ބޮލީވުޑް އެކްޓަރެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ފިލްމަކީ މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެވެ. "ތްރީ އިޑިއަޓްސް" އާއި "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ސަންޖޭގެ ހަޔާތުގެ ސޮފްހާތަކުގެ ތެރެއިން އޭނާ މަޝްހޫރު ތަރިއެއްގެ ގޮތުގައި އަރައިގެން އައި ގޮތާއި މަސްތުވާތަކެތީގެ ވަބާގައިޖެހި އޭނާ ހަލާކުގެ ތެރެއަށް ވެއްޓިގެން ދިޔަ ގޮތް ފެނިގެންދާނެ ފިލްމެކެވެ.
ސަންޖޭގެ ރޯލުން ޒުވާން އެކްޓަރު ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމުގެ ޝޫޓިން ނިމި، އަންނަ ޖޫން މަހުގެ ތެރޭގައި ރިލީޒް ކުރަން ތައްޔާރުވަމުން އައި ނަމަވެސް މި ފިލްމުގެ ބައެއް މަންޒަރުތަކާމެދު ހިރާނީ ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގައި ނިންމާލާފައިވާއިރު، ނެގި ބައެއް މަންޒަރުތަކާ މެދު ހިރާނީ ހިތްހަމަނުޖެހިގެން އަލުން އެ މަންޒަރުތައް ނަގަން ބޭނުންވެގެން އުޅޭ ކަމަށްވެ އެވެ.
މި ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވާ ގޮތުގައި އެ މަންޒަރުތައް އަލުން ނަގަން ހިރާނީ ބޭނުންވަނީ އެ މަންޒަރުތައް ނެގިފައި ހުރި ގޮތާ މެދު ހިތްހަމަނުޖެހޭތީވެ އެވެ. އެ މަންޒަރުތަކަކީ ސަންޖޭގެ ހަޔާޓުގައި ހިނގާ ދިޔަ ބޮޑެތި ކަންތައްތަކެއް ދައްކުވައިދޭ ކަންތައްތަކަށް ވުމުން އެ މަންޒަރުތަކުގެ އަސަރު ކުޑަވުމުން އެކަމުގެ އަސަރު ފިލްމަށް ކުރާކަށް އެއްގޮތަކަށް ވެސް ހިރާނީ ބޭނުމެއްނުވެ އެވެ.
މީގެ އިތުރުން ވެސް ސަންޖޭގެ ލޯބީގެ ހަޔާތް ފިލްމުގައި ދައްކުވާލެވޭ މިންވަރު ކުޑަވުމުން ވެސް އެކަމާ ހިރާނީ އާއި ސަންޖޭއާ ދެމެދު ހިތްހަމަނުޖެހުން ތަކެއް އުޅޭ ކަމަށްވެ އެވެ.
ސަންޖޭ އާއި ބަތަލާއިންގެ މެދުގައި އޮތް ލޯބީގެ ކުޅިގަނޑުގެ ވާހަކަތައް މާ ތަފްސީލުކޮށް ފިލްމުގައި ގެންނާކަށް ސަންޖޭއެއް ބޭނުމެއްނުވެ އެވެ. ނަމަވެސް ހިރާނީ ބޭނުންވަނީ ފިލްމުގައި ސަންޖޭގެ ހަޔަތަށް އައި ހުރިހާ އަޑިގުޑަންތަކެއް ހަގީގަތާ އެއްގޮތަށް ފިލްމުގައި ގެނެސްދޭށެވެ.
މި ފިލްމުގައި ސަންޖޭ ފިލްމީ ތަރިއެއްގެ ގޮތުގައި ވިދައިގެން އައި ދުވަސްވަރު އޭނާ ލޯބީގެ ގޮތުން ގުޅުނު ބަތަލާއިންގެ ރޯލުން ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ ފެނިގެންދާނެ އެވެ. އަދި މިހާރުގެ އަންހެނުން މާނިޔަތާގެ ރޯލުން ފެނިގެންދާނީ ދީއާ މިރްޒާ އެވެ.