އިވެނީ ކަނޑު ރޯ އަޑެވެ. ކަނޑު އަހަނީ އަހަރެން ރޯ އަޑު އިވޭ ހެއްޔެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްގެން އޭނާއަށް ކުރާ އަނިޔާ ހުއްޓާލުމަށް އާދޭސް ކުރަނީ އެވެ.
މިއީ ދިރާގުން އެ ކުންފުނީގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ވަރަށް ފަހުން ޝެއާކޮށްފައިވާ ވީޑިއޯއެއްގައި މާސިންގާ ކަނޑު ކޮށްފައިވާ އާދޭހެކެވެ. ސިންގަލް ޔޫސް ނުވަތަ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ ފަހަރަށް ވެސް ބޭނުން ކުރެވޭނެ ރީޔޫސެބަލް ކޮތަޅު ބޭނުން ކުރުމަށް ކަނޑު އެދިފައިވެ އެވެ.
ތަފާތު ވީޑިއޯއެކެވެ. ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި މި ވީޑިއޯ މިހާރު ވަނީ ޝެއާކޮށްފަ އެވެ. މި ވީޑިއޯ ބަލާފައި އޭގެ މެސެޖާއި މެދު ރަނގަޅަށް ވިސްނާލާއިފިނަމަ ހިތަށް ކޮންމްވެސް އަސަރުތަކެއް ކުރާނެ އެވެ. އަހަރެމެންނަށް، ނަފުސަށް އަނިޔާއެއް ލިބުމުން އަހަރެމެން ވެސް ހިތާމަކުރާ ފަދައިންނެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖާ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މި ކެމްޕެއިނަކީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމުގެ ނުރަނގަޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުންފުނީގެ ސީއެސްއާރްގެ ދަށުން ހިންގާ ހަރަކާތެކެވެ.
"ފޮ ދި އޯޝަންސް" ގެ ނަމުގައި ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން މި ކެމްޕެއިން އެންމެ ފުރަތަމަ ލޯންޗު ކޮށްފައިވަނީ އޮކްޓޯބަރު 2016 ގައި އެވެ. ދިގު ދެމިގެންދާ ގޮތަށް ހިންގާ ކެމްޕެއިނެކެވެ. ކޮންމެ އަހަރަކުވެސް މި ކެމްޕެއިންގެ ދަށުން ދިރާގުގެ ފަރާތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
މި ކެމްޕެއިން ފެށުމުގެ ގޮތުން ދިރާގުން އެންމެ ފުރަތަމަ ހިންގި ޝޯޝަލް އެކްސްޕެރިމެންޓް ހަރަކާތް ވެސް ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. ދިރާގުގެ މުވައްޒަފުންނާއި ކަސްޓަމަރުން ހެނދުނު އޮފީސް ހުޅުވާ ގަޑިއަށް ހެޑް އޮފީހަށް ދިޔައިރު އޮފީސްގެ ލޮބީތެރެއަށް ކުނި އަޅާއި މުޅި ލޮބީ އޮތީ ޕްލާސްޓިކުން ފުރާލާފަ އެވެ. މި ކަން މި ގޮތަށް ރާވާ ކުރިއަށް ގެންދިޔައީ ތިމާވެއްޓަށްޓަކައި ހާއްސަ މެސެޖެއް ފޯރު ކޮށްދިނުމަށެވެ.
ކެމްޕެއިންގެ ދަށުން ދިރާގުން ވަނީ އެ ކުންފުނީގައި މުވައްޒަފުން ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލާފަ އެވެ. ކޮންމެ ފްލޯއެއްގައި ވޯޓަ ޑިސްޕެންސާސްތައް ބަހައްޓައި ފެން އެޅުމަށްޓަކައި ކޮންމެ މުވައްޒަފަކަށް ބިއްލޫރި ފުޅިއެއް ދީފައިވެ އެވެ.
އޮފީސް މާހައުލުގެ އިތުރުން ދިރާގުން ހިންގާ ހަރަކާތްތަކުގައި ވެސް މިހާރު ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލާފައިވާކަން ފާހަގަކުރެވެ އެވެ. އެންމެ ފަހުން ބޭއްވި ދިރާގު މޯލްޑިވްސް ރޯޑު ރޭހައި، ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަދި ޔޫތް ފެސްޓިވަލްގައި ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކޮށްފައެއް ނުވެ އެވެ.
ރާއްޖެއަށް ކޮންމެ އަހަރަކު އެތައް މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެ ކުރާއިރު އެ ކޮތަޅުތަކަކީ އެއްފަހަރު ބޭނުން ކޮށްލުމަށްފަހު އުކާލެވޭ ކޮތަޅުތަކެކެވެ. ގިނަ ފަހަރަށް މި ކޮތަޅުތައް އުކާލެވެނީ ކަނޑަށެވެ. ދިރާގުން ވަނީ ރީޔޫސެބަލް ބޭގް ކެމްޕެއިނެއް ލޯންޗުކޮށް އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދު ކުރުމަށް ގޮވާލާފަ އެވެ.
ބީޗް ސާފުކުރުމާއި ސްކޫލުތައް މެދުވެރިކޮށް މި މެސެޖު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ދިރާގުން މަސައްކަތް ކުރަމުން ގެންދެ އެވެ. މިގޮތުން މިދިޔަ ޖެނުއަރީ މަހު ބޭއްވި "ސާފު އުކުޅަސް" ޕްރޮގްރާމް ހިންގުމަށް ދިރާގުން އެއްބާރުލުން ދީ ދިރާގުގެ މުވައްޒަފުން އެ ހަރަކާތުގައި ވޮލަންޓިއާކޮށް ރީޔޫސެބަލް ކޮތަޅު ހަދިޔާ ކޮށްފައިވެ އެވެ.
ކުޅުދުއްފުއްޓާއި އާއި ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބީޗް ސާފުކުރުމުގެ ހަރަކާތާއި ސްކޫލް އެވެއަނެސް ސެޝަންތަކުގައި ދިރާގައި ޕާލޭ މޯލްޑިވްސް ގުޅިގެން ރީޔޫސަބަލް ކޮތަޅު ހަދިޔާ ކޮށްފައިވެއެވެ.
މީގެ އިތުރުން، ކ. މާފުށި ސުކޫލާއި އއ. ރަސްދޫ ސުކޫލާއި ބ. މާޅޮސް ސުކޫލާއި ހއ. ކެލާ ސުކޫލާއި ކ. ހުރާ ސުކޫލާއި ގއ. ގެމަނަފުށީ ސުކޫލާއި ގއ. ކޮނޑޭ ސުކޫލާއި ގއ. ދާންދޫ ސުކޫލާއި އަދި ގއ. ނިލަންދޫ ސުކޫލުގައި އެވެއަނެސް ސެޝަންތައް މެދުވެރިކޮށް ރީޔޫސަބަލް ކޮތަޅު ހަދިޔާ ކުރެވުނެވެ. މި މަސައްކަތް ކުރިއަށް އޮތްތަނުގައި އިތުރު ސުކޫލްތަކުގައި ކުރިއަށް ގެންދާނެ އެވެ.
މިދިޔަ އަހަރު ދިރާގާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޒުވާނުންނަށް ތަމްރީނު ދިނުމަށް "ފިލްމު ފޯ ޗޭންޖް" ނަމުގައި ޕްރޮގުރާމެއް ކުރިއަށް ގެންދިޔަ އެވެ. އެ ޕްރޮގުރާމުގައި ރާއްޖޭގައި ހުރި ތަފާތު އިޖްތިމާއީ ގޮންޖެހުންތަކަށް އަލި އަޅުވާލާފައިވެ އެވެ.
ޕްރޮގުރާމުގައި ބައިވެރިވި ފިލްމު ހަދާ ފަރާތްތަކަށް ތަމްރީނު ދިނުމަށްފަހު ގުރޫޕުތަކަށް ބަހާއި އިޖުތިމާއި މައްސަލައަކަށް ކުރު ފިލްމެއް ތައްޔާރުކުރުމަށް ފުރުސަތު ދިނެވެ. އެގޮތުން އެއް ގުރޫޕަކުން ވަނީ ޕްލާސްޓިކްގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން ފިލްމެއް ހަދާފަ އެވެ. "އިލޮށި" ނަމުގައި ހެދި އެ ކުރު ފިލްމު މިހާރު ވަނީ ދިރާގު ފޭސްބުކް ޕޭޖުގައި ޝައިއުކޮށްފަ އެވެ.
ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުނީގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް މަދެއް ނޫނެވެ. ހާއްސަކޮށް ޕްލާސްޓިކު އެކުލެވޭ ތަކެތި ކަނޑަށް އެޅުމުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑެވެ. މި ކަމުގެ ސަބަބުން ފަރުތަކާއި ކަނޑުއަޑީގެ ތަފާތު ދިރުން ތަކާއި މަސްމަހާ މެއްސަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރަމުންދެ އެވެ.