ކުޅިވަރު

އޭއެފްސީގެ ދަތުރަށް ނިއުއަށް މަދުވަނީ ކޮންކަމެއް؟

ނިއު ރޭޑިއަންޓްގެ ޗެއާމަން މުހައްމަދު ޒިޔާދު މި އަހަރަށް ކަނޑައެޅުއްވި، އެންމެ ބޮޑު ޓާގެޓަކީ، އޭއެފްސީ ކަޕްގެ ފައިނަލަށް ދަތުރު ކުރުމެވެ. އެކަން ނުކުރެވިއްޖެނަމަ، އެއީ އެ ކުަލަބަށް ކުރިމަތިވާނެ ބޮޑު ނާކާމިޔާބީ އަކަށް ވެގެންދާނެ ކަމަށް ހުދު ޒިޔާދުވެސް ގަބޫލު ކުރެ އެވެ. އެ ދަތުރަށް ތައްޔާރު ވުމުގެ މަސައްކަތް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގާ ހަމައިން ނިއު އިން ފަށައިފި އެވެ.

އޭއެފްސީ ކަޕްގެ ދަތުރަށް މިހާރު ނިއުގެ އޮޑި އޮތީ ބަރު ކޮށްލާފަ އެވެ. އޭއެފްސީ ކަޕްގެ ތާރީހްގައި އެ މުބާރާތުގެ އެންމެ ދުރަށް ދަތުރު ކުރި ދިވެހި ޓީމަކީވެސް ނިއު ރޭޑިއަންޓެވެ. އެއީ މީގެ 16 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އެ އަހަރު ނިއު ވަނީ އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެއީ ތާރީހެވެ. އޭރު އޭއެފްސީ ކަޕްގެ ފޯމެޓް އޮތް ގޮތާ މިހާރު އޮތް ގޮތާވެސް ތަފާތެވެ. މިހާރު ދެކުނު އޭޝިއާގެ ގުރޫޕްތައް ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. އަނެއް ބުރަށް ދާނީ ތާވަލުގެ އެއް ވަނަ ހޯދާ ޓީމު އެކަންޏެވެ.

އުފެދޭ ސުވާލަކީ އޭއެފްސީ ކަޕްގެ ދަތުރަށް ތައްޔާރުވާން ޖެހޭ ގޮތަށް ނިއު އަށް ތައްޔާރު ވެވިޖެއް ތޯ އެވެ. މިއީ އުފައްދަން ރަނގަޅު ސުވާލެކެވެ.

މިދިޔަ އަހަރު ދިވެހި ލީގް ކާމިޔާބު ކުރުމަށްފަހު، މީޑިއާއަށް ދިން އިންޓަވިއުގައި، ޒިޔާދު ވިދާޅުވެފައި ވަނީ، މި އަހަރަށް ނިއު އަށް ގެންނާނީ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބޭނުންވާ ކުޅުންތެރިން ކަމަށެވެ. ބުރުޒޮން ޕްލޭން އެކުލަވާލީ އޭއެފްސީ ކަޕަށް ފޯކަސް ކޮށްގެންނެވެ. ނަމަވެސް ފާހަގަ ކުރެވުނު ކަމަކީ، ނިއުގެ ޓީމަށް ގެންނަން ކޯޗް ބޭނުންވި ބައެއް ކުޅުންތެރިން އެ ޓީމަށް ނުގެނެވުނު ކަމެވެ.

އޭގެތެރެއިން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ، ޓީސީ ދޫކޮށް މާޒިޔާއަށް ބަދަލުވި ނާއިޒު ހަސަން (ދާދު) އެވެ. ނަމަވެސް ދާދުގެ ސޮއި ހޯދުމުގައި ނިއުގެ މެނޭޖްމެންޓަށް ކާމިޔާބެއް ނުހޯދުނެވެ. ދާދު ހިމެނައިގެން އެކުލަވާލި ޕްލޭނަށް ފައްތަން ޖެހުނީ އެހެން ކުޅުންތެރިޔެކެވެ. ގެންނަން ބޭނުންވާ ކުޅުންތެރިޔަކު ނުގެނެވުމުން ނިއުގެ ސްކޮޑް ބަލިކަށި ވާނެ ކަމަކަށް ނުދައްކަ އެވެ. ފީލްޑްގެ އެކި ޑިޕާޓްމެންޓްތަކަށް ބެލިޔަސް ޓީމުގައި ފުންމިން އޮތް ސްކޮޑެއް އެބައޮތެވެ.

ނިއުގެ ސްކޮޑްގައި ސީނިއާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންވެސް އެބަތިއްބެވެ. ނަމަވެސް ތާފަތަކީ އެކި ޓީމުތަކުން ފެނުނު ކުޅުންތެރިންނަށް ވުމެވެ. އެ ކުޅުންތެރިންގެ މެދުގައި ކޮމްބިނޭޝަން ގޭމް ޕްލޭއެް ފައްތަން ބުރުޒޮންއަށް ވަގުތު ކޮޅެއް ބޭނުން ވާނެ އެވެ.

އޭނާ އަށް އޮންނާނެ ބޮޑު ހިތްހަމަ ޖެހުމަކީ މިދިޔަ ސީޒަން ގައި އެއްކޮށް ކުޅުނު ހުރިހާ ކުޅުންތެރިން ނިއުގައި މަޑު ކުރުމެވެ. ފޯވަޑް ލައިނަށް އިތުރުވީ މުހައްމަދު އުމޭރު އެވެ. ކުރިންވެސް ނިއު އަށް ކުޅުނު ކުޅުންތެރިޔެކެވެ. އަދި ގައުމީ ޓީމުގައިވެސް އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގް (ދަގަނޑޭ) އާއެކު އެޓޭކިންގައިވެސް އެންމެ ބޮޑު ދައުރެއް އަދާ ކުރާ ކުޅުންތެރިޔަކީ އުމޭރު ކަމަށް ވުމުން އޭނާ އަށް ނިއުގެ ޕްލޭނަށް ފެތެން އުނދަގޫ ނުވާނެ އެވެ.

ނިއުގެ ސްކޮޑްގައި މަޝްހޫރު ގިނަ ނަންތަކެއް ހިމެނިފައި، އެ ސްކޮޑު ބުރުުޒޮން ބޭނުން ކުރާނީ ކިހިނެއްތޯ އުފެދޭ ސުވާލުވެސް އެބައޮތެވެ. ބުރުޒޮން އަކީ ސްޕެނިޝް ސްޓައިލްގެ ފުޓްބޯޅައެއް ކުޅުވާ ކޯޗެކެވެ. ސްޕެއިންގައި ސްކޮޑް ރޮޓޭޓް ކުރުމުގެ ފޯމިއުލާ ބޭނުން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް އޭނާ ހުރީ އޭއެފްސީ ކަޕަށް އެހެން ފޯމިއުލާއެއް ފައްކާ ކޮށްގެންނެވެ. އެއީ މިދިޔަ އަހަރުވެސް ނިއުގައި އޭނާ ބޭނުން ކުރި ފޯމިއުލާ އެވެ.

"ރޮޓޭޝަން ފޯމިއުލާއަކީ އަހަރެން އެހާ ބޮޑަށް އަމަލު ކުރާ ފޯމިއުލާއެއް ނޫން،" އަވަސް އާ ވާހަކަ ދައްކަމުން ބުރުޒޮން ބުންޏެވެ، "އަހަރެންގެ ވިސްނުމަކީ އަބަދުވެސް ސްކޮޑުގެ ތެރޭގައި ވާދަވެރިކަން އުފެއްދުން، އަހަރެން ފުރުސަތު ދޭނީ އެ ވަގުތެއްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިންނަށް."

އޭއެފްސީ ކަޕުގައި ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިން ދައުރު ވަރަށް ބޮޑު ވާނެ އެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ނިއު އިން ގެންނަން ބޭނުންވި މުހިންމު ކުޅުންތެރިޔަކު ނުގެނެވުނެވެ. ބަދަލުގައި ގެނައީ އެހެން ކުޅުންތެރިޔެކެވެ. އަދި މިހާތަނަށް ބިދޭސީ ކުޅުންތެރިން ޓެސްޓް ކޮށްލެވޭ ވަރެއް ނުވެ އެވެ. އެކަމަށް އޮތް ފުރުސަތަކީ އަންނަ އަންގާރަ ދުވަހު ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެވެ. ޓީމަށް ގެނައި ހުރިހާ ބިދޭސީ ކުޅުންތެރިންނަށް ބުރުޒޮން އެ މެޗުން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. އެއީ އެ ކުޅުންތެރިން ޓެސްޓް ކޮށްލުމަށް އޭނާ އަށް ލިބޭ ބޮޑު ފުރުސަތެކެވެ.