ބޮލީވުޑް

ރާނީގެ "ހިޗްކީ" ރިލީޒް ކުރުން ފަސްކޮށްފި

Feb 3, 2018

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އެނބުރި އަންނަ ފިލްމު، "ހިޗްކީ" ރިލީޒް ކުރުން މަސް ދުވަހަށް ފަސްކޮށްފި އެވެ. ހަތަރު އަހަރުގެ ބްރޭކަކަށްފަހު ރާނީ އެނބުރި އަންނަ މި ފިލްމު ރިލީޒްކުރަން ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ރާނީގެ ފިރިމީހާ އަދިތްޔަ ޗޯޕްރާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން މަނީޝް ޝަރްމާ ޕްރޮޑިއުސްކުރާ "ހިޗްކީ" ރިލީޒްކުރުން ފަސްކުރި ސަބަބެއް ހާމަނުކުރެ އެވެ. އެ ކުންފުނީގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ރާނީގެ ފިލްމު ރިލީޒްކުރަން މުޅިން އާ ތާރީހެއް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު މަނީޝް ވަނީ ފިލްމު ރިލީޒްކުރުން ފަސްކުރީ މި ފިލްމަކީ ހުރިހާ އުމުރު ފުރައަކަށް ވެސް ބެލޭނެ ފިލްމަކަށް ވެފައި އާއިލާތަކަށް އެކުގައި ފިލްމު ބަލައިލަން ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މާޗް މަހުގެ ފަހުކޮޅަށް ފިލްމު ރިލީޒްކުރަން ލަސްކުރުމުން ސްކޫލް ދަރިވަރުންގެ ޓްސްޓްތައް ނިމި ޗުއްޓީ ދުވަސްވަރާ ދިމާވުމުން ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބަލާފައި ކަމަށެވެ.

ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތް ތާރީހުގައި އިތުރު ދެ ފިލްމެއް ރިލީޒްކުރުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އަންނަ މަހު ފިލްމު ރިލީޒްކުރަން ބަދަލުކުރުމުން އެ ދުވަހު މި ފިލްމާ އެކު މާޖިދް މަޖީދީގެ "ބިޔޯންޑް ދަ ކްލައުޑްސް" ވެސް ރިލީޒްކުރާނެ އެވެ.

"ހިޗްކީ" ގައި ރާނީ ފެނިގެންދާނީ ނައިނާ މާތުރް ކިޔާ ޓޮރެޓް ސިންޑްރޯމް ހުންނަ ޓީޗަރެއްގެ ރޯލުންނެވެ. އެއީ ބަލީގެ ސަބަބުން ވާހަކަދެއްކުމުގެ އަޅައަޅައިގަންނަ ގޮތެއް ދިމާވާއިރު، ފިލްމުގައި ރާނީ ފެނިގެންދާނީ އޭނާގެ ބަލިފައިން އަރައިގަނެ ކާމިޔާބު މީހަކަށް ވުމަށް މީހަކު ކުރާ މަސައްކަތެވެ.

މި ފިިލްމުގެ ފުރަތަމަ ޓްރެއިލާ މިދިޔަ އަހަރުގެ ފަހުކޮޅު އާންމުކުރުމާ އެކު ރާނީގެ އެކްޓިން އަށް ތައުރީފުކުރި ފަރާތްތަކުން ވަނީ މިއީ "ބްލެކް" އަށް ފަހު ރާނީގެ ފަރާތުން ފެނިގެންދާނެ އެންމެ މޮޅު ތަފާތު އެކްޓިން މި ފިލްމުގައި ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.

އަދިތްޔަ އާއި ކައިވެނިކޮށް ދަރިޔަކު ލިބުނު ފަހުން ރާނީ ފިލްމީ ދާއިރާއާ ވަނީ ދުރަށް ގޮސްފަ އެވެ. އަދި އެނބުރި އަންނަ ފިލްމެއްގެ ގޮތުގައި އޭނާ ކުޅެން ބޭނުންވަނީ ގޮންޖެހުން ބޮޑު ކެރެކްޓާއެއް ދެއްކުވޭނެ ފަދަ ފިލްމެއް ކަމަށް ރާނީ މީގެކުރިން ވަނީ ވަނީ ބުނެފަ އެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "ވީ އާ ފެމެލީ" ގެ ޑައިރެކްޓަރު ސިދާތް ޕީ މަލްހޯތުރާ އެވެ