ފެބްރުއަރީ މަހު އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނެރީ ކޮންގުރެސްއާ ގުޅޭގޮތުން ކްލަބު ވެލެންސިއާ އިން ފީފާއާ ދޮގު މައުލޫމާތުތަކެއް ހިއްސާކުރި މައްސަލައާ ގުޅިގެން، ކްލަބު ވެލެންސިއާގެ ޗެއާމަނާއި ޖެނެރަލް ސެކްރެޓަރީ ސަސްޕެންޑްކުރަން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމައިފި އެވެ.
އެފްއޭއެމް އިން ކުރިން ބުނެފައިވަނީ ކޮންގުރެސްއާ ގުޅޭގޮތުން ވެލެންސިއާ އިން ފީފާއާ ހިއްސާކޮށްފައިވަނީ "އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް" ކަމަށެެވެ. އެ ސިޓީ ފޮނުވި މައްސަލައިގައި މާފަށް އެދެން އެފްއޭއެމް އިން ވެލެންސިއާ އަށް ފުރުސަތު ދިން ނަމަވެސް، ވެލެންސިއާ އިން މާފަށް އެދިފައެއް ނުވެ އެވެ.
އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށް ފަހު، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ ދަށުން ވެލެންސިއާގެ ޗެއާމަން އިބްރާހިމް ރާއީ ރަޝީދު އަށް މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑްކޮށް، 20،000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަދި ކުރީގެ ކުޅުންތެރިއާ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ހަ މަސް ދުވަހަށް ސަސްޕެންޑްކޮށް، 10،000ރ. އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ވެލެންސިއާ އިން ފީފާ އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ އެފްއޭއެމްގެ ކޮންގުރެސްގައި ހިނގި ކަންތައްތަކެއް ކަމަށް ބުނެ، ސޮއިކޮށްފައިވާ ކްލަބް ރިވަ ސައިޑްގެ ހަސަން ވަހީދާއި އެލްޓީ ސްޕޯޓްސް އަބްދުﷲ ރާގީ ރަޝީދާއި ކްލަބު ގާމަގުގެ އަހުމަދު ޝަރީފާއި ސީލޭންޑް ސްޕޯޓްސްގެ އިބްރާހިމް އަޒުމަތު އަދި ކްލަބް ގާމަގުގެ ނޫހު އަލީ އަށް މާފަށް އެދެން ދިން ފުރުސަތުގައި މާފަށް ނެދޭ ކަމަށާއި އެކަމަށް އިންކާރު ވެސް ނުކުރާ ކަމަށެވެ. އަދި މި ފަރާތްތަކުން މި ފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ ފަރާތްތަކާމެދު "އެކަށީގެންވާ ފިޔަވަޅު" އަޅާނެ ކަމުގެ އިންޒާރު އެފްއޭއެމް އިން ވަނީ ދީފަ އެވެ.