ކުޅިވަރު

ގައުމީ ކޯޗުކަމަށް ތަޖުރިބާކާރު ގިނަ ނަންތަކެއް!

ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗް ކަމަށް ބޭރުގެ ތަޖުރިބާކާރު ގިނަ ކޯޗުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓްވާޓްގެ ކޮންޓްރެކްޓް އާ ނުކުރުމަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. ސްޓްވާޓާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ގައުމީ ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް އެފްއޭއެމުން މިހާރު ވަނީ ފަށާފަ އެވެ.

"ވަރަށް ގިނަ ކޯޗުންގެ ސީވީތައް ވަނީ ލިބިފައި، ވަރަށް ތަޖުރިބާކާރު ކޯޗުންގެ ނަންތައްވެސް އެބަހުރި،" އަވަސް އާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވި އެވެ. "ޓެކްނިކަލް ކޮމިޓީން ދަނީ ބަލުމުން އެ ހުރިހާ ކޯޗުންގެ ހުށަހެޅުންތަކަށް ބަލައި ދެ ފަރާތުންވެސް ނިގޯޝިއޭޓް ކޮށް ދެ ފަރާތުންވެސް ހުށަހަޅާ ކަންކަމަށް އެއްބަސްވެގެން ވަކި ކޯޗަކު ފައިނަލު ވެގެންދާނީ."

ޓީމުގައި މިހާރު އެސިސްޓެންޓް ކޯޗެއްވެސް ނެތެވެ. އެ މަގާމު ހުސްވީ އެންމެ ފަހުން އެސިސްޓެންޓް ކޯޗަކަށް ހުރި އިސްމާއީލް މަހުފޫޒު (އިންމަ) އިސްތިއުފާ ދިނުމުންނެވެ. އޭނާ ކޯޗް ކަމުން އިސްތިއުފާ ދިނީ މާޒިޔާގެ ކޯޗް ކަމާ ހަވާލު ވުމަށެވެ.

ރާއްޖޭގެ ކޯޗް ކަމަށް ޝައުގުވެރިވާކަން އަފްގާނިސްތާނަށް ކުރިން ކޯޗް ކޮށްދިން ޖަރުމަންގެ ޕީޓާ ސެގްރެޓް ވެސްވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.

"މި ވަގުތު އަހަރެން މިހުރީ ހުސްކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހަޅައިފިއްޔާ އަހަރެން ސީރިއަސްކޮށް އެކަމާ ވިސްނާނަން." ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެދާނަންތޯ ސުވާލު ކުރުމުން ނޮވެމްބަރު މަހު އަވަސް އަށް ދިން އިންޓަވިއު އެއްގައި ސެގްރެޓް ބުނެފައި ވެއެވެ.

"ރާއްޖެ އަކީ އަހަންނަށް ވަރަށް ޝައުގުވެރިވާ ތަނެއް،" ސެގްރެޓް ބުނެފައި ވެއެވެ. "އިންޑިއާގައި [ސާފް ސުޒުކީ ކަޕްގައި] އަހަންނަށް ފެނުނު ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އޮތްކަން ވަރަށް ހުނަރުވެރި ކުޅުންތެރިން އަހަންނަށް ފާހަގަވި، އެހެންވީމަ ބަލަމާ ހިނގާ އަހަރެމެންނަށްނަށް ކުރިމަގު އޮތީ ކިހިނެއްތޯ."

މި މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ސްޓްވާޓް، ރާއްޖޭގެ ކޯޗު ކަމަށް އެންމެ ފުރަތަމަ ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ. އެއީ އެފްއޭއެމްގެ ކުރީގެ އެކްސްކޯގެ މުއްދަތުގައެވެ. އޭރު އަނގަބުން ވެވުނު އެއްބަސްވުމުގެ ދަށުން އޭނާ އާއެކު އެއްބަސްވީ ހަތަރު މަހުގެ މުއްދަތަކަށެވެ.

އޭނާ އާ ހަވާލު ކުރީ އޭޝިިއަން ކަޕް ކޮލިފައިން ޖާގަ ރާއްޖެއަށް ހޯދައި ދިނުމަށެވެ. ލާއޯސް އާ ދެކޮޅަށް މާލޭގައި ކުޅެ 4-0 ން ކާމިޔާބު ކޮށް، އަދި ލާއޯސްގައި ކުޅުނު މެޗު 1-1 އެއްވަރުކޮށް ރާއްޖެ އަށް ކޮލިފައިންގެ ޖާގަ ހޯދައި ދިނެވެ. އޭގެ ކުރިން ބަންގުލަދޭޝް އާ ދެކޮޅަށް މާލޭ ގައި ކުޅުނު މެޗު 5-0 މޮޅުވީ ވެސް ސްޓްވާޓްގެ ކޯޗް ކަމުގެ ދަށުގަ އެވެ.

ހަތަރު މަހުގެ މުއްދަތު ހަމަ ކުރުމަށްފަހު ސްޓްވާޓް ރާއްޖެ ދޫކޮށް ދިޔަ ނަމަވެސް، އެފްއޭއެމްގެ މިހާރުގެ އެކްސްކޯ އިންތިހާބުވެ، އަލުން ރާއްޖޭގެ ކޯޗް ކަމަށް ސްޓްވާޓް ގެނައެވެ. އަދި އޭނާ އާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށް، އޭޝިއަން ކަޕަށް ކޮލިފައި ވުމާއީ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިނުމަށް ޓާގެޓެއްގެ ގޮތުގައި ދިނެވެ.

ނަމަވެސް އޭޝިއަން ކަޕް ކޮލިފައިންގައި ފެނުނީ ދަށް ނަތީޖާ ތަކެކެވެ. އޭގެ ސަބަބުން އޭނަ އަށާއި ރާއްޖޭގެ ޓީމަށް ވަރަށް ބޮޑެތި ފާޑު ކިޔުން ތަކެއް އަމާޒުވި އެވެ. ހާއްސަކޮށް ފަލަސްތީންގައި ކުޅުނު މެޗު 8-1 ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖެ ބަލިވުމުން ކޯޗާއި އެފްއޭއެމް އަށް އަދި ޓީމަށް އިންތިހާ އަށް ފާޑު ކިޔުން އަމާޒުވި އެވެ.