ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ދިވެހިރާއްޖޭގެ ގައުމީ ޓީމު ކުޅެންޖެހޭ ދެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑް އިއުލާންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ވެލީޒާ ޕޮޕޯފް ބުނީ "މިއީ މި ވަގުތު ނެގެން އޮތް އެންމެ ވަރުގަދަ ސްކޮޑް" ކަމަށެވެ. ޕޮޕޮފް ބުނި ގޮތުގައި ފުރަތަމަ ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން އޭނާ ބޭނުންވާ ކަމަށާއި ނަގާފައިވާ އޮތް ސްކޮޑަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް މި ވަގުތު އޭނާ އަށް ނެގެން އޮތް އެންމެ ރަނގަޅު ސްކޮޑް ކަމަށް ގަބޫލްކުރެވޭ ކަމަށެވެ. ސްކޮޑްގައި ހިމެނިފައިވާ ވަނީ އޭނާ ބޭނުންވާ ކުޅުންތެރިންކަން ސީދާ ގޮތެއްގައި އޭނާ ވަނީ ބުނެފައ އެ. އެ ސްކޮޑްގައި ނިއު ރޭޑިއަންޓްގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) ހިމެނުނު ނަމަވެސް، އޭނާ ބާކީކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެނޭޖްމަންޓް އިން ނިންމައި، ހުކުރު ދުވަހު އެކަން ވަނީ އާންމުކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި އެފްއޭއެމް އިން ބުނެފައިވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އޭނާ ހަ މެޗަށް ސަސްޕެންޑްކޮށްފައި އޮތުމެވެ. ޕޮޕޯފް އެކުލަވާލި ސްކޮޑް އިން، އެފްއޭއެމްގެ މެނޭޖްމަންޓް އިން ކުޅުންތެރިއެއް ބާކީކުރުމަކީ އެންމެ ރަނގަޅު ގޮތްކަމާމެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.
އެފްއޭއެމްގެ ނިންމުމާމެދު ޕޮޕޯފް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޕޮޕޯފްގެ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އިއްޔެ ބުނެފައިވަނީ އެފްއޭއެމްގެ ނިންމުމާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ.
ހޮކޭއާމެދު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އެޅި ފިޔަވަޅަށް ތާއީދުކުރަމެވެ. އެކަމަކު އެ ސަސްޕެންޝަނަކީ ރަސްމީކޮށް ހަމައެކަނި ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ މެޗުތަކުގައި އަމަލުކުރަންޖެހޭ ސަސްޕެންޝަނެކެވެ. އިންޓަނޭޝަނަލް މުބާރާތްތަކަށް ގުނާ ސަސްޕެންޝަނެއް ނޫނެވެ. އެހެންކަމުން ގައުމީ ޓީމުގެ ސްކޮޑުގައި ހޮކޭ ހިމަނާފައި ވަނިކޮށް، އެފްއޭއެމްގެ މެނޭޖްމަންޓް އިން އޭނާ ސްކޮޑުން ބާކީކުރުމަކީ ހޮކޭ އަށް ދިން އިތުރު އަދަބެއްގެ ގޮތުގައި ބެލެވުމުގެ ޖާގަ އެބައޮތެވެ. ސްކޮޑް އިއުލާންކުރިއިރު ވެސް، ހޮކޭ އަކީ ސަސްޕެންޝަނެއްގައި ހުރި ކުޅުންތެރިއެއްކަން އެފްއޭއެމް އަށް އެނގޭނެ އެވެ.
"ނިއު އިން ވަރަށް ހިތްހަމަނުޖެހޭ އެފްއޭއެމްގެ ނިންމުމާމެދު،" ނިއުގެ މެނޭޖަރު އަހުމަދު ޒަރީރު ބުންޏެވެ. "ހޮކޭ ސްކޮޑްގައި ނުހިމެނުމަކީ މައްސަލައެއް ނޫން. ހިމެނުމަކީ ވެސް މައްސަލައެއް ނޫން. އެކަމަކު އޭނާ ސްކޮޑްގައި ހިމަނާފައި، މީޑިއާ އަށް އެކަން އާންމުކޮށްފައި، އަނެއް ދުވަހު އެފްއޭއެމްގެ މެނޭޖްމަންޓް އަށް ފެނިގެން އޭނާ ސްކޮޑުން ބާކީކުރުން މައްސަލަ އަކީ. އެގޮތަށް ކަންތައް ކުރީމަ އެ ކުޅުންތެރިއަކަށް ނަފްސާނީ ގޮތުން އުނދަގޫވާނެ. ކުޅުންތެރިއެއްގެ އަގު މި ވައްޓާލެވުނީ."
ޒަރީރު ބުނީ އެފްއޭއެމް އިން ހޮކޭ އަށް ދިން ސަސްޕެންޝަނާމެދު "އެ ކްލަބުގެ އެއްވެސް މައްސަލައެއް" ނެތް ކަމަށެވެ. އެކަމަކު މައްސަލައަކީ އެކަން ހިނގިތާ ތިން މަސް ވަރު ފަހުން ޑިސިޕްލިނަރީ ފިޔަވަޅު އެޅުން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލްކުރަން އެ ސަސްޕެންޝަން. އެކަމަކު މައްސައަކީ ޖެނުއަރީ މަހު ހިނގި ކަމަކަށް، އޭޕްރީލް މަހު ފިޔަވަޅު އެޅީމަ. އަޅުގަނޑުން މައްސަލަ އެޕީލްކުރީ ވެސް ސަސްޕެންޝަން އުވާލާކަށް ނޫން. ސަސްޕެންޝަން ކުޑަވޭތޯ އަޅުގަނޑުމެން ބެލީ. އެކަންނުވީމަ އަޅުގަނޑުމެން އެކަން ގަބޫލްކޮށްފިން. ސަސްޕެންޝަނަށް އިހުތިރާމްކުރަން،" ޒަރީރު ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ ކޯޗެއް ބުނީ ހޮކޭ ގައުމީ ޓީމަށް ނަގާފައި، ސްކޮޑް މީޑިއާގައި އާންމުކުރުމަށް ފަހު އޭނާ ސްކޮޑުން ބާކީކުރުމަކީ "ޖޯކެއް" ކަމަށެވެ.
"ދިވެހި ޕްރިމިއާ ލީގު ވޯލްޑް ކަޕް ކޮލިފައިން އަށް މި ބްރޭކްކޮށްލީ. މި ދޭތެރޭގައި ނިއު އޭއެފްސީ ކަޕްގެ މެޗެއް ކުޅޭއިރު އެ މެޗުގައި ވެސް ހޮކޭ އަށް ކުޅެވޭނެ ކަމަށް މި ބަލަނީ. ވޯލްޑް ކަޕް ކޮލިފައިން އަށް މި އޮތް މުއްދަތުގެ ތެރޭގައި ކޮންމެ ގޮތެއްވިޔަސް ހޮކޭ އަށް ގެއްލޭނެ މެޗެއް ނެތް. އެހެންކަމުން ކޯޗު އޭނާ ނެގުމަކީ މައްސަލައެއް ނޫން. ހޮކޭ ކުރި ކުށުގެ އަަދަބު އޭނާ އަށް އެ އޮތީ ދީފައި. އޭގެ އިތުރުން އެފްއޭއެމްގެ މެނޭޖްމަންޓް އިން އޭނާ އަށް އަނެއްކާ ވެސް އަދަބެއް މި ދިނީ،" ނަން ހާމަކުރަން ނޭދޭ ކޯޗު ބުންޏެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހޮކޭގެ ސަސްޕެންޝަން އިންޓަނޭޝަނަލް މެޗުތަކަށް ރަސްމީކޮށް ނުގުނި ނަމަވެސް، އޭނާ ބަކީކުރަން އެފްއޭއެމް އިން ނިންމީ "ކުުޅުންތެރިން ޑިސިޕްލިންކުރަން" ކަމަށެވެ.
"އަޅުގަނޑުމެން ވެސް ބޭނުންވަނީ ކޮލިފައިން މެޗުތަކުގައި ވީހާ ވެސް ވަރުގަދަ ޓީމެއް ނެރެން. ޑިސިޕްލިންގެ މައްސަލަތަކުގައި އެފްއޭއެމް އިން ވަކި ކުޅުންތެރިއަކަށް ނުބަލާނަން،" ބައްސާމް ވިދާޅުވި އެވެ.
ވިކްޓަރީން ކެރިއަރު ފެށުމަށް ފަހު، 2012 ވަަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް އިން ފެށިގެން ހޮކޭ އަންނަނީ ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ. ދެހާސް ތޭރަ ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ.