މަރުގެ ހުކުމް

"ދައުރު ނިމުމުގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރާނެ"

Jan 29, 2018
17

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރިޔާސީ އިންތިހާބުގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ މިނިސްޓަރު އަޒްލީނާ ސުވާލު ކުރެއްވުމުން ވިދާޅުވީ "ޝައްކެއް ނެތް މިންވަރަށް އެކަން ކުރިންވެސް ދަންނަވާފައިވާ" ކަމަށެވެ.

ނަމަވެސް ގިނަ އަހަރުތަކެއް ފަހުން މަރުގެ ހުކުމް ތަންފީޒު ކުރަން އަލުން ފަށާތީ އެ ކަމުގެ ވަސީލަތްތައް ގާއިމް ކުރުމުގެ އިތުރުން ފުރިހަމަ ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތް ހުރި ކަމަށާއި އޭގެ ބައެއް ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާ އަދިވެސް ކުރިޔަށްދާ ކަމަށެވެ. ކަމުގެ ބާވަތުން އެއްވެސް ތަފްސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން އެއްގޮތަކަށް ވެސް ލައިނުގަނެގެން ނޫޅުއްވާ، އެމަނިކުފާނަކީ ވަރަށް ބޮޑަށް ޕްލޭން ކުރައްވައިގެން ވިސްނާ ވަޑައިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް، އެހެންވެ އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ މި ދައުރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭނެ، އަޅުގަނޑުމެންގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެކަންކަން ކުރުން،" އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް އަޒްލީން ޔަގީންކަން ދެއްވާ ކަމަށާއި އެ މަސް ނިމުމުގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުން އިރު ވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރެވެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.