1 ފެބުރުއަރީގެ އަމުރު

12 މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވެވޭނެ: މަޖިލީސް

ސުޕްރީމް ކޯޓުގެ ހުކުމުގައި ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައެޅި މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުން މިހެން ބުނީ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން މިދިޔަ އަހަރުގެ މަޖިލީހުގެ ފަހު ދައުރުގައި އެ މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވުމަށާއި މަޖިލީހަށް ވަނުމަށް ވެސް ހުރަސް އަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ފްލޯ ކްރޮސިންއާ ގުޅިގެން ނެރުނު އަމުރަކުން އެ ނިންމުން ބާތިލު ކުރުމުންނެވެ.

"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ އަމީންއާންމް އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި އޭގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ. އެގޮތުން ގޮނޑި ނުގެއްލޭ ކަމަށް އެ ހުކުމުގައި ކަނޑައެޅި މެންބަރުނަށް ކުރިޔަށް އޮތްތަނުގައި ބާއްވާ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

"ހުކުމް ވަރަށް ސާފު، 12 މެންބަރުންނަށް ޖަލްސާތަކުގައި ބައިވެރިވާކަށް ހުރަހެއް ނެތް،" އަމީންއާންމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ފަށާ، ރިޔާސީ ބަޔާން އިއްވުން އަންނަ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ޖަލްސާ އެ ދުވަހު ބާއްވާނެތޯ ސުވާލު ކުރުމުން އަހުމަދު މުހައްމަދު ވިދާޅުވީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ނުބާއްވާނަމަ މެންބަރުންނަށާއި އެހެން ފަރާތްތަކަށް އެކަން އަންގާނެ ކަމަށެވެ.

މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ނިންމެވި އިރު، މަޖިލީހުގެ 45 މެންބަރުންނާއެކު މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ލިބިފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓް ނަގަން އޭރު ވެސް އިދިކޮޅުން ދިޔައީ މަސައްކަތް ކުރަމުންނެވެ.