1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒުކުރުމުގައި އޭޖީ، ޕީޖީގެ ދައުރެއް ނެތް: ފާއިޒް

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލްގެ ސީދާ ދައުރެއް ނޯންނާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފާއިޒް މިހެން ވިދާޅުވީ، ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށާއި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އަމުރު ތަންފީޒުކުރުމަށް ބަންޑާރަ ނައިބާއި ޕީޖީ "ބަހަނާތައް" ދައްކަމުން ދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން އުއްތަމަ ފަނޑިޔާރުކަމުން ވަކި ކުރި، ފާއިޒް މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރާމެދު ހިޔާލު ތަފާތުވުމުގެ ޖާގައެއް އޮތް ކަމަށްވީ ނަމަވެސް އަމުރަށް ތަބާވުން ލާޒިމް ވާނެ ކަމަށެވެ.

"އަމުރު ތަންފީޒު ކުރުމުގަ އޭޖީ، ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ، އަމުރު ތަންފީޒުކުރުމުގަ ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގަވާ ގޮތަށް އަމަލު ކުރުން،" ފާއިޒް ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވީ، "ގާނޫނު ބުނާ އަމުރު ރައްދުވާ ކޮންމެ ފަރާތެއްގެ މައްޗަށް ލާޒިމް" ކަމަށެވެ.

ބަންޑާރަ ނައިބާއި ޕީޖީ ވަނީ އަމުރުގައި ގާނޫނީ އަދި ޝަރުއީ ކަންތައްތަކެއް ހުރުމުން ކަމަށް ބުނެ އެކަންކަން ދިރާސާ ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަމުރު ތަންފީޒު ކުރާނީ އެކަންކަން ސާފުކޮށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ގޮތެއް ނިމުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން ވެސް ބުނެފައިވަނީ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފައްޓާފައިވަނީ ޕީޖީ އަދި ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް ގާނޫނީ ބޭފުޅުން ވިދާޅުވަމުން ދަނީ އެކަމުގައި ފުލުހުން ބަންޑާރަ ނައިބާއި ޕީޖީގެ ލަފާ ހޯދަން ނުޖެހޭ ކަމަށެވެ.