ވިޔަފާރި

ވީއައިއޭ އާ ކާގޯ ޓާމިނަލްގެ ބިންގާ އަޅައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީ ކުރާ، އާ ކާގޯ ޓާމިނަލްގެ ބިންގާ އަޅައިފި އެވެ.

ހުޅުލެ އައިލެންޑް ހޮޓަލާ އިން ވެގެން ހިއްކަ ސަރަހައްދުގައި ތަރައްގީ ކުރާ ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ، އާ ރަންވޭ އާއި އާ ކާގޯ ކޮމްޕްލެކްސްއަކާއި ފިއުލް ފާމް ހިމެނޭ މަސައްކަތް ކުރާ، ކުރަނީ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ. މިތަން ތަރައްގީ ކުރަނީ އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭ ގޮތަށެވެ.

އާ އިންޓަނޭޝަނަލް ކާގޯ ޓާމިނަލްގެ ބިންގާ އަޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި މި ރަސްމިއްޔާތުގައި ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލީ ޑައުސުން ވެސް ބައިވެރިވި ވަޑައިގަތެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ސަރުކާރުން 50،000 ޓޫރިސްޓު އެނދު ތަރައްގީ ކުރަމުންދާއިރު، ޓޫރިޒަމް ސިނާއަތް ފުޅާވަމުން ދިއުމަކީ އެއާޕޯޓް ތަރައްގީ ކުރަން ޖެހޭ ސަބަބެއް ކަމަށެވެ.

"ޓޫރިސްޓުން އިތުރު ވެގެން އަންނައިރު ކާގޯގެ ދައުރު ވަރަށް ބޮޑުވާނެ. މަތިންދާ ބޯޓްތަކުން ހަމައެކަނި އުފުލާނީ މީހުންނެއް ނޫން. ކާގޯ ވެސް ހިމެނޭ. މީގެތެރޭގައި ދެ ވައްތަރެއްގެ ކާގޯ އުފުލާނެ. އެއް ބާވަަތަކީ ޓޫރިސްޓް ރިސޯޓުތަކާއި ވިޔަފާރިތަކަށް ވައިގެ މަގުން ގެންނަ ކާގޯ،" ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓްގައި މިހާރު ކާގޯގެ ހިދުމަތް ދެމުން ގެންދަނީ އެންމެ ރަނގަޅު ފެންވަރުގައި ނޫން ކަމަށެވެ. މީގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޖާގައިގެ ދަތިކަން އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އާ ކާގޯ ޓާމިނަލްގެ ސަބަބުން ޖާގަ ބޮޑުވެގެންދާނެ ކަމަށެވެ.

"އާ ކާގޯ ޓާމިނަލް ހަދަނީ އިތުރު އެއާލައިންތަކެއް ރާއްޖެއަށް އޮޕަރޭޓް ކުރި ނަމަވެސް ޖާގަ އިތުރު ކުރެނޭ ގޮތަކަށް. މިއާ ގުޅިގެން އިތުރު ޖާގަ ވެސް އިތުރު ވެގެން ދާނެ،،" އާދިލް ވިދާޅުވި އެވެ.

އާ ކާގޯ ޓާމިނަލްގެ ބިންގާ އެޅިއިރު، މީގެ ދެ ދުވަސްކުރިން ވަނީ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތް ވެސް ކުރަނީ ބީޔޫސީޖީއިންނެވެ. ސީޕްލޭންގެ މަސައްކަތަށް 60 މިލިއަން ޑޮލަރު ހޭދަ ކުރާއިރު، އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް 300 މިލިއަން ޑޮލަރަށް ހަވާލުކުރީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. އަދި މުޅި އެއާޕޯޓު ތަރައްގީއަށް ބިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.