ކުޅިވަރު

ކުއްލި ހާލަތާ ގުޅިގެން ސީޒަން ފެށުން ފަސް ކޮށްފި

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މިރޭ ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ސީޒަން ފަސް ކޮށްފި އެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗު ނުވަތަ ޗެރިޓީ ޝީލްޑްގައި ބައްދަލު ކުރާނީ، ނިއު ރޭޑިއަންޓާއި ޓީސީ އެވެ. ކޮންމެ އަހަރެއްގެވެސް ޗެރިޓީ ޝީލްޑް މެޗު ހާއްސަ ކޮށްފައި ވަނީ އޭގެ ކުރީ އަހަރު ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން އާއި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށެވެ. މިދިޔަ އަހަރު މި ދެ މުބާރާތް ކާމިޔާބު ކުރީ ނިއު ރެޑިއަންޓެވެ. އެހެންކަމުން ޓީމު ބީގެ ގޮތުގައި ފުރުސަތު ދޭނީ ދެ ވަނަ މާގަމު ހޯދާ ޓީމަށެވެ. ޓީސީއަކީ މިދިޔަ އަހަރު އެ ދެމުބާރާތުގެ ދެ ވަނަ ޓީމެވެ.

އެފްއޭއެމުން އިއްޔަ ވަނީ ޗެރިޓީ ޝީލްޑް މެޗު އިސްތިހާރުވެސް ކޮށްފަ އެވެ. ނަމަވެސް ރޭ ގައި ކުއްލިި ހާލަތު އިއުލާން ކުރުމުން، އެފްއޭއެމުން ވަނީ ޗެރިޓީ ޝީލްޑް މެޗު ފަސް ކުރިކަން ހާމަ ކޮށްފަ އެވެ. ނަމަވެސް މެޗު ފަށާނެ ވަކި ތާރީހެއް އިއުލާން ކޮށްފައި ނުވެ އެވެ.

ސީޒަން ފަސް ކުރި ނަަމަވެސް އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި ޓީސީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި އަންނަ އަންގާރަ ދުވަހު އޮންނާނެ އެވެ. އެއީ އިންޓަނޭޝަނަލް މެޗެއް ކަމަށްވުމުން އެ މެޗު ފަސް ކުރާނެ ކަމަށް ނުބެލެވެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުވެސް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ. އޭރު ހޮންކޮންގް އާ ދެކޮޅަށް ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު ވަނީ ކުޅެފަ އެވެ. ރޭގަނޑު ކުޅެން ހަމަޖެހިފައިވާ މެޗު ފުލުހުންގެ ލަފާގެ މަތިން މެޗު ކުޅުނީ ހަވީރު އެވެ.