ކުޅިވަރު

ކީޕަރު ނަދީމަށް ޓީސީން ބޮޑު އިތުބާރެއް ހޯދައިދީފި

ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި ދިވެހި ކީޕަރުން މަދު ވާހަކަ އަކީ، އެތައް ފަހަރަކު ދައްކާފައިވާ ވާހަކަ އެވެ. ކީޕަރުން މަދު ވުމަކީ، ގައުމީ ޓީމު ސިލެކްޝަންގައި ވެސް ވާދަވެރިކަން ނޯންނަ ކަމެކެވެ. އެންމެ ސީނިއާ ކީޕަރު އަތަށް އަންގި ހަވާލު ކޮށްފައި ގައުމީ ޓީމަށް ނަގަނީ އެވެ. ޒުވާން ކީޕަރުން ތިބި ނަމަވެސް އެއިން ކީޕަރަކަށް އިތުބާރު ދޫކޮށްލާކަށް ގައުމީ ޓީމުގެ ކޯޗަށާއި ގިނަ ކުލަބުތަކުގެ ކޯޗުންނަށް ވެސް ނުކުރެ އެވެ.

ރާއްޖޭގެ އެއް ވަނަ ކީޕަރު އަދި ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އަބަދުވެސް ބުނާ ވާހަކަ އެއް އެބައޮތެވެ. ދިވެހި ކީޕަރުންނަށް ކުލަބު ތަކުގެ ފުރަތަމަ 11 އިން ފުރުސަތު ދޭންވީ އެވެ. ކީޕަރުންގެ ފެންވަރު ވަޒަން ކުރެވޭނީ ވެސް އޭރުންނެވެ. އަދި ތަޖުރިބާ އާއި ހުނަރު ލިބޭނީ ވެސް ވާދަވެރި މެޗު ތަކުން ފުރުސަތު ދީގެން ކަން އިމްރާން ފާހަގަ ކުރެ އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގް މެޗުގައި، ރޭ ބަންގާޅުގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ޓީސީން ފުރުސަތު ދިނީ، ޒުވާން ކީޕަރު އިބްރާހިމް ނަދީމް އާދމް (ރިކޫ) އަށެވެ. މިއީ އިންޓަނޭޝަނަލް މެޗެއްގެ ފުރަތަމަ 11 އިން ނަދީމަށް ފުރުސަތު ލިބިގެން ދިޔަ ފުރަތަމަ ފަހަރެވެ.

ޓީސީގެ އެއް ވަނަ ކީޕަރަކަށް މިފަހަރު އެ ޓީމުން ގެނައީ، ބެލަރޫސްގެ ޕްރިމިއާ ލީގްގައި ކުޅެމުން ދިޔަ ކީޕަރެއް ކަމަށްވާ، ޑިމީޓްރީ އަސްނިން އެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗަށް ޓީސީން ފުރަތަމަ 11 އިން ފުރުސަތު ދިނީ އަސްނިން އަށެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ. ޓީސީގެ އޮޕްޝަން އަކަށް އޮތީ ނަދީމްގެ ނަމަވެ، އޭގެ ކުރިން އެ ވަރުގެ ޕްރެޝަރު މެޗެއްގައި ކުޅެފައި ނުވާ ޒުވާން ކީޕަރެކެވެ.

އެ ފެންވަރުގެ މެޗު ތަކުގެ ތަޖުރިބާ ނެތް ނަމަވެސް، އެކަން ނަދީމްގެ ހުނަރުން ފާހަގައެއް ނުކުރެވުނެވެ. އެ މެޗުގައިވެސް އޭނާ ވަނީ މުހިންމު ސޭވް ތަކެއްކޮށް ޓީސީ ސަލާމަތް ކޮށްދީފަ އެވެ. ރޭ ކުޅުނު މެޗުގައި އޭނާ ފެނުނީ ވަކިން ތަފާތު ކޮށެވެ. އޭނާ ދެއްކި ކުޅުމަށް ސާބަސް ދޭން ޖެހެ އެވެ. ގައުމީ ޓީމަށްވެސް އޮތް އުންމީދަކަށް އޭނާ ވާނެ އެވެ. ޓީސީއިން އޭނާ އަށް އިތުބާރު ހޯދައި ދީފި އެވެ.

"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން ވާނީ ބައެއް މެޗު ތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރިކޫ [ނަދީމް] އަށް ފުރުސަތު ދީފައި، ޓީސީއަށް ރަނގަޅު ލީޑެއް ލިބޭނަމަ ބައެއް މެޗުތުގައި ރިކޫ އަށް ފުރުސަތު ދެން،" ޓީސީގެ ގޯލްކީޕަރު ޓްރެއިނާ އަހްމަދު އަހްސަން (ބަރޯ) ބުންޏެވެ. "އެގޮތަށް މެޗު ތަކުން ފުރުސަތު ދެވިފައި ހުރީމަ ރިކޫއަށް އިތުބާރު ލިބުނީ."

އޭނާ ބުނީ، މި އަހަރު ގިނަ މެޗުތަކުގައިވެސް ނަދީމް އަށް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި ބޮޑެތި މެޗުތަކަށްވެސް އޭނާ ނެރޭނެ ކަމަށެވެ. އޭނާ ބުނީ ކީޕަރުން ތަމްރީން ކުރުމުގައި ޓީސީގެ ޓާގެޓެއް އެބައޮތް ކަމަށެވެ.

"މިހާރު [އިބްރާހިމް] އިފްރާހް [އަރީފް] ވެސް ޓީސީއަށް ޖޮއިން ކުރީ، އަޅުގަނޑުމެންގެ ޓާގެޓަކީ އަންނަ އަހަރު ޓީސީގެ އެއް ނަންބަރު ކީޕަރަކަށް ދިވަހި ކީޕަރަކު ގެނައުން، ކީޕަރުންނަށް ފުރުސަތު ދިގެން ޕްރެޝާ މެޗުތަކަށްވެސް ޑީލް ކުރާނެ ގޮތް އެނގޭނެ، އޭރުން މި އަންނަ އަހަރަށް ދިވެހި ކީޕަރަކަށް ފުރަތަމަ 11 އިން ފުރުސަތު ދެވޭ ވަރަށް އިންނާނީ ތަޖުރިބާވެސް ލިބިފަ."