ހައުސިން މިނިސްޓްރީގެ ދަށުގައިވާ ދަރުބާރުގޭގެ ކުލީގެ ގޮތު ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް ހައުސިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން ދަރުބާރުގެ ކުއްޔަށްދީގެން ސަރުކާރަށް ނުލިބި ވަނީ 5.4 މިލިއަން ރުފިޔާއެވެ.
އޮޑިޓް އޮފީހުން މިއަދު ހާމަކުރި ހައުސިން މިނިސްޓްރީގެ ރިޕޯޓުގައި ބުނީ، ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތްތަކަށް ނޫނީ ވިއްކާ ހިދުމަތެއްގެ އަގަށް ލިބެންޖެހޭ ފައިސާ އެކަމެއް ނިމޭތާ މަސްދުވަހުގެ ތެރޭގައި ހޯދަން ގާނޫނުގައި ބުނެފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން އެކަމަށް ފަރުވާކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރުންފެށިގެން އެ މިނިސްޓްރީގެ ދަށުގައިވާ ދަރުބާރުގެ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި އިރު އެ ފައިސާ ހޯދަން ހައުސިން މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"ދަރުބާރުގޭގެ މާލަންތަކާއި ތަންތަން ބިލްކުރާ ގޮތަށް ކުއްޔަށްދީގެން ލިބެންޖެހޭ ޖުމްލަ 2029215 ރުފިޔާ ހޯދާފައި ނުވާކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ހައުސިން މިނިސްޓްރީގެ ދަށަށް ދަރުބާރުގެ ބަދަލުކުރުމުގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ވެސް ކުލީގެ ގޮތު ލިއަނަށްވުރެ ގިނަ ރުފިޔާ ދަރުބާރުގެއިން ނުލިބި ހުރިކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ކުލީގެ ގޮތުގައި ކޮށްފައިވާ ބިލިތަކަށް ފައިސާ ނުދައްކައި ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން ޖޫރިމަނާއަށް އަރާފައިވާ އަދަދުތަކާއެކު ހޯދަންޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ ފަސްމިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ. އެފައިސާ ހޯދަން ހައުސިން މިނިސްޓްރީއަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.