެ ރައީސުންނާއި ގާސިމް
  • ހުށަހެޅީ ކޮރަޕްޝަންގެ މައްސަލައެއް
  • ރައީސް ކަމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ

ރައީސް އަބްދުﷲ ޔާމީން، ރައިސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހެޅުއްވުމުގައި އިސްކޮށް ތިއްބެވީ ކުރީގެ ދެ ރައީސުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށަހެޅީ، ރައީސް ޔާމީންގެ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލާގައި އެދިފައިވަނީ ރައީސް ޔާމީންގެ ރައީސް ކަމުގެ ޝަރުތުތައް ގެއްލިފައިވާތީ ރައީސް ކަމުން ދުރުކުރުމަށް ކަމަށެވެ.

ރައީސް ނަޝީދާއެކު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުގައި ބައިވެރިވަޑައިގަންނަވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރެވެ. އަލީ ޒާހިރު ވިދާޅުވީ، އެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގެ ރިސެޕްޝަނުން ބަލައިގެންފައިވާ ކަމަށެވެ. ރަސްމީކޮށް މައްސަލަ ބަލައިގަތްކަން އަދި ނޭނގޭ ކަމަށެވެ.

ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އަމިއްލަ މަންފާއަށް ރާއްޖޭގެ ރަށްރަށާއި ފަޅުތައް އަދި ކަނޑުތަކުން ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި މަޖިލީހުގައި އޮތް ޕީޕީއެމްގެ މެޖޯރިޓީ ބޭނުންކޮށްގެން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

މީގެއިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލުމަށް ވެސް އެދިފައިވެ އެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތުން ރައީސް ކަމުގެ މަގާމު އަދާކުރެއްވުމަށް ވަގުތީ ގޮތުން އުޒުރުވެފައިވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްދެއްވުމަށް ވަނީ އެދިފަ އެވެ. އޭގެ އިތުރުން ގާނޫނު އަސާސީގެ 117 ވަނަ މާއްދާގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ނައިބު ރައީސްއާ ހަވާލުކުރުމަށް ވެސް އެދިފައިވެ އެވެ.

މައްސަލަ ހުށަހަޅާފައިވަނީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާވާ ގޮތުން ރައީސްއަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް އޮވެ އެވެ. އެއީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީ ނުވަތަ ގާނޫނަކާ ރައީސް ހިލާފުވުމުން ނޫނީ، މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ނޫނީ މަގާމުގައި ހުންނަވައިގެން ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ އެވެ. އެކަމަކު އެ މާއްދާގައިވާ ގޮތުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ ވެރިކަން ކުރާ ބާރުން ރައްޔިތުންގެ މަޖިލީހާއި އެހެން މުއައްސަސާތަކުން ހުއްޓުވާފައިވާތީ ކަމަށެވެ. މަޖިލީހުންނާއި މުއައްސަސާތަކުން އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ރައީސް މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މައުމޫން ވަނީ އިސްލާހީ ބަދަލުތަކެއް ރިޔާސީ އިންތިހާބުގެ ކުރިން ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.