ކުޅިވަރު

މާޔޫސް ވިޔަސް ސައިފް ކޯޗް ހުރީ އިތުބާރާއެކު

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވި ނަމަވެސް، މިރޭ ޓީސީއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުގައި ޓީމާ މެދު ބޮޑު އިތުބާރެއް އެބައޮތް ކަމަށް ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބުގެ ކޯޗު ރަޔަން ނޯތުމޯރް ބުނެފި އެވެ.

އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗުގައި މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 1-0 ން ނެވެ. ދެ ވަނަ ލެގްގައި މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން އިންގްލެންޑަށް ނިސްބަތްވާ ނޯތު މޯރް ބުނީ ފުރަތަމަ ލެގް މެޗަށް ވުރެ މިރޭގެ މެޗާ މެދު އޭނާގެ ޓީމުން ވިސްނާ ގޮތް ތަފާތު ވާނެ ކަމަށެވެ.

"އަހަރެން ބުނިހެން މާޔޫސްކަން އޮތް ނަަމަވެސް، އެ މެޗުގައ އަހަންނަށް ވަނީ އަހަރެންގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ޕޮސެޓިވް ކަންކަން ފެނިފައި، އަހަރެމެން ޖެހޭނެ އެ މެޗުގައި ދެއްކި ކުޅުން ތަކުރާރު ކުރަން އެ މެޗުން ފިލާވަޅުތަކެއް އަހަރެން ދަސް ކޮށްފިން އަހަރެމެން މަސައްކަތް ކުރާ ގޮތް ތަފާތު ވާނެ، ޓީމާ މެދު އަހަންނަށް ބޮޑު އިތުބާރެއް އެބައޮތް." ނޯތު މޯރް ބުންޏެވެ.

ރާއްޖޭގައި ބަންގުލަދޭޝްގެ ގިނަ ބަޔަކު އުޅޭތީ ސައިފް އަށް ސަޕޯޓް ކުރަން އެ މީހުން ދަނޑަށް އަންނާނެ ކަަމށް އޭނާ އުންމީދު ކުރާ ކަމަށް ނޯތު މޯރު ބުންޏެވެ. އަދި އެކަމުން ސައިފްއަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ. ބަންގުލަދޭޝްގައި ކުޅުނު މެޗުގައި މެޗުގައި ޓީސީގެ ތަފާތަކަށް އެ ޓީމުގެ ބިދޭސީ ކުޅުންތެރިވީ ކަން ނޯތުމާރު ފާހަގަ ކުރި އެވެ.

"ޓީސީ މެޗުން މޮޅުވުމުގައި ބިދޭސީ ކުޅުންތެރިން މުހިންމު ދައުރެއް އަދާ ކުރި، އެ ކުޅުންތެރިން ޓީސީގެ ގޭމަށް ކުރި އެރުން ގެނެސްދިން، އަހަރެން އުންމިދު ކުރަން އަހަރެމެން ޓީމުގެ ބިދޭސީ ކުޅުންތެރިންވެސް އެކަހަލަ ގޮތަކަށް ކުރިއަށް އޮތް މެޗުގައި މަސައްކަތް ކުރާނެ ކަމަށް."

"90 މިނެޓަށް ވުރެ ގިނަވަގުތު އަދި އެބައޮތް، މެޗާ މެދު ވިސްނާނީ ވަރަށް ބެލެންސް ވިސްނުމެއްގައި، މެޗު ކާމިޔާބު ކުރަން އޮތް ގޮތަށް އަހަރެމެން މަސައްކަތް ކުރާނީ."

ޓީސީ އާއި ސްއިފް ކުޅޭ މެޗު ފަށާނީ މީރޭ 9:00 ގަ އެވެ.