ބޮލީވުޑް

"ބްރަހަމަޝްތުރާ" ގެ ޝޫޓިން އަންނަ މަހު ފަށަނީ

Feb 6, 2018

ޒުވާން ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ކުޅޭ ފުރަތަމަ ފިލްމު، "ބްރަހަމަޝްތުރާ" ގެ ޝޫޓިން އަންނަ މަހުގެ ތެެރޭގައި ފަށާނެ ކަމަށް އެ ފިލްމުގައި މުހިންމު ރޯލަކުން ފެނިގެންދާ މެގަސްޓާ އަމީތާބް ބައްޗަން ބުނެފި އެވެ.

"ވޭކް އަޕް ސިޑް" އާއި "ޔޭޖަވާނީ ހޭ ދިވާނީ" ފަދަ ކާމިޔާބު ފިލްމު ޑައިރެކްޓްކޮށްފައިވާ ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމަކީ ތިން ފިލްމުގެސީރީޒްއެއްގެ ގޮތުގައި އުފައްދާ ފެންޓަސީ އެޑްވެންޗާ އެކެވެ. އަދި މި ފިލްމަކީ އެ ކުންފުނިން އުފައްދާ އެންމެ އަގުބޮޑު ފިލްމު ވެސްމެ އެވެ.

ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ކުންފުނި، ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމަށް ލުކް ޓެސްޓު ހެދުމަށް ފިލްމުގެ ޑައިރެކްޓަރާއި އެކްޓަރު ރަންބީރާ އެކު ބޭއްވި ބައްދަލުވުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމުކުރަމުން އަމީތާބް ވަނީ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށާއި ޒުވާން ޓިމާކާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

އާ އަހަރާ ދިމާކޮށް ރަންބީރާއި އާލިއާ ވަނީ އިޒްރޭލުގައި މި ފިލްމަށް ތައްޔާރުވުމުގެ ޓްރެއިނިން ހަދާފަ އެވެ.

މި ފިލްމުގެ ނުބައިބައި ރޯލު ކުޅެން ވަނީ ޓީވީ ތަރި މޯނީ ރޯއި އަށް ހުށަހަޅާފަ އެވެ. މޯނީ ބޮލީވުޑަށް ނިކުންނަ ފިލްމު "ގޯލްޑް" މި އަހަރު ރިލީޒްކުރާނެ އެވެ.