ބޮލީވުޑް

"ޕަދްމާވަތް"އާ ދެކޮޅު ހެދި، ކަރްނީ ސެނާއަށް ފިލްމު ކަމުގޮސްފި

Feb 3, 2018
1

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފެއްދި ފިލްމު "ޕަދްމާވަތް" ގައި ތާރީހީ ގޮތުން އޮޅުންއަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ހިންދޫ ދީނީ ގްރޫޕް، ކަރްނީ ސެނާއިން ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓާލައިފި ކަމަށް އެ ގްރޫޕުން ބުނެފި އެވެ.

އެ ގްރޫޕުން އިއްޔެ ބުނެފައި ވަނީ "ޕަދްމާވަތް" ރިލީޒްކުރުމާ ދެކޮޅަށް މުޒާހަރާތައް ކުރި ނަމަވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު އެ ފިލްމު ރިލީޒްކޮށް، ފިލްމުގައި ރާޖްޕުތް ދަރިކޮޅުގެ ނަމަށް އުނިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް ފިލްމުގައި ހިމަނާފައި ނުވާތީ އެމީހުން ކުރަމުން އައި މުޒާހަރަތާއް ހުއްޓީލީ ކަމަށެވެ.

އެ ގްރޫޕުގެ މުމްބައި ލީޑަރު ޔޮގެންދަރް ސިންގް ކަތަރް ބުނެފައިވަނީ އެ ގްރޫޕުގެ ބައެއް އިސް މެމްބަރުން އެ ފިލްމު އިއްޔެ ބަލާފައިވާ ކަމަށާއި ފިލްމުގެ ރާޖްޕުތްގެ ނަން ހަޑިވާނެ ފަދަ އެއްވެސް މަންޒަރެއް ހިމެނިފައިނުވާ ކަމަށެވެ. އެހެނަސް އެ ފިލްމުގައި ރާޖްޕުތް އަންހެނުން ވީ ގުރުބާނީ ދައްކުވައިދީފައިވާތީ އެއީ އެމީހުންނަށް ލިބުނު ބޮޑު ފަހުރެއް ކަމަށް ބަލައިގެންފަ އެވެ.

"މި ފިލްމު ބެލި ކޮންމެ ރާޖްޕުތް ދަރިކޮޅެއްގެ މީހެއް ވެސް އެ އަންހެނުންގެ ގުރުބާނީއާ މެދު ފަހުރުވެރި ވާނެ،" ޔޮގެންދަރު ބުނެފައިވެ އެވެ.

ކަރްނީ ސެނާއިން މި ފިލްމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ސަބަބުން މިދިޔަ އަހަރުގެ ޑިސެމްބަރު އެއް ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތް ނަމަވެސް އެ މުޒާހަރާތަކާ ގުޅިގެން ވަނީ ފިލްމު ރިލީޒްކުރުން ފަސްކޮށްފަ އެވެ. އަދި ފިލްމުގެ ނަން ބަދަލުކޮށް، ރިލީޒްކުރުމުގެ ހުއްދަ ލިބިފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހަށެވެ.

ބަންސާލީ މި ފިލްމު އުފައްދާކަން އިއުލާންކުރި ހިސާބުން ފިލްމާ ދެކޮޅަށް ކަރްނީ ސެނާއިން އައީ މުޒާހަރާކޮށް ދަތިކުރަމުންނެވެ. އެގޮތުން ފިލްމުގެ މަންޒަރުތައް ނެގުމަށް ރާޖްޕުތަށް ދިއުމުން ވަނީ ފިލްމުގެ ސެޓަށް ވަދެ ތަކެއްޗަށް ގެއްލުންދީ ބަންސާލީގެ ގައިގައި ތަޅައިގެންފަ އެވެ. އަދި ފަހުން ވަނީ ފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް ކޮސްޓިއުމްތައް ބަހައްޓާފައި ހުރި ޓެންޓްތަކަކަށް ޕެޓްރޯލް ބޮން އުކައި ގެއްލުންދީފަ އެވެ.

އެ ގްރޫޕުން ފިލްމު ރިލީޒްކުރުމާ ދެކޮޅަށް މުޅި އިންޑިއާގައި ކުރި މުޒާހަރާތަކުގެ ތެރޭގައި ވަނީ ބަންސާލީ އާއި ފިލްމުގައި ރާނީ ޕަދްމާވަތީގެ ރޯލު ކުޅެފައިވާ ބަތަލާ ދިޕިކާ ޕަދުކޯންގެ ބޯ ކަނޑާލައިގެން ގެނައި މީހަކަށް ފައިސާގެ އިނާމު ވެސް ހުށަހަޅާފަ އެވެ.

ކަރްނީ ސެނާއިން މި ފިލްމާ ދެކޮޅަށް މުޒާހަރަތައް ކުރަމުން ދަނިކޮށް އިންޑިއާގެ ސެންސަރު ބޯޑުން މި ފިލްމު ފާސްކޮށްފައިވަނީ ތާރީހު ދިރާސާކުރާ ފަރާތްތަކާއި ޝާހީ އާއިލާ އަށް ލާފާދޭ މީހުން ބައިވެރިކޮށްގެންނެވެ. އެގޮތުން އެމީހުންގެ ލަފަޔަށް ފިލްމުގެ ނަން ބަދަލުކޮށް ބައެއް މަންޒަރުތައް ވަނީ ކަނޑާލާފަ އެވެ.

ރާނީ ޕަދްމާވަތީގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާއިރު، އޭނާގެ ފިރިމީހާގެ ރޯލުން ފެނިގެންދަނީ އެކްޓަރު ޝާހިދު ކަޕޫރެވެ. އަދި ރަންވީރު ސިންގް ފެނިގެންދަނީ ދިޕިކާއާ ހެދި މޮޔަވެފައި ހުންނަ މުސްލިމް ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލުންނެވެ.

މި ފިލްމު އުފައްދި ފަރާތުން ބުނެފައިވަނީ މި ފިލްމަކީ 1540 ވަނަ އަހަރު ސޫފީ ޝާއިރެއް ކަމަށްވާ މާލިކް މުހައްމަދު ޖަޔަސީ ލިޔެފައިވާ ޕަދްމަވަތް ކިޔާ ޅެމެއްގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.