ރާއްޖެ ކުޅިވަރު

އަނަޓޮލީގެ މޮޅު ކުޅުމާއެކު ޓީސީ އޭއެފްސީ ކަޕް ޕްލޭ އޮފްއަށް

ކްރިގިސްތާން މިޑްފިލްޑަރު އަނަޓޮލީ ވްލަސިޗެވްގެ ކާމިޔާބުކޮށްދިން ހެޓްރިކާއެކު ޓީސީ އޭއެފްސީ ކަޕް ޕްލޭއޮފް ބުރަށް ދަތުރުކޮށްފި އެވެ. ޓީސީ މިރޭގެ މެޗު ކާމިޔާބުކުރީ 1-3 ނަތީޖާއަކުންނެވެ.

ރަށުން ބޭރުގައި ސައިފް 0-1 ބަލިކުރި މެޗުގައިވެސް ޓީސީގެ ލަނޑު ޖެހީ އަނަޓޮލީ އެވެ. މިރޭ މެޗަށް ޓީސީ އަމިއްލަ ދަނޑުގައި ނިކުތީ އަވޭ ގޯލްގެ ހިތްހަމަޖެހުމާއެކު އެވެ. ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރުމަތީގައި ސައިފްއަށް މިރޭގެ މެޗުގައި މެޗު އަންބުރާލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ސައިފް އާއި ހިލާފަށް ޓީސީ ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ޓީސީ އެވެ. ސާމިރު ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިލަނޑު ޖެހީ އަނަޓޮލީ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސައިފްއިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ އެވެ.

އަނަޓޮލީ ޓީސީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ޕެނަލްޓީއަކުންނެވެ. މިޕެނަލްޓީއަކީ ދެވަނަ ހާފްގައި ކުޅެން ނިކުއިން އަހުމަދު އާރިފް (އާރީ)އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އަނަޓޮލީ ހެޓްރިކް ފުރިހަމަ ކުރީ 88 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުންނެވެ. ސައިފްގެ އޭރިއާ ބޭރުން ގޯލް ކުރިމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން އޭނާ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.

ޓީސީ ޕްލޭ އޮފްގައި ވާދަކުރަން ޖެހޭނީ ބެންގަލޫރޫ އެފްސީ އާއެވެ. އެޓީމު ވަނީ އަމިއްލަ ދަނޑުގައި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑު 0-3 ބަލިކޮށްފަ އެވެ.