ދެހާސް ސޯޅަ ވަނަ އަހަރު ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗް ކަން ކުރި ހަންގޭރީގެ ލާސްލޯ ކިސް، ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ އާ ހަވާލުވެއްޖެ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ވިކްޓަރީގެ ކޯޗް ކަން ކިސް އާ ހަވާލު ކުރީ، ސީޒަންގެ މެދުތެރެއިންނެވެ. އެ އަހަރުގެ ސީޒަން ވިކްޓަރީން ފެށީ އެ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް މިހާރު ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް އާއެކު އެވެ. ނަމަވެސް ނަޒީހް އާއެކު ވިކްޓަރީގެ ނަތީޖާތައް ރަނގަޅު ނުވުމުން، އޭނާ ދޫކޮށް ލީ އެވެ.
ދިވެހިންނަށް ކިސް އެންމެ ފުރަތަމަ ތާރަފުވީ ކުލަބު ވެލެންސިއާގެ ކޯޗުގެ ގޮތުގައި ރާއްޖެ އައިސް ވެލެންސިއާއަށް ހޯދައިން ކާމިޔާބާއެކު އެވެ. ވެލެންސިއާގެ ތާރީހްގައި އެ ޓީމުން ފެނުނު އެންމެ ކާމިޔާބު ކޯޗަކަށް ކިސް ވާނެ އެވެ.
ވިކްޓަރީގެ ކޯޗް ކަމަށް ކިސް ގެނައުމުގެ ކުރިން، އެ ޓީމުން ވަނީ ނިއު ރޭޑިއަންޓަށް 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގް ހޯދައިން ކޯޗް ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ގެނައުމަށްވެސް މަސައްކަތް ކޮށްފަ އެވެ. ވިކްޓަރީން، ކަވަޒޮވިޗްއާ ވާހަކަ ދެއްކިކަން އޭނާ ވަނީ 'އަވަސް' އަށް ކަށަވަރު ކޮށްދީފަ އެވެ.
ވިކްޓަރީ، ސީޒަނަށް ތައްޔާރުވާން މަސައްކަތް މި ފެށީ، ސީޒަން ފެށެން ގާތްގަނޑަކަށް ހަފުތާ އަކަށް ވެފައި ވަނިކޮށެވެ. ނަމަވެސް ސީޒަންގެ ފުރަތަމަ މުބާރާތް، މާލޭ ލީގް ފަށާނީ އަންނަ މަހު ފަހު ކޮޅު އެވެ. މިދިޔަ އަހަރު މާލޭ ލީގްގެ ގަދަ ހަތަރަކުން ވިކްޓާރީއަށް ފުރުސަތު ނުލިބެ އެވެ.
މީގެ ހަތް ވަރަކަށް އަހަރު ކުރިން ވިކްޓަރީ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ބޮޑު ބާރެކެވެ.