ކުޅިވަރު

ރަފާ އާއި މުންސިފް ގައުމީ ޗެމްޕިއަން ޓައިޓަލް ދިފާއުކޮށްފި

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ސިންގަލްސް އިވެންޓް ތަކުގެ ޗެމްޕިއަންކަން މި އަހަރުވެސް، އައިޝަތު ރަފާ ނާޒިމް އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.

މިއީ މުންސިފް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި، އަށް ވަނަ ފަހަރެވެ. ފައިނަލު މުންސިފް ކާމިޔާބު ކުރީ ޒީސްތު ނަސީމްއާ ވާދަ ކޮށެވެ.

ފައިނަލުގައި ރަފާ ވާދަ ކުރީ އެންމެ ފަހުގެ ގައުމީ މުބާރާތުގައި ވެސް ފައިނަލުގައި އޭނާ އާ ވަދަ ކުރި މުއިނާ މުހައްމަދެވެ. އެންމެ ފަހުގެ މުބާރާތަށް މުއިނާ ނިކުތީ 14 ވަނަ ފަހަރަށް ގައުމީ މުބާރާތް ކާމިޔާބު ކުރާ ށެވެ. ނަމަވެސް ރަފާ ކާމިޔާބު ހޯދައި ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގެ ސިންގަލްސްގައި އޭނާގެ ނަން ރިކޯޑް ކުރި އެވެ.

ގައުމީ މުބާރާތް މި އަހަރު ކުރީ ކޮޅު މި ބާއްވަނީ މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި ނަމަވެސް، ޓީޓީ އެސޯސިއޭޝަނަށް ހޯލެއް ނެތުމުން މުބާރާތް ފަސް ކުރުމަށްފަހު އެވެ. ގައުމީ މުބާރާތް ކުރިއަަށް ދިޔަ ނަމަވެސް ޓީޓީއަށް އަދިވެސް ހޯލެއް ހަމަޖެހިފައެއް ނުވެ އެވެ. ގައުމީ މުބާރާތް ކުރިއަށް ދަނީ އިތުރު ތިން އެސޯސިއޭޝަނަކުން ވެސް ބޭނުން ކުރަމުން އަންނަ، ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގަ އެވެ.

އެއް ވަނަ ޑިވިޝަން އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރަފާ އާއި އޭނާގެ ޕެއާ ލައިސާ ފަތުހުﷲ އެވެ. އެ ދެ ކުޅުންތެރިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފާތިމަތު ޖުމާނާ ނިމާލް އާއި މަރިޔަމް ޝަފީގް ބަލި ކުރުމަށް ފަހު އެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، މުންސިފް އާއި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ގެ ޕެއާ އެވެ. ވެންޓަރަންސް ކެޓަގަރިގައި މިހާރު އާންމުކޮށް ވާދަ ކުރާ ތާޅަފިލި އަލިބެ އާއި މުންސިފް ކާމިޔާބު ހޯދީ ފައިނަލުގައި، ޒީސްތު އާއި މުހައްމަދު ޝައްފާން އިސްމާއީލް ބަލި ކުރުމަށް ފަހު އެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރަފާ އާއި ޒީސްތުގެ ޕެއާ އެވެ. އެ ދެކުޅުންތެރިން ކާމިޔާބު ހޯދީ، މުންސިފް އާއި އައިޝަތު ފަދުވާ ރަޝީދުގެ ޕެއާ ބަލި ކުރުމަށްފަހު އެވެ. އެއް ވަނަ ޑިވިޝަން ޓީމު އިވެންޓްގެ އަންހެން ބައިގެ ފައިނަލުގައި ޓީރެކްސް ސްޕޯޓްސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި ޗެމްޕިއަން ކަން ހޯދީ ހިންނަވަރު ހައިނުސް އެވެ.