ފިނިޕޭޖް

މޯލްޑިވިއަން އައިޑަލް ފެށުން ފަސްކޮށްފި

ރާއްޖޭގައި ބާއްވަމުން އަންނަ ފުރަތަމަ އަދި އެންމެ ބޮޑު ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއް ދިގު އިންތިޒާރަކަށްފަހު މިރޭ ޕްރިމިއާ ކުރަން ކުރިން ނިންމާފައި އޮތްނަމަވެސް ކުއްލި ގޮތަކަށް ޝޯގެ ޕްރިމިއާ މިއަދު ވަނީ ފަސްކޮށްފަ އެެވެ.

އެ ޝޯގެ އޮފިޝަލް ޓްވިޓާގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިރޭ ދައްކަން ނިންމާފައި އޮތް އެ ޝޯގެ ޕްރިމިއާ ފަސްކޮށްފައިވާ ކަމަށާއި ޝޯ ދައްކާނެ ދުވަހާއި ތާރީހު ފަހުން އިއުލާންކުރާނެ ކަމަށެވެ.

ރާއްޖޭގެ ބައެއް އެހެން މީޑިއާތަކުން ރިޕޯޓުކޮށްފައި ގޮތުގައި އައިޑަލް ޕްރިމިއާ ފަސްކުރަންޖެހުނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެފައިވާތީ އެވެ.

މި ހަބަރާއި ގުޅޭގޮތުން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އައިމިނަތު ޝާޔަން ޝާހިދު އާއި އަވަސް އޮންލައިން އިން ސުވާލުކުރުމުން ވިދާޅުވީ އައިޑަލް ސީޒަން ޕްރިމިއާ ފަސްކުރަން ނިންމެވި ނިންމުމަކީ ޕީއެސްއެމްގެ މެނޭޖުމަންޓުގެ ނިންމެވުމެއް ކަމަށެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ސީޒަން ޕްރިމިއާ ކުރާނެ ދުވަހެއް އިއުލާނުކުރާނެ ކަމަށް ޝާޔަން ވިދާޅުވި އެވެ.

ޝޯ ޕްރިމިއާ ކުރާ ތާރީހު ފަސްކުރި ނަމަވެސް ޕީއެސްއެމް އިން ވަނީ ޝޯ ފެށުމަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.

މި ސީޒަން އެހެން ސީޒަންތަކަށް ވުރެ ވަރުގަދަ ވާނެކަމަށާއި، ބެލުންތެރިންނާއި ހަމައަށް ފުރިހަމަ ޝޯއެއް ގެނެސްދޭނެ ކަމަށް ސީޒަން ތިނެއް ލޯންޗުކުރި ރޭ ޝާޔަން ވިދާޅުވެފަވެ އެވެ.

އައިޑަލް މި ސީޒަންގެ ފޯރި ކުޑަވެފައިވާ ކަމަށް ވާހަކަދެކެވޭއިރު، މި ފަހަރުގެ ސީޒަން ފަަށާ ތާރީހުވެސް ކުރީ ދެ ސީޒަނަށްވުރެ ލަހެވެ. އޮޑިޝަންތައް ބޭއްވި ރަށްތައް މަދުވުމާއި، އެހެން ސީޒަންތަކުގައި އޮޑިޝަންތަކަށް ދިޔަ ވަގުތައްވުރެ ގިނަ ވަގުތު ދާކަމަށް ބުނެ ޝޯޝަލް މީޑިއާގައި ވާހަކަދެކެވުނެވެ.

މި ސީޒަން ހޮސްޓުކުރާނީ ކުރީ ދެ ސީޒަންވެސް ހޮސްޓުކުރި މުސާ ވަސީމް އަދި އަލަށް ގުޅުނު މަޝްހޫރު ރޭޑިއޯ ޕްރެޒެންޓާ ޝައިނާ އެވެ.

ޖަޖުންގެ ޕެނަލުން މި ފަހަރު ހަތަރު ޖަޖުން ފެނިގެންދާނެ އެވެ. އެއީ ކުރީގެ ދެ ސީޒަންގައިވެސް ޖަޖަކަށް ހުރި މަރިޔަމް އުނޫޝާ(ކިޑީ)، ފުރަތަމަ ސީޒަންގައި ޖަޖުކުރި އަހުމަދު އަލީ (އައްމަޑޭ)، އަދި ދެ ވަނަ ސީޒަންގައި ޖަޖުކުރި އިސްމާއިލް އައްފާން އެވެ. ޖަޖުންގެ ޕެންލްއާ އަލަށް ގުޅިފައި ވާނީ ޒާރާ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައި ވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައި ވަނީ ލައިޝާ ޖުނައިދު އެވެ.