ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ހުއްޖަތެއްގެ ގޮތުން އެވާހަކަ ދައްކާ މީހުންގެ އަބުރާ ބެހުމަކީ ހައްލެއް ކަަމަށް ދެކޭތީ ހިތާމަ ކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ލީގަލްް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ވިލާ ގްރޫޕުން ދައުލަތަށް ދައްކަވަން ޖެހޭ ފައިސާއާ ބެހޭ ގޮތުން ޓީވީއެމްގެ " އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ އާޒިމާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ގާސިމް ވަނީ އާޒިމާއަށް ރައްދު ދެއްވައި ޓްވީޓްތަކެއް ކުރައްވާފަ އެވެ. އިދިކޮޅު ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސއް ކުރައްވާ ގާސިމް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައި ވަނީ "އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގު" ކަމަށެވެ.
އެއަށް ރައްދު ދެއްވައި އާޒިމާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެރޭ ވާހަކަފުޅު ދައްކަވާފައި ވާނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީން އެކި ފަހަރު މަތިން ހާމަ ކުރައްވައި އޭގެ ފަހުން މާލީ ވަޒީރު ޔަގީން ކޮށްދެއްވާފައިވާ އަދަދުތަކެއްގެ މައްޗަށް ކަމަށެވެ.
"... ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމަށް ހުއްޖަތެއްގެ ގޮތުން، މިވާހަކަ ދައްކާމީހުންގެ އަބުރާ ބެހުމަކީ ހައްލެއް ކަަމަށް ދެކެވަޑައިގެންނެވީތީ ހިތާމަކުރަމެވެ. އަދި ދައުލަތަށް ދައްކަވަން ހުރި ފައިސާގެ މައްސަލައިގައި އަބުރުވެރިކަމާއި ހެޔޮ ނިޔަތާއި އެކު އެކަން ނިންމެވުމުގެ ރީތިގޮތް އިހުތިޔާރު ކުރެއްވުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައި އާޒިމާ ވިދާޅުވެފައި ވެއެވެ.
ގާއިމް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައި ވަނީ ފައިސާތަކާ ގުޅޭ ގިނަ މައްސަލަތައް ފެށީ އާޒިމާ ވިލާގެ ވަކީލަކަށް ހުންނެވިއިރު ކަމަށާއި ދަށު ކޯޓާއި ހައިކޯޓް އަދި ސުޕްރީމް ކޯޓުގައި ވެސް އަޑުއެހުންތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމެވިކަން ވެސް އާޒިމާއަށް ރަނގަޅަށް އެނގޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެވާހަކަފުޅަށް ރައްްދު ދެއްވަމުން އާޒިމާ ވިދާޅުވީ ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތައް ކޯޓާއި ކޯޓުނުން ބޭރުގައި ނިންމާފައި ވަނީ ދައުލަތުގެ ބަންޑާރަނައިބު ކަމާ އޭނާ ހަވާލުވެވަޑައިގެން، ވަކާލާތު ކޮށްދެއްވުން ހުއްޓަވައިލެއްވި ފަހުން ކަމަށެވެ.
"ވުމާއި އެކު މިހާރު ވިލާ ގްރޫޕަށް ނިސްބަތްވާ އެކި އެކި ކުންފުނިތަކާއި އަދި ފަރުދުން ކުއްޔަށް ނަގާފައިވާ ރަށްރަށާއި ބިންްބިމުގެ ކުއްޔާއި އަދި އެތަންތަނުން ދައްކަން ޖެހޭ ފައިސާގެ މައްސަލައައަކީ އެއްވެސް ހާލެއްގައި އަޅުގަނޑުގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ވަކާލާތު ކުރުމެއް އޮވެގެން ހިނގާފައވާ ކަން ކަމެއް ނޫނެވެ،" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މީރާއިން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިއަދާ ހަމައަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން ޖީއެސްޓީ އަދި ގްރީން ޓެކްސް އެއްގޮތަކަށް ވެސް ދައްކާފައެއް ނުވެ އެވެ. އެއީ 5.1 މިލިއަން ޑޮލަރު (78.6 މިލިއަން ރުފިޔާ) އެވެ. އޭގެއިތުރުން އެ ކުންފުނިން ހިންގާ، ސަން އައިލެންޑް، ފަން އައިލެންޑް، ޕެރަޑައިޒް އައިލެންޑް އަދި ހޮލިޑޭ އައިލެންޑުން ރިސޯޓު ކުލީގެ ގޮތުގައި 18.9 މިލިއަން ޑޮލަރު (291.4 މިލިއަން ރުފިޔާ) ވެސް ދައްކާފައިނުވާ ކަމަށް މީރާއިން ވަނީ ހާމަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނިން ދައުލަތަށް ޖުމްލަ 369.5 މިލިއަން ރުފިޔާ ދައްކަން ޖެހިފަ އިވެއެވެ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 20 އިންސައްތައެވެ. އަދި ހަމައެއާއެކު، މުޅި ޖުމްލަ ވިލާ ގްރޫޕުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 188 މިލިއަން އެމެރިކާ ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ވެސް ބުނެ އެވެ. އެއީ މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީގެ ނިސްބަތުން 13.3 އިންސައްތައެވެ.