1 ފެބުރުއަރީގެ އަމުރު

ކުއްލި ހާލަތު ނެރުނީ ޔާމީނަށް ރައީސްކަން ގެއްލިދާނެތީ: ނަޝީދު

ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވެގެނެއް ނޫން ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވެއްޓިދާނެތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިރޭ 8:00 ހާއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެ ޓީވީއަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ރައީސް ޔާމީން ހިއްޕަވަނީ އެމަނިކުފާނުގެ ވެރިކަން ދަމަހައްޓާނެ ހަތިޔާރެއް ގޮތުގައި ކަމަށާއި ނަމަވެސް އެއީ ސިޔާސީ ބޭނުންތައް ހާސިލް ކުރަން އޮންނަ ފަރުވާއެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮންނަ ފަރުވާއެއް ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ. އަދި އެކަމަކީ ބޭރު ދުނިޔެއިން ވަރަށް ސީރިޔަސްކޮށް ނަގާ މައްސަލައެއް ކަމަށާއި އޭގެ ގެއްލުން ވަރަށް ބޮޑަސް ގައުމަށް ދައްކާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަން އޮތީ ވެއްޓިފައި، ނެތް ވެރިކަމެއް ސައްހަކަން ދަމަހައްޓަން ބާރުގެ ބޭނުންކޮށްގެން މިރޭ އެ ކުއްވީ މާ ބޮޑުކުށެއް، މިއީ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް އެބޭފުޅާގެ އަމިއްލަ އެދުމަށް ކުރެއްވި ކަމެއް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެއްވި ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުން ދިވެހިން އަރައިގަތުމަށް ބިރަކާ ނުލައި މަގުމައްޗައް ނިކުމެ އިހުތިޖާޖު ކުރަން ޖެހޭ ކަމަށެވެ. އަދި ކުއްލި ހާލަތު އިއުލާން ކުރިޔަސް އިދިިިކޮޅު ހަރަކާތްތައް ނުހުއްޓާނެ ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.

"ގޭގައި ނުތިބެވޭނެ ހިްތްވަރާއެކީގައި މަގުމައްޗައް ނިކުމެ ރައީސް ޔާމީންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުން ވަރަށް މުހިންމު، ފުލުހުންނާއި ސިފައިންގެ ވާޖިބަކީ ރައީސް ޔާމީންގެ ވާޖިބަށް ކުރައްވާ ކަންކަމަށް ތަބާވުމެއް، ރައްޔިތުންނާއެކީގައި ތިބެ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނައުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު އެއާ ގުޅިގެން ގާނޫން އަސާސީގެ 20 މާއްދާއަކާއި ބައެއް ގާނޫނުތައް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.