ގާނޫނަށް ބަލާނުލައި އަމިއްލަ އަށް ފަލީހަތްވާ ގޮތަށް ރައްދު ނުދިނުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް ރައްދު ދިނުމަށް ބައެއް ފަރާތްތަކުން ގާނޫނުގައިވާ އެއްޗެއް ބަލާނުލައި ރައްދު ދެމުންދާ ކަމަށާއި އޭގެ ސަބަބުން ފަލީހަތްވަނީ ހަމަ އެފަރާތްތައް ކަމަށެވެ. މައުމޫން ވިދާޅުވީ، ގާނޫނު އަސާސީއާ ހިލާފަށް ވެރިކަން ބަދަލު ކުރުމަށް ގޮވާލާފައި ނުވާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ކަންކަން އިސްލާހު ކުރެވެން އެބަހުރި ކަމަށެވެ.
މައުމޫން ވަނީ ގާނޫނީ ނުކުތާއެއް ހިމެނޭ ފޮޓޯއެއް ވެސް ޓްވީޓްގައި ހިމަނާފަ އެވެ.
މައުމޫން މިގޮތަށް ޓްވީޓް ކުރެއްވީ އިއްޔެ ކުރެއްވި ޓްވީޓަކަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރައްދު ދެއްވާފައި ވުމުންނާއި އެންމެ ފަހުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ދެއްކެވި ވާހަކަފުޅަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ވާހަކަފުޅަށް ކަމަށް ބެލެވެ އެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ، ކުރީގެ ރައީސަކަށް ވެސް ގާނޫނަށް ފިއްލަވައިގެން ނޫޅެވޭނެ ކަމަށެވެ. އަދި ގާނޫނުން ވެރިކަން ވައްޓާލަން ގޮވާލުމަށް ވެސް ހުއްދަ ނުދޭ ކަމަށެވެ. އެއްވެސް މީހަކު ގާނޫނަށްވުރެ މަތި ނޫން ކަމަށާއި އެކަން ރައީސް މައުމޫން ވެސް ގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރައިސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި އެ ބޭފުޅުންގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފްއިން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.
"ވީމާ ކީއްވެބާ ފުލުހުން ބޭނުންވާ ވަގުތަކު އަޅުގަނޑުގެ ގެއަށް ވަދެ އަޅުގަނޑާ އާއިލާގެ ސަލާމަތަށް ނުރައްކާ ވިޔަ ދެނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރް ވިދާޅުވީ، ގާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. ރާއްޖޭގައި އޮތް ސުލްހަ މަސަލަސްކަން ނަގާލަން އުޅޭ ބަޔަކަށް އެފުރުސަތު ސަލާމަތީ ބާރުތަކުން ނުދޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރަން އުޅޭ ބަޔަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ރާއްޖޭގައި އޮތް ސަރުކާރު ގާނޫނުގެ ބޭރުން ބަދަލުކުރާކަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނެ ކަމަށް ވެސް ޑީފެންސް މިނިސްޓަރު ވިދާޅުވި އެވެ.