މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް)ގެ މަގާމަށް ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ އާތިފް ޝަކޫރު ކުރިމަތިލައްވައިފި އެވެ.
އާތިފް އަކީ މިފްކޯއާއި އެމްޓީސީސީގެ އެންމެ އިސް މަގާމުތަކުގައި ހުންނަވައިގެން އެ ކުންފުނިތައް މީގެކުރިންވެސް ހިންގުމުގައި އުޅުއްވި ބޭފުޅެކެވެ. އާތިފް ވަނީ ދިރާގުގެ ޗެއާމަންގެ މަގާމުވެސް ކުރިން ފުރުއްވާފަ އެވެ.
އާތިފް އަކީ މަސްވެރިކަމުގެ ސިނާއަތު ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި ރާއްޖޭގެ އިގްތިސާދު ދިރާސާކުރަމުންދާ ތަޖުރިބާކާރުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް އޮޅުން ފިލުއްވައިދެއްވުމަށް ޓީވީ ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރަށް ބައެއް ނޫސްތަކުގައި ލިޔުންތައްވެސް ލިޔުއްވަމުންނެވެ.
އާތިފްގެ ކޮއްކޮ އަދި ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލެއްވީ މިވަގުތު މިފްކޯ އޮތް ހާލަތާއި، ދިވެހި މަސްވެރިކަމުގެ ސިނާއަތު އޮތް ހާލަތާއި އަދި ރާއްޖޭގެ އިްތިސާދީ ހާލަތު އޮތް ގޮތް ރަނގަޅަށް އެނގިވަޑައިގެން އެކަމާ ކަންބޮޑުވާތީ ހާލަތު ރަނގަޅު ކުރެއްވުމަށް ކަމަށެވެ.
މިފްކޯގެ ސީއީއޯގެ މަގާމު އާތިފް މިއަދު ކުރިމަތިލެއްވީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދިފައިވާތީ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.
"އާތިފްގެ ނިންމުމަކީ އަޅުގަނޑަށް އެނގޭ ގޮތުގައި އިގްތިސާދީ ގޮތުން އަދި މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ގައުމީ ހިދުމަތަށް ނިކުތުމެވެ. އަޅުގަނޑުގެ މިލިޔުމަކީ އާތިފްއަކީ އަޅުގަނޑުގެ ބޭބެ ވެގެން ކުރާ ތައުރީފެއް ނޫނެވެ. އެއާ ހިލާފަށް ތެދުބަހުން ލިޔެފައިވާ ލިޔުމެކެވެ. މިއަދު މިކަމާ އެންމެ އުފާވީހީ ބައްޕަ އެވެ،" އާޒިމާގެ ފޭސްބުކް ޕޯސްޓެއްްގައި ލިޔުއްވާފައިވެ އެވެ.
މިފްކޯގެ ހުސްވެފައިވާ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް)ގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން އިއުލާން ކުރީ މިދިޔަ ޖޫން 26 ވަނަ ދުވަހު އެވެ. މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ ނިޔަލަށެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް ހޮވޭ ބޭފުޅެއްގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000 ރުފިޔާ) އާއި 12،000 ޑޮލަރު (185،000 ރުފިޔާ)އާ ދެމެދުގެ މުސާރައެއް ދިނުމަށް ޕީސީބީ އިން ވަނީ ނިންމާފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހްމަދު ސަމާހް ރަޝީދު އެވެ. އޭނާ އެ މަގާމުން މިދިޔަ މެއި 21 ވަނަ ދުވަހު ވަކިކުރެއްވުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަންކުރައްވާފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ 1.2 ބިލިއަން ރުފިޔާއަށް ވުރެ ދަރަނި ބޮޑުވެފައި ވަނިކޮށެވެ.