ރާއްޖެ ކުޅިވަރު

މެޗަށް ނިކުންނައިރު ޓީސީ ކީޕަރު އަނިޔާގައި

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފަހު މެޗަށް ނިކުންނަން ޓިސީ ތައްޔާރުވާއިރު އެޓީމުގެ ބެލަރޫސް ކީޕަރު ޑިމިޓްރީ އަސްނިން އަނިޔާގެ ސަބަބުން ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ސައިފް އާއި ދެކޮޅަށް ބަންގާޅުގައި ކުޅުނު މެޗުގައި އޭރިއާ ތެރެއިން ސައިފްގެ އިނގިރޭސި ފޯވާޑް ޗާލީ ޗެރިންހަމް ކައިރިން ބޯޅަ ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އަސްނިންގެ އަތަށް ވަނީ އަނިޔާވެފަ އެވެ. އެ މެޗުގެ ދެވަނަ ހާފް ޓީސީ ފެށީ ބަދަލު ކީޕަރު އިބްރާހިމް ނަދީމާއެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަސްނިން އަތުގެ މުލައްދަނޑީގައި ވަނީ ރެނދެއް ލާފަ އެވެ. އޭނާ އަލުން ކުޅުމުގެ ތެރެއަށް އައުމަށް އަށް ހަފްތާ ނަގާނެ އެވެ. ބެލެވޭ ގޮތުގައި ޓީސީއިން އަސްނިން ފޮނުވާލާނެ އެވެ. ނަމަވެސް ޓީސީ ބުނަނީ އެ ކްލަބުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އަސްނިން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ސަބަބުން އޭނާގެ ބަދަލުގައި ޓީސީއިން ވަނީ ތަޖުރިބާކާރު ކީޕަރު އިފްރާހު އަރީފް އެ ޓީމަށް ގެންގޮސްފަ އެވެ. މިދިޔަ ސީޒަނުގައި ރާއްޖޭގެ އެއްވެސް މުބާރާތަކުން އިފްރާހް ނުފެނެ އެވެ. އޭނާ މިދިޔަ ސީޒަން ހޭދަކުރީ އޮސްޓްރޭލިއާގެ ދަށް ޑިވިޝަންގެ ކްލަބަކާއެކު އެވެ.

މާޒިޔާ އިން ކެރިއަރު ފެށި އިފްރާހް ވަނީ ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން ވެލެންސިއާ އާއި ބީޖީ ސްޕޯޓްސް ކްލަބް އަދި ވިކްޓަރީއަށް ވެސް އިފްރާހް ވަނީ ކުޅެފަ އެވެ.

އިފްރާހް ޓީސީ އާއި ގުޅުނު ނަމަވެސް މާދަމާ ރޭ ކުޅޭ ޕްރިލިމިނަރީ ބުރުގެ ފަހު މެޗުގައި ޓީސީ ގޯލް ބަލަހައްޓާނީ އިބްރާހިމް ނަދީމް އެވެ. ފުރަތަމަ ލެގްގެ ދެވަނަ ހާފްގައި ކުޅެން އަރާ ނަދީމް ރަނގަޅު ކުޅުމެއް ދެއްކި އެވެ.