ރާއްޖެ ކުޅިވަރު

ނިއު ރޭޑިއަންޓުގެ ޓާގެޓަކީ އޭއެފްސީ ކަޕް، ސްޕޮންސަރަކަށް އުރީދޫ

ރާއްޖޭގެ އެންމެ ބޮޑު ކްލަބް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުއާސަލާތީ ކުންފުނި އުރީދޫއިން ސްޕޮންސާކޮށްފި އެވެ.

މިއަދު ހަވީރު ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ނިއުގެ ފަރާތުން ސޮއި ކުރެއްވީ ކްލަބްގެ ޗެއާން ކާނަލް ޒިޔާދް އެވެ. އުރީދޫ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ނަޖީބް ހާން އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ ދިވެހިންނަކީ ފުޓުބޯޅައަށް ވަރަށްވެސް ސައުގުވެރިވާ ބައެއް ކަމަށާއި ހަމައެފަދައިން އުރީދީ އަކީވެސް ފުޓުބޯޅައަށް ވަރަށް ސައުގުވެރިވާ ކުންފުންޏެ ކަމަށެވެ.

"މީގެ ކުރިން އުރީދޫ ވަނީ ދިވެހި ފުޓުބޯޅަ އަދި އެހެން ކުޅިވަރު އިވެންޓްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފަ. މިއަދަކީ ވަރަށް ހާއްސަ ދުވަހެއް އުރީދޫއިން ޕާޓްނާސިޕަކަށް މިއައީ ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު ޓީމާ. ނިއު ރޭޑިއަންޓާ. ނިއު ވަނީ އެތަށް މުބާރާތެއް ކާމިޔާބުކޮށްފަ. ގުނާ އަދަދު ނުކުރެވޭހާވެސް ގިނަ. އުރީދޫ ވަނީ މިދިޔަ އަހަރުގެ ދިވެހި ލީގް ސްޕޮންސާކޮށްފަ. ނިއު މިވަނީ އެމުބާރާތްވެސް ކާމިޔާބުކޮށްފަ. ނިއުއަށް ލިބޭ ކޮންމެ ފަހުރަކީ އުރީދޫއަށްވެސް ލިބޭނެ ބޮޑު ފަހުރެއް." ނަޖީބް ވިދާޅުވި އެވެ.

ނިއުގެ ޗެއާމަން ޒިޔާދް ވިދާޅުވީ އުރީދޫއަކީ ދިވެހި ފުޓުބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި އުރީދޫ ނިއު ރޭޑިއަންޓުގެ ސްޕޮންސަރަކަށްވުމުން ވަރަށް އުފާވާ ކަމަށެވެ.

"ފާއިތުވެދިޔަ ތިން އަހަރުވެސް ރާއްޖޭގެ ބޮޑެތި ހުރިހާ މުބާރާތްތަކެއް ސްޕޮންސާކުރީ އުރީދޫއިން. އުރީދޫ އާއެކު ކާމިޔާބު ހޯދޭނެ ކަމަށް ގަބޫލު ކުރަން. ނިއުގެ އެންމެ ބޮޑު ތާގެޓަކީ އޭއެފްސީ ކަޕް. އެންމެ ބޮޑަށް ބޭނުން ވަނީ ކޯޗުން ތަމްރީންކޮށް ރަނގަޅު އެކަޑަމީ އެއް ހިންގައި ދެވަނަ އަސްފާގް އެއް ތަމްރީން ކުރުން. އުރީދޫއާ ގުޅިގެން ބޭނުން ވަނީ ދިވެހި ފުޓުބޯޅައަށް ބޮޑެތި ބަދަލުތަކެއް ގެއްނަން" ޒިޔާދު ވިދާޅުވި އެވެ.

މިރަސްމީޔާތުގައި ނިއު ރޭޑިއަންޓުގެ މިސީޒަނުގެ ކެޕްޓަން އަދި ވައިސް ކެޕްޓަނުންވެސް ވަނީ އިއުލާން ކޯށްފަ އެވެ. ނިއުގެ ކެޕްޓަނަކީ އަލީ އަޝްފާގް އެވެ. ސީނިއާ ވައިސް ކެޕްޓަން އަކީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެވަނަ ވައިސް ކެޕްޓާން އަކީ އަކްރަމް އަބްދުލް އަނީ އެވެ.

ކެޕްޓަން އަދި ވައިސް ކެޕްޓަނުން އިއުލާން ކުރުމަށްފަހު ޒިޔާދް ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ނިއުއަށް އޭއެފްސީ ކަޕް ފައިނަލަށް ދަތުރު ކުރެވޭނެ ކަމަށެވެ. މީގެ އިތުރަށް ޒިޔާދް ބުނެފައި ވަނީ މިހާރު ސަރުކާރުން ދޭ މާލީ އޭހީއާއެކު ސަލާމަތް ވަނީ ނިއުގެ ބަޖެޓުގެ 40 ޕަސެންޓު ކަމަށެވެ. ޒިޔާދް ވަނީ ބޮޑެތި ކުންފުނި ތަކުން ކްލަބްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގޮވާލާފަ އެވެ.