ކުޅިވަރު

މެޗު ވިއްކުމުން އިންޑިއާގެ ފުޓްބޯޅަ ބަލިވެދާނެ

މެޗު ގަތުމާއި، މެޗު ވިއްކުމުގެ ވާހަކަ އަކީ އިންޑިއާގެ ކުޅިވަރުގައި އާންމު ކަމެއްގެ ގޮތުގައި އޮތް ކަމެކެވެ. އެކަމާ ދެކޮޅަށް ބޮޑެތި ކެމްޕޭންތަކެއް ހިންގި އެވެ. ކްރިކެޓަކީ އިންޑިއާގެ އެންމެ މަޝްހޫރު ކުޅިވަރެވެ. މެޗު ވިއްކުމުގެ ބަލިމަޑުކަން އިންޑިއާގެ ކްރިކެޓް ތެރޭގައި އޮތީ ދެވި ހިފާ އެވެ. އެ ވައިރަސް ދައުރު ވަމުން ފެތުރެމުން އައިސް މިހާރު ވަނީ، ކުރި އަރަމުން އަންނަ އިންޑިއާގެ ފުޓްބޯޅައަށްވެސް ވަދެފަ އެވެ.

ދާދި މިދާކަށް ދުވަހާ ޖެހެދެން، އެ ވާހަކަ ރަށުތެރޭގައި އެނބުރުނަސް އެކަން އޮތީ ސިއްރެއްގެ ގޮތުގަ އެވެ. އެ ވާހަކަ އެންމެ ފުރަތަމަ މީޑިއާއަށް ތިލަ ކުރީ އިންޑިއާގެ އައި ލީގްގެ މިނާވެރު ޕަންޖާބު އެފްސީ އެވެ.

ޕަންޖާބު އެފްސީން ބުނީ (މެޗު ވިއްކާލުމަށް އެދި) އެ ޓީމުގެ ދެ ކުޅުންތެރިޔަކަށް 47218 އެމެރިކާ ޑޮލަރު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް އިންޑިއާގެ ތިން މިލިއަން ރުޕީ އެވެ.

ޕަންޖާބް އެފްސީން ވަނީ އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް މެޗު ވިއްކާލުމަށް ފައިސާ ހުށަހަޅާފައިވާ ކަން ރިޕޯޓް ކޮށްފަ އެވެ. އޯލް އިންޑިއާ ފުޓްބޯޅަ ފެޑްރޭޝަނަށްވެސް އެ ކުލަބުން ވަނީ މައްސަލަ ހުށަހަޅާފަ އެވެ. 'އައި ލީގް'ގެ ތާވަލުގެ އެއް ވަނައިގައި އޮތް ކުލަބުން ވަނީ އެ މައްސަލަ އޭއެފްސީ އަށްވެސް މިހާރު ހުށަހަޅާފަ އެވެ.

މިނާވެރު ޕަންޖާބު އެފްސީގެ އޯނަރު، ރަންޖީތު ބަޖާޖް ވިދާޅުވީ، އޭނާގެ ކުލަބުގެ އިތުރު ފަސް ކުޅުންތެރިޔަކަށްވެސް ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

"އިންޑިއާގެ ފުޓްބޯޅަ އިތުރަށް ދަށަށް ދާނެ، އަހަރެންގެ ކުލަބުގެ ފަސް ކުޅުންތެރިޔަކަށް ވަނީ މެޗު ވިއްކުމަށް އެދި ފައިސާ ހުށަހަޅާފައި، ފައިސާ ހުށަހެޅުނު ކުޅުންތެރިންގެ އަދަދު މިހާރު ހަތަކަށް އެރީ." ޝޯޝަލް މީޑިއާގައި ބަޖާޖް ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަންގެ އިންޓެގްރިޓީ އޮފިސާ ޖާވިދު ސިރާޖު ވަނީ ޕަންޖާބު އެފްސީން އެ މައްސަލަ އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނަށް ހުށަހަޅާފައިވާ ކަން ކަށަވަރު ކޮށްދީފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ވަރަށް ހައްސާސް މައްސަލައެއްގެ ގޮތުގައި އެ ފެޑްރޭޝަނުން ބަލަމުންދާ ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް ހައިރާން ވެއްޖެ، މިވާހަކަ އެންމެ ފުރަތަމަ އަހަރެމެން ރިޕޯޓް ކުރީމަ، ފުރަތަމަ އަހަރެމެން ރިޕޯޓް ކުރީމަ އޭގެ މާނައެއް ނޫން، މި ކަން މި ހިނގަނީ ފުރަތަމަ ފަހަރަށޭ،" ރޮއިޓާސް އާ ވާހަކަ ދައްކަމުން ބަޖާޖް ވިދާޅުވި އެވެ.

"އޭއައިއެފްއެފް [އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަން] ޖެހޭނެ މިކަމާ ވަރަށް ސީރިއަސްކޮށް ކުރިމަތި ލާން، މީގެ ސަބަބުން އިންޑިއާގެ ކުޅިވަރުގެ އަގު ވެއްޓި ނަޒާހާތްތެރިކަން ގެއްލޭނެ އަދި އިންޑިއާގެ ކުޅިވަރު ހަލާކުވާ ކަމަކަށް މިކަން ވާނެ."