ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ދިވެހިރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ ދެ މެޗަށް ގައުމީ ޓީމު ސްކޮޑް އެކުލަވާލައި، އެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދެކުނު ކޮރެއާ އަށް ތަމްރީނު ދަތުރެއްގައި ދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިރޭ ބުނެފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 25 ކުޅުންތެރިންގެ ސްކޮޑަކާއެކު، ކޮލިފައިންގައި ގަތަރާއި ހޮންކޮންގާ ދެކޮޅަށް އަންނަ މަހު ކުޅޭ ދެ މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް މި މަހުގެ 17 ވަނަ ދުވަހު ފަށާނެ ކަމަށެވެ. އަދި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއްގައި މި މަހުގެ 19 ވަނަ ދުވަހު ގައުމީ ޓީމު ދެކުނު ކޮރެއާ އަށް ފުރާނެ ކަމަށެވެ.
"ވަރަށް ރަނގަޅު ފުރުސަތެއް މިއީ. މި ޓްރެއިނިން ކޭމްޕްގައި ދެކުނު ކޮރެއާގެ ގައުމީ ޓީމުގެ ފެސިލިޓީޒް ބޭނުންކުރުމުގެ ފުރުސަތު ރާއްޖެ އަށް ލިބޭނެ،" ބައްސާމް ވިދާޅުވި އެވެ.
ގައުމީ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ގައުމީ ޓީމު ދެކުނު ކޮރެއާ އަށް ކުރާ ދަތުރުގައި ދެކުނު ކޮރެއާގެ ކްލަބަކާއެކު އެކުވެރިކަމުގެ އެއް މެޗު ކުޅޭނެ ކަމަށެވެ. އަދި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް މި މަހުގެ ފަހުކޮޅު މެލޭޝިއާ ލީގުން ހޮވާލެވޭ ޓީމު އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުމަށް ފުުރުސަތު ލިބިފައިވާތީ، ދަގަނޑޭ ޓްރެއިނިން ކޭމްޕްގައި ބައިވެރިނުވާނެ ކަމަށެވެ.
"ލީގުގައި މިހާތަނަށް ފެނުނު މެޗުތަކާއި އޭއެފްސީ ކަޕްގެ މެޗުތަކުން ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންގެ ފަރާތުން އަހަރެން އުންމީދުކުރާ ވަރުގެ ކުޅުމެއް ނުފެނޭ. ކުޅުންތެރިންގެ ފިޓްނަސް ވެސް ދަށް. އެހެންވެ މިހާ ކުރިން ލީގު މެދުކަނޑާލާފައި ފަރިތަކުރުންތައް މި ފަށަނީ. ކުޅުންތެރިންގެ ފޯމު ރަނގަޅު ނަމަ، އަހަރެން ވެސް ބޭނުންވީސް ލީގުގައި އިތުރު ދެ ރައުންޑްގެ މެޗުތަކެއް ކުޅުމަށް. އެކަމަކު މި ވަގުުތު ޓީމާއެކު އަހަންނަށް ވަގުުތު ބޭނުންވޭ މިހާރު ހުރި މައްސަލަތައް ރަނގަޅުކުރަން،" ޕޮޕޯފް ބުންޏެވެ.
ކޮލިފައިންގެ ގުރޫޕް ސީގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ މި ގުރޫޕްގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ގަތަރާ ދެކޮޅަށެެވެ. އަދި ދެވަނަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ހޮންކޮންގްއާ ދެކޮޅަށް ރަށުން ބޭރުގައި ނުކުންނާނެ އެވެ.
މި ދެ މެޗަަށް ނެގި ގައުމީ ޓީމުގެ ސްކޮޑްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް، ކޮންމެ ޓީމަކުން ނުވަ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. ދެން ހިމެނެނީ ކްލަބް އީގަލްސްގެ ދެ ކުޅުންތެރިންނާއި ޓީސީ ސްޕޯޓްސް އަދި ބީޖީ ސްޕޯޓްސް، މީގެން ކޮންމެ ޓީމަކުން އެއް ކުޅުންތެރިއެކެވެ.