ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލުމަށް، ޓޮމް ނިސްބަތްވާ ޕީޕީއެމްގެ ޕާލެމެންޓްރީ ގުރޫޕްގެ ގިނަ މެމްބަރުންނާއި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ތާއީދުކުރައްވާފައިވާ ކަން އެނގިއްޖެ އެވެ.
"މާލިއްޔަތު ކޮމެޓީގެ މެމްބަރު އަދި ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މަހިބަދޫ ސްޕޯޓްސްގެ ކްލަބްގެ ހިންގުންތެރިއާ އަދި އޭޖް ގުރޫޕްތަކުގެ ގައުމީ ޓީމުތަކުން ފަށައި، ސީނިއާ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއާ އަދި ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިއެއް. އަޅުގަނޑަށް ފެންނަ ގޮތުގައި ޓޮމް ހުރިހާ ގޮތަކުން ވެސް ޝަރުތުހަމަވޭ. ޓޮމްއާމެދު ފަހުރުވެރިވަން،" ސަރުކާރުގެ މިނިސްޓަރެއް ޕީޕީއެމްގެ ޕާލެމެންޓަރީ ގުރޫޕްގެ ރަސްމީ ވައިބާ ގުރޫޕްގައި ޓޮމް އަށް ތާއީދުކޮށް، ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، ޕީޕީއެމްގެ ޕާލެމަންޓްރީ ގުރޫޕްގެ ގިނަ މެމްބަރުން ވަނީ ޓޮމް އަށް ތައުރީފްކޮށް، ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ.
"ޓޮމް އެހެންކަމުން މިހާރު އޮތް އިންޓަރިމް ކޮމެޓީ އަށް ފުރިހަމަ އެއްބާރުލުން ދީ، އަންނަ އަހަރު ދިވެހި ފުޓްބޯޅަ އާ ފެށުމަކުން ކުރިއެރުމަށް މަސައްކަތްކުރަމާ ހިނގާ،" ސަރުކާރުގެ އިސް ފަރާތަކުން އެ ގުރޫޕްގައި ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް "ސީރިއަސް ފުޓްބޯޅައާ" ދުރަށް ޖެހިިލި ނަމަވެސް، އުފަން ރަށް މަހިބަދޫ އަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ހިންގުމުގައި ޓޮމް ދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. މި އަހަރު ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް، މަހިބަދޫ ވަނީ ގަދަ ހަޔަކުން ޖާގަ ހޯދައި، އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ނިއުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރި ޓޮމް ޝައުގުވެރިވާ ކަން ކަށަވަރެއްނުވެ އެވެ. މިކަމާ ގުޅޭގޮތުން ޓޮމްގެ ބަހެއް ހޯދަން މަސައްކަތްކުރެވުނު ނަަމަވެސް، ޓޮމްގެ ބަހެއް ލިބޭގޮތެއްނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ވިދާޅުވީ ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ނުކުތުމުގެ ވާހަކައަކީ ޕާލިމެންޓަރީ ގުރޫޕްގެ މެމްބަރުންގެ ތެރޭގައި ދެކެވޭ ވާހަކައެއް ކަމަށެވެ. އެކަމަކު ޓޮމް އެކަމާމެދު "ސީރިއަސްކޮށް ވިސްނާކަމެއް ނުވަތަ ނޫން ކަމެއް" ބުނަން ނޭނގޭ ކަމަށެވެ.
"ޓޮމް އެކަމަށް ޝައުގުވެރިވެ، އެކަމާ ސިރިއަސްކޮށް ވިސްނައިފިއްޔާ އަޅުގަނޑުމެން މި ތިބީ އެއްބާރުލުން ދޭ ގޮތަށް. ނޭނގެ ޓޮމްގެ ވިސްނުން ހުރި ގޮތެއް،"
އެފްއޭއެމްގެ ހިންގާ ބޯޑު އުވާލައި، ނޯމަލައިޒޭޝަން ކޮމެޓީއަކަށް ވަގުތީ ގޮތުން އެ އިދާރާގެ ހިންގުން ހަވާލުކުރަން ފީފާގެ އެމަޖެންސީ ކޮމެޓީން ވަނީ މި މަހުގެ ކުރީކޮޅު ނިންމައިފަ އެވެ. އަދި އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާނުކޮށް، އިންތިހާބު ބާއްވަން ކުރަންޖެހޭ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކޮމެޓީ އަށް ވަނީ މެންޑޭޓް ދީފަ އެވެ.
ޓޮމް 2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށީ ނިއު އިންނެވެ. ޓޮމް އަކީ ނިއު އަށް ގިނަ ކާމިޔާބީތަކެއް ހޯދައި އެ ޓީމަށް މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕުގެ ސެމީ ފައިނަލުން 2005 ވަނަ އަހަރު ނިއު ޖާގަ ހޯދިއިރު، އޭރު މެލޭޝިއާގައި މަތީ ތައުލީމް ހާސިލްކުރަމުން ދިޔަ ޓޮމް ވަނީ ބައެއް މެޗުތަކަށް ރާއްޖެ އައިސް ޓީމަށް ފައިދާހުރި ކުޅުމެއް ދައްކައިފަ އެވެ.
މެލޭޝިއާގެ ލިމްކޮކް ޔުނިވަސިޓީ އިން ބިޒްނަސް އެކައުންޓިންގެ ދާއިރާ އިން ޑިގްރީ ހާސިލްކުރުމަށް ފަހު އެނބުރި މާލެ އައިސް، ޓޮމް ދެން ވެސް ކުޅެން ފެށީ ނިއުއަށެވެ. އެކަމަކު ނިއު ދޫކޮށް 2009 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވި އެވެ. އަދި 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ސީޒަންގެ ފުރަތަމަ ބައިގައި ކުޅުމަށް ފަހު، ސީޒަންގެ މެދުތެރެއިން އެނބުރި ނިއު އަށް ބަދަލުވި އެވެ.
ދެހާސް ތިން ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅުނު 37 މެޗުގައި ޓޮމް ވަނީ ޖުމްލަ 16 ލަނޑު ޖަހައިފަ އެވެ. ޓޮމް ވަނީ 2005 ވަނަ އަހަރު ޕާކިސްތާންގައި އޮތް ސާފް ޗެމްޕިއަންޝިޕާއި 2009 ވަނަ އަހަރު ބަންގާޅުގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ޖޮއިންޓް ޓޮޕް ސްކޯރާގެ މަގާމު ހޯދައިފަ އެވެ. ޓޮމް އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.