ރިޕޯޓް

ސިޔާސީ ކުލަތަކުގެ ތެރެއިން: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ވެސް ކެރިޒްމެޓިކް ލީޑަރެކެވެ. ރަށަކަށް ވަޑައިގެން އާންމުންނާ އެކު ބަށިވެސް ކުޅުއްވަފާނެ އެވެ. "ޖަންގަލީގެ ހޮޅުއަށީގައި" ހޫނު ޒުވާބެއްގެ ތެރެއަށް ވެސް ވަދެވަޑައިގެންފާނެ އެވެ. މޫދު އަޑީގައި ކެބިނެޓުގެ ބައްދަލުވުމެއް ވެސް ބާއްވަފާނެ އެވެ. އާދައިގެ ސައި ހޮޓަލަކުން "އެއްޗެއް ކަޅެއް" ވެސް ހިއްޕަވާފަނެ އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނަކީ ޝައުގުވެރިކުރުވަނިވި އެތައް އެތައް ސިފައެއް ލިބިވަޑައިގެން ހުންނެވި ލީޑަރެކެވެ. ނަޝީދުގެ މި ސިފަތަކަކީ ގިނަ ހާލަތްތަކުގައި އެ ބޭފުޅާއާ އިދިކޮޅު ފަރާތްތަކަށް ވެސް ލިބިވަޑައިގެންނެވި ސިޔާސީ ހިތްވަރެކެވެ.

މިފަހަރުގެ ހޮވުމަކީ ރައީސް ނަޝީދެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން "ސިޔާސީ ކުލަތަކުގެ ތެރެއިން" މި ސިލްސިލާ އަކީ ސިޔާސީ މައިދާނުން ފާހަގަކޮށްލެވޭ މަގްބޫލު، މަޝްހޫރު އަދި އަޑުގަދަ ބޭފުޅުންގެ "ސިޔާސީ ޑައިރީ" އެކެވެ. މިއީ އެކި ދުވަސްވަރު އެކި ލީޑަރުން ދައްކަވާފައިވާ ވާހާކަތަކުގެ ތެރެއިން ޝައުގުވެރިކުރުވަނި ހޮވުންތަކެއް އެއްކޮށްލައިގެން ކުރިއަށް ގެންދާ ސިލްސިލާ އެކެވެ.

ދެން މިހާ ހިސާބުން ރައީސް ނަޝީދުގެ ސޮފުހާތަކުގެ ތެރެއަށް ވަދެ ވަޑައިގަންނަމާ ހިންގަވާށެވެ.

މިފަހުން އެމަނިކުފާނު އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ "ޖުޑީޝަރީގެ ދިފާއުގައި" އަޑު އުފުއްލަވާ ލީޑަރެއްގެ ގޮތުގަ އެވެ. މި ދެންނެވި "ޖުޑީޝަރީގެ ވިލަންއެއް" ގެ ގޮތުގައި އެ މަނިކުފާނު މަޝްހޫރުވެ ވަޑައިގެންނެވި ދުވަސްކޮޅެއް ވެސް ދިޔަ އެވެ.

ނަމަވެސް މި ވާހަކަތަކުން ފެށުމުގެ ކުރިން އެންމެ ފުރަތަމަ މި އޮތީ ނަޝީދުގެ ކުރު ތައާރަފެކެވެ. އެ ބޭފުޅާގެ ސަމާސާ ރާގުގަ އެވެ.

"އަޅުގަނޑު ހަމަ ދަންނަވާނީ، މި ރާއްޖެ އަކު އަޅުގަނޑާ ފައިތިލަ ހަމަ ކުރެވޭ، އެކަކު ވެސް ސްޓޭޓް ކްރާފްޓްގައި (ގައުމު ހިންގުމުގެ ހުނަރުގައި) ނުހުންނާނެއޭ. އަޅުގަނޑާ އެއްވަރަށް ދިވެހި ވެރިކަން އެއީ ކޯއްޗެއް ކަން ދަންނަ މީހަކު ވެސް ހަމަ ނުހުންނާނެއޭ."

މިއީ ނަޝީދުގެ ވަރަށް ވެސް މަޝްހޫރު ކޯޓެކެވެ. މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ގައުމުގެ ރައީސް ކަމަށް ޝަރުތުހަމަނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި ދުއްޕާނަކާ ގުޅިގެންނެވެ.

ދެން ވެސް މި އަންނަނީ ހަމަ އޭގެ ބައެކެވެ. އޭރު އަދި ރައީސްކަން ލިބިވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑަކީ ވަރަށް މައްޗަށް ކިޔަވާފައި ހުރި މީހެއް. އަޅުގަނޑަކީ ... އިނގިރޭސި ވިލާތުގައި ފުރަތަމަ ޑިގްރީއެއް ނަގައި ޕޯސްޓް ގްރެޖުއޭޓް ޑިގްރީއެއް ނަގައި އޭގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ޑިޕޮލަމާ ވެސް ވަރަށް ގިނަ މީހެއް. އަޅުގަނޑުގެ ނަމުގެ ފަހަތަށް ޖުމުލަ އުޅޭނެ، އަޅުގަނޑު ހުރިހާ އަކުރެއް ޖަހައިފިއްޔާ ހަ އަކުރު."

މަލާމާތެއްކޮށްފި ނަމަ އެ މަލާމާތަކަށް ސަމާސާއަކުން ރައްދު ދިނުމަކީ ބުއްދިވެރި ގޮތް ކަމަށް ގަބޫލުކުރާ މީހުން އުޅެ އެވެ.

ނަޝީދުގެ ވާހަކަ އެފަހަރު ނިންމަވާލެއްވީ މި ރާގުގަ އެވެ.

"އަޅުގަނޑަކީ ޕިޔޯނު ކަމުގެ ސަނަދު، މުދިން ކަމުގެ ސަނަދު، ކަތީބު ކަމުގެ ސަނަދު ވެސް އޮތް މީހެއް."

އެހެންވީމަ ނަޝީދަކީ ކޮން ފެންވަރެއްގެ ބޭފުޅެއްކަމާ މެދަކު މިހާރު އެއްވެސް ބޭފުޅަކު ކުރައްވާނެ ސުވާލެއް އޮތްހެނެއް ހީއެއް ނުވެ އެވެ.

މިހާ ހިސާބުން އެއަށް ވުރެ ފަހުގެ ތާރީޚުތަކަކަށް ޖެހިލަމާ ހިންގަވާށެވެ. އިތުރު ތައާރަފަކަށް ބޭނުންނުވާ ވަރަށް މަޝްހޫރު "އަބްދުﷲ ގާޒީ" އާއި ނަޝީދުގެ ކުރިމަތިލުމަށެވެ.

މި ގާޒީ އަކީ ޔަގީނަށް ވެސް ނަޝީދުގެ ސިޔާސީ ކެރިއަރުގައި ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު "ނުހޮރުއްޕާނެވެ." އޭރު އަބްދުﷲ ގާޒީއާ މެދު ނަޝީދު އަމަލު ކުރެއްވި ގޮތާއި މިހާރު އަމަލުކުރައްވަމުން ގެންދަވާ ގޮތަކީ ވެސް ޝައުގުވެރިކަމާ ކުޅެލާ ކަމެކެވެ.

“އަޅުގަނޑުގެ ސަރުކާރުގައި އަބްދުﷲ މުހައްމަދު ނިންމެވި ނިންމެވުކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި އޭރުގެ ދައުލަތުގެ ބޭފުޅުން ހާއްސަކޮށް މިނިސްޓްރީ އޮފް ޑިފެންސުން ދެކިވަޑައިގެންނެވި. އެއީ [ގާޒީ ހައްޔަރު ކުރުމަކީ] އަޅުގަނޑު ދެކޭ ގޮތުގައި ގޯހެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވަރުން އަދި ނިންމަވާލެއްވީކީއެއް ނޫނެވެ. އަބްދުﷲ ގާޒީ އަށް ތައުރީފު ވެސް އޮއްސާލެއްވީ އެވެ.

"އަޅުގަނޑު މީގައި ދަންނަވާލަން ބޭނުން އެނގިވަޑައިގަންނަވާނެ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދަކީ ވަރަށް ފުންކޮށް ކަންކަމުގައި ވިސްނަވާ ބޭފުޅެއްގެ ގޮތުގައި އަޅުގަނޑު މިހާރު ދެކެނީ. އެބޭފުޅާ ނިންމަވާ ނިންމުންތަކަށް ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ. ގާތް މީހާ ގާތުގައި ބަހައްޓާށެވެ. އަދި ޒާތީ ދުޝްމަނުން އެއަށް ވުރެ ވެސް ގާތުގައި ގެންގުޅޭށެވެ. ފަހަރެއްގައި މިއީ "ސިޔާސީ ޗިޕެކެވެ."

ދެން ކުރީގެ ވާހަކަތަކަށް ޖެހިވަޑައިގަންނަވާ ހިންގަވާށެވެ.

"އަޅުގަނޑު ކުޑަކޮށް ވެސް ދެރައެއް ނުވޭ. އެއީ އެ ދުވަހު އަޅުގަނޑުމެންނަށް ކުރަން ޖެހިފައި އޮތް ކަމެއް. ހަގީގަތުގައި އެކަން ރަނގަޅަށް ނުކުރެވުނީތީވެ ރާއްޖޭގައި ބަޣާވާތް އުފެދުނީ."

މިހެން ވިދާޅުވީ އަބްދުﷲ ގާޒީއާ މެދު އެޅުއްވި ފިޔަވަޅާ މެދު ދެކެވަޑައިގަންނަވާ ގޮތް ނޫސްވެރިޔަކު ސާފުކުރެއްވުމުންނެވެ. އޭރު އުޅެނީ ނަޝީދުގެ ވެރިކަން ވެއްޓިގެންނެވެ. ނުވަތަ "ބަޣާވާތުން" ވައްޓާލައިގެންނެވެ.

"އަޅުގަނޑުމެން ޖިނާއީ ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެއްކައިރި ކުރާން ޖެހުނީ އަޅުގަނޑުމެންގެ ނަޒަރުގައި އަދި އެއީ އޭރުގެ ފުލުހުންގެ ވެރިޔާ، ޗީފް އޮފް ޕޮލިސް އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު، މިނިސްޓަ އޮފް ހޯމް އެފެއާޒް، މިނިސްޓަ އޮފް ޑިފެންސް، މިއެންމެ ބޭފުޅުންގެ ނަޒަރުގައި މި ދަންނަވާ ފަނޑިޔާރަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އަޅުގަނޑު ގާތުގައި ތަކުރާރުކޮށް ވިދާޅުވީމަ، އަބަދުވެސް އަޅުގަނޑު ދަންނަވަމުން ގެންދިޔައީ އެ ބާވަތުގެ ކަމެއްގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ހުރެގެން ހިންގާ ކަންކަމުގައި ކުރާ ގޮތަށް އަވަހަށް ބާރަށް އަމަލުކުރަމުން ގެންދަވާށޭ،" މިވެސް އޭރު ވިދާޅުވި ވާހަކަކޮޅެކެވެ.

މި ވާހަކައަށް ވިދާޅުވެ ބައްލަވާށެވެ.

"ފުލުހުންގެ ވެރިޔާ ޗީފް އޮފް ޕޮލިސް ވިދާޅުވަމުން ގެންދެވީ އޭނާ (އަބްދުﷲ ގާޒީ) އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކޭ."

އެހެންވީމަ މި ވަނީ ކިހިނެތް ހެއްޔެވެ؟ ނަޝީދު ކުރެއްވި ކަމެއް ނެތެވެ.

މިހާ ހިސާބުން މި ގަނޑު އުކާލާފައި އާ ފެށުމަކަށް ޖެހިލަމާ ހިނގާށެވެ. ނޫނެކެވެ. އަބްދުﷲ ގާޒީގެ ވާހަކަ ހުއްޓާލުމުގެ ކުރިން އަދި އެހެން ވާހަކައެއް ވެސް އެބައޮތެވެ.

"ގަދަބަސް" ބުނުއްވުމަށް އެންމެ މޮޅީ ކޮން ސިޔާސީ ލީޑަރެއް ހެއްޔެވެ؟

ވެރިކަން މަގުމަތިން ނުވެއްޓޭނެ ވާހަކަ އާއި "އަބްދުﷲ ގާޒީ އަށް ކޯޓާ 100 މީޓަރަށް ވެސް ދެން ވަޑައިނުގެންނެވޭނެ" ކަމަށް ވިދާޅުވީ ވެސް ނަޝީދެވެ.

ދެން އެހެން ވާހަކައެކެވެ. ނަޝީދުގެ "ގަދަބަސްތަކުން" ގޮސް ޖީއެމްއާރުގެ ވާހަކަ އަށް ފުންމާލަމާ ހިނގާށެވެ.

މިހާރުގެ ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އެ އޮތީ ހެއްދެވި ގޮތެއް ހައްދަވައިގެން އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެއިން ބޭރުކޮށްލައިފަ އެވެ. މި އަންނަނީ އޭގެ ކުރީގެ ވާހަކަތަކެކެވެ.

"ފަންސަވީސް އަހަރު ވަންދެން ޖީއެމްއާރު ތިބެންޖެހޭނެ: ނަޝީދު"

މިއީ "ހަވީރު"ން ނަގާފައިވާ 2012ގެ ސުރުޚީއެކެވެ.

"ޖީއެމްއާރު މި ރާއްޖެއަކުން ނުފޭބޭނެ. އެއީ އެބޭފުޅުން (ސަރުކާރުން) ކަނޑައެޅިގެން ދައްކަވާ ދޮގު ވާހަކައެއް. އެ ބޭފުޅުންނަށް ކަނޑައެޅިގެން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ އެއީ އެއްގޮތަކަށް ވެސް ވާން އޮތް ކަމެއް ނޫންކަން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަވި އެއްޗަކީ އިމްރާން (އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ) ހިތްހަމަޖައްސާލަން މި ނާނާ ކިޔާލީއޭ، މި ކުޅެނީ ބަތްކައްކާ. (ސަރުކާރުން) މި ކިޔަމުން ދަނީ ނާނާއެއް."

ޖީއެމްއާރު ފޮނުވާލީ އެކަން ނުކުރެވޭނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށެވެ. ފަހަރެއްގައި އެ މަނިކުފާނުގެ މިފަދަ ވާހަކަތަކަކީ އިދިކޮޅު ފަރާތްތައް ލައްވައި "ސިޔާސީ ގޯސްތަކެއް" ހެއްދެވުމަށް ދައްކަވާ ވާހަކަތަކެކެވެ.

ނަޝީދުގެ ވާހަކަތަކުން ހިތްވަރު ހޯދައިގެން އެންމެފަހުން ޖީއެމްއާރު ފޮނުވާލުމުން ދައުލަތަށް ކުރިމަތިވާން އޮތް މުސީބާތް އަދިވެސް އޮތީ އެވެ.

މިގޮތަށް ވިދާޅުވި "ގަދަބަސް" ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "ޖަލަށް ނުލެވޭނެ" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެވެ.

"ޖީއެމްއާރު ފޮނުވައެއް ނުލެވޭނެ، އަޅުގަނޑު ޖަލަކަށް ނުލެވޭނެ: ނަޝީދު"

ނަޝީދުގެ މި ވާހަކައިގެ ފުރަތަމަ ބައި އިދިކޮޅު ފަރާތްތަކުން ކާމިޔާބުކޮށްފި އެވެ. ދެން އޮތް ބައި އަދިވެސް ކާމިޔާބެއް ނުކުރެވެ އެވެ.

ދެން މި ޖެހިލަނީ "އެންމެން ހަމައިން ނެއްޓޭނެ" ވާހަކަ އަކަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ އެންމެންނަކީ އެއްކަހަލަ މީހުންނެއް ނޫންކަން. އެކި މީހުން އެކި ދިމަދިމާލަށް އެކި ކަންކަން ކުރަން އެބަ ލިބިގަނެއޭ. މީގެ ތެރެއިން އެއްބައި މީހުން ބޭނުމެއްނުވެއޭ 24 ގަޑިއިރު ހަމައިގައި ތިބޭކަށް. އަނެއްބައި މީހުން ބޭނުމެއްނުވޭ މުޅި އުމުރު ނުވަތަ މުޅި ދުވަސް ނުވަތަ މުޅި ހަފުތާ ހަމަ ބުއްދީގައި އެހެން ނޫނިއްޔާ އަބަދުވެސް އެހެން ތިބޭކަށް."

މިއީ ނަޝީދުގެ ސިޔާސީ ހަޔާތުން "ވައިރަލްވެގެން" ދިޔަ ވާހަކަތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ވާހަކަކޮޅެވެ. މިއީ ސިޔާސީ ހަތުރުން އަނެއްކާވެސް ވަރަށް ފައިދާ ނެގި ވާހަކަކޮޅެކެވެ. އެންމެ މަޝްހޫރު ބޭފުޅަކީ އުމަރު ނަސީރެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރަށް ހީވަނީ ދޮން މީހުން ވެއްޖިއްޔާ ބޯނެ އޭ. އެ މީހުން އުޅޭ ގޮތަށް އުޅެގެން ނުވާނެއޭ. (އެކަމަކު) އަޅުގަނޑުގެ އިލްތިމާސަކީ ދޮން މީހުން އުޅޭ ގޮތަށް އުޅެއްޖިއްޔާ އަޅުގަނޑުމެން ސަލާމަތް ވެވިދާނެ އޭ.،" މި ވެސް ވައިރަލްވި ވީޑިއޯގެ ތަންކޮޅެކެވެ.

ނަޝީދުގެ ވާހަކަ އަޅުގަނޑުމެން ނިންމާލާނީ އެ ބޭފުޅާގެ ސަޕޯޓަރުންގެ ލޭކެއްކުމަކުންނެވެ. އެމްޑީޕީގެ ބޮޑުބެރަކީ ހަގީގަތުގައި ވެސް މުހައްމަދު ނަޝީދެވެ. 

ނަޝީދާ ނުލައި އެމްޑީޕީ ސަލާމަތެއް ނުވާނެ އެވެ. މި އަންނަނީ އޭގެ ހެއްކެވެ.

"އަޅުގަނޑަށް އަނިޔާކުރެވިދާނެ. އަޅުގަނޑު އަނދަގޮޑީގައި ޖަހާފައި ބޭއްވިދާނެ. އަޅުގަނޑު އެކަނިކޮށްފައި ކުޑަގޮޅީގައި ބެހެއްޓިދާނެ. އަޅުގަނޑުގެ އަނބިދަރީންނާ ވަކިކޮށް އަޅުގަނޑު އަރުވާލާފައި ބެހެއްޓިދާނެ. އަޅުގަނޑަށް ގޯނާ ކުރެވިދާނެ. އަޅުގަނޑަށް އަނިޔާ ކުރެވިދާނެ. އަޅުގަނޑުގެ މައްޗަށް ޝަރީއަތްކޮށް އަޅުގަނޑު ނައްތާ ވެސް ލެވިދާނެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއް ދެނެއް މި ރާއްޖެއަކުން ނުފޮހެވޭނެ. އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ."

އެހެންވީމަ، މި ސިލްސިލާގެ އަނެއް ހޮވުމަކަށް ހަދާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސަ ކިހިނެތް ވާނެ ހެއްޔެވެ؟