ބޮލީވުޑް

"ބައްޓީ ގުލް މީޓަރު ޗަލޫ"ގެ ޕްރޮޑިއުސަރުން ހިތްހަމަނުޖެހިފައި

Feb 7, 2018

އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު އުފައްދާ ކުންފުނި ޓީ ސީރީޒްއިން ދެން އުފައްދާ ފިލްމަކީ ޝާހިދު ކަޕޫރު ލީޑްރޯލުން ފެނިގެންދާ ސޯޝަލް ޑްރާމާ "ބައްޓީ ގުލް މީޓަރު ޗަލޫ" އެވެ. މި ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރަދާ ކަޕޫރާއި ޔާމީ ގޯތަމެވެ.

އަންނަ ހަފްތާގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، މި ފިލްމުގެ އެއް ބަތަލާ އަކަށް ޔާމީ ހަމަޖައްސައިގެން ފިލްމު އުފައްދާ ޓީ ސީރީޒްގެ ވެރިޔާ ބޫޝަން ކުމާރު ފިލްމުގެ ޕްރޮޑިއުސަރު ޕްރޭރްނާ އަރޯރާ ދެކެ ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.

ހަބަރުތައް ބުނާގޮތުން ބޫޝަން ވަނީ ޔާމީ ފިލްމުގެ ބަތަލާ އަކަށް ހަމަޖެއްސުމުން އެކަމުގެ ޝަކުވާ ޕްރޭރްނާ ކުރެން ކޮށްފަ އެވެ. އަދި ޔާމީ ފިލްމުގައި ހިމެނުމަކީ އޭނާ އެއްގޮތަކަށް ވެސް ހިތްހަމަޖެހުނު ނިންމުމެއް ނޫން ކަމަށް ވެސް ބުނެފައިވާ ކަމަށްވެ އެވެ. ނަމަވެސް ޔާމީ މި ފިލްމުގެ ބޭރުކުރަން އޭނާ ނިންމިކަމެއް އަދި ޔަގީނެއްނުވެ އެވެ.

ބުނެވޭ ގޮތުގައި ޔާމީ ދެކެ ބޫޝަން ހިތްހަމަނުޖެހެނީ އޭނާގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރު ޑައިރެކްޓްކުރާ "ސަނަމް ރޭ" ޔާމީ ކުޅުނުއިރު ޝޫޓިންގެ ތެރޭގައި އެދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ އަކަށް ފަހު އެވެ.

ޕްރޭރްނާ އާއި ފިިލްމު ޕްރޮޑިއުސްކުރާ ކުންފުންޏާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އޭނާ ވަނީ ދޮގުކޮށްފަ އެވެ. ބޮލީވުޑްގެ ނޫސްތަކަށް ޕްރޭރްނާ ބުނެފައިވަނީ ފިލްމުގެ ކްރީއޭޓިވް ކަންކަން ކުރަމުން އަންނައިރު ހިތްހަމަނުޖެހުންތައް ވެސް ހުންނާނެ ކަމަށާއި ނަމަވެސް އެއްވެސް ދެބަސްވުމެއް ނެތް ކަމަށެވެ. އަދި ފިލްމުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދަނީ ވަރަށް ގުޅިގެން ކަމަށް ބުނެފަ އެވެ.

ޝާހިދު އާއި ޔާމީ މި ފިލްމުގައި ކުޅޭނީ ގާނޫނީ ވަކީލުންގެ ރޯލެވެ. މި ފިލްމަކީ އިންޑިއާ އަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމުގެ މައްޗަށް އަލި އަޅުވާލައިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމަކީ މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ޓޮއިލެޓް" ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ.