ބޮލީވުޑް

ޕަދްމާވަތް ދެއްކުން މެލޭޝިއާގައި މަނާކޮށްފި

މިދިޔަ ހަފުތާގައި ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތް" މެލޭޝިއާގަ ދެއްކުން އެ ގައުމުގެ ސެންސަރު ބޯޑުން މަނާކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެލޭޝިއާގެ ސެންސަރު ބޯޑުން މި ފިލްމު ދެއްކުން މަނާކުރީ ފިލްމާއި ގުޅިގެން މުޖުތަމައުގައި ހަމަނުޖެހުމެއް އުފެދިދާނެ ކަމަގެ ބިރު އޮތުމުން ކަމަށެވެ. އެ ފިލްމާއި ގުޅިގެން އިންޑިއާގައި އަންނަނީ ބޮޑެތި ހަމަނުޖެހުންތަކެއް މިހާރު ވެސް ހިނގަމުންނެވެ.

މެލޭޝިއާއަކީ ޕަދްމާވަތް ދެއްކުން މަނާކުރި ފުރަތަމަ ގައުމުވެސް މެއެވެ.

ބޮޑު ހަމަނުޖެހުންތަކަކަށް ފަހު އިންޑިއާގެ ސެންސަރު ބޯޑުން މި ފިލްމު ފާސް ކޮށް ދިނީ ފިލްމުގެ ނަމާއި ފިލްމުގައި ހިމެނޭ ފަސް މަންޒަރަކަށް ބަދަލު ގެންނަން އަމުރުކޮށްފަ އެވެ. އޭގެ ފަހުން ފިލްމު ރިލީޒް ކުރުމާއެކު މިހާރު ވަނީ މަސްލަހަތު އިތުރަށް ގޯސްވެފައި ކަމަށް މައުލޫމާތު ލިބެ އެވެ.

ސިނެމާ ތަކުގައި ހުޅު ޖަހާއި ސިނަމާތަކަށް ޕެޓްރޯލް ބޮން އުކާ މައްސަލަތަކެއް ވެސް ފެންމަތިވަމުންދެ އެވެ. އެހެން ނަމަވެސް ފިލްމަށް ލިބޭ ތަރުހީބަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ފިލްމު ރިލީޒް ކުރި ފުރަތަމަ ދެ ދުވަސް ތެރޭގައި ބޮޑު އާމްދަނީއެއް ހޯދާ ރެކޯޑެއް ވެސް ގާއިމް ކޮށްފައިވެ އެވެ.

މި ފިލްމު އެޅުވި އެހެން ގައުމުތަކުން ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ އަދި އިނގެރޭސިވިލާތް ހިމެނެ އެވެ.

މި ފިލްމު އުފައްދާފައިވަނީ 1.9 ބިލިއަން އިންޑިއާ ރުޕީސްގެ ބަޖެޓަކުންނެވެ. ބޮކްސް އޮފީހުގައި އިއްޔެއާއި ހަމައަށް މި ފިލްމަށް 33 ކަރޯޑު ރުޕީސް ލިބިފައިވެ އެވެ.

ކްރިޓިކުން ވެސް ވަނީ މި ފިލްމަށް ތައުރީފު އޮއްސާލާފަ އެވެ. މި ފިލްމަކީ "މާސްޓަޕީސް" އެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މި ފިލްމު އެޅުވުން މީގެ ކުރިން އިންޑިއާގެ ހަތަރު ސްޓޭޓެއްގައި އޮތީ މަނާ ވެސް ކޮށްފަ އެވެ. ނަމަވެސް އިންޑިއާގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ އިންޑިއާގެ ހުރިހާ ސްޓޭޓެއްގައި މި ފިލްމު ދެއްކުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މި ފިލްމާއި ދެކޮޅަށް އެންމެ ގަދައަށް އަޑު އުފުލާ ކަރްނީ ސޭނާ ގުރުޕުން ބުނަމުން ދަނީ ފިލްމުގައި ތަރީހަށް ފުށު އަރާގޮތަށާއި "ރާނީ ޕަދްމާވަތީ" ގެ ޝަހުސިއްޔަތަށް އުނިކަން އަންނަ ގޮތަށް މަންޒަރުތައް ގެނެސްދީފައިވާ ކަމަށެވެ. ބަންސާލީ ރައްދުގައި ބުނެފައިވަނީ އެކަހަލަ އެއްވެސް މަންޒަރެއް މި ފިލްމުގައި ނުހިމެނޭނެ ކަމަށެވެ. ބަންސާލީ ވަނީ ކަރްނީ ސޭނާއަށް ފިލްމު ބަލަން އައުމަށް ދައުވަތު ވެސް ދީފަ އެވެ.

ކަރްނީ ސޭނާ ގުރޫޕުން ވަނީ ބަން ސާލީގެ މަންމަގެ މައްޗަށް ފިލްމެއް ތައްޔާރު ކުރާނެ ކަމަށްވެސް ދާދިފަހުން ބުނެފައި އެވެ. އަންނަ އަހަރު ރިލީޒްކުރާ މި ފިލްމަކީ ބަންސާލީ އުފާވާނެ ފިލްމަކަށް ހަދާނެ ކަމަށާއި ރާޖްޕުތްގެ މަންމަ "ރާނީ ޕަދްމާވަތީ" ގެ އަގު ވައްޓާލިހެން ބަންސާލީގެ މަންމަގެ އަގުވައްޓާ ނުލާނެ ކަމަށް އެ ފިލްމު ހަދާ ފަރާތުން ބުނެފައިވެ އެވެ.