ހުޅުމާލޭގައި ޗައިނާއިން އަލަށް އިމާރަތް ކުރި ފްލެޓް ލިބުނު މީހުންގެ ލިސްޓު ކަމަށް ބުނެ ލީކުވީ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް މިނިސްޓްރީން ސައްހަ ކަމަށް ބުނާ ލިސްޓާ ލީކްވި ލިސްޓްގެ ރެންޑަމް އަޅާ ކިޔުންތައް ދިމާވެއްޖެ އެވެ.
ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން 2015 ވަނަ އަހަރުގައި ފްލެތުތަކަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ފްލެޓު ލިބުނު 661 މީހުންގެ ލިސްޓެއް ސަރުކާރުން އާންމު ކުރި އިރު ފްލެޓު ލިބުނު މީހުންގެ ވަނަވަރު ހާމަ ނުކުރި މައްސަލަ އޮތީ ހޫނުވެފަ އެވެ. ހައުސިން މިނިސްޓްރީން ހާމަކޮށްފައި ވަނީ ހަމައެކަނި ފްލެޓު ލިބޭ މީހުންގެ ފޯމު ނަމްބަރުގެ ލިސްޓެކެވެ. އެ މައްސަލަ އޭސީސީން ބަލައި މަޖިލީހަށް ވެސް ހުށަހަޅައިގެން ކުރިޔަށް ގެންދިޔަ ނަމަވެސް ސަރުކާރުން ވަނީ އެ ލިސްޓު އާންމު ކުރަން ދެކޮޅު ހަދާފަ އެވެ.
އޭގެ ފަހުން ފްލެޓު ލިބުނު މީހުންގެ ލިސްޓެއް ކަމަށް ބުނާ ލިސްޓެއް މީގެ ދެ ދުވަސް ކުރިން ލީކްވެ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ލިސްޓުގައިވާ ގޮތުން ފްލެޓަށް ޝަރުތު ހަމަވި 259 މީހުންގެ ނަން އުނި ކުރުމަށް ފަހު ޝަރުތު ހަމަ ނުވާ "މިނިސްޓާ ލިސްޓް" ގެ ދަށުން 261 މީހަކަށް ފްލެޓު ވަނީ ދީފަ އެވެ. އަދި 109 ޕޮއިންޓު ލިބުނު ބައެއް ފަރާތްތަކުގެ ނަން އުނި ކުރުމަށް ފަހު 90 ޕޮއިންޓު ލިބުނު ބައެއް ފަރާތްތަކަށް ފްލެޓު ދީފައިވާ ކަން ވެސް ލީކުވި ލިސްޓުން ދައްކަ އެވެ. އޭގެ އިތުރުން "މިނިސްޓާ ލިސްޓު" ގައި ފްލެޓު ދީފައި ވަނީ 89 ޕޮއިންޓުން ފެށިގެން 54 ޕޮއިންޓާ ހަމަޔަށް ލިބިފައި ހުރި 261 މީހުންނަށް ކަމަށް ވެސް އެ ލިސްޓުގައިވެ އެވެ.
ލީކުވެ ދައުރުވާ ލިސްޓާ ބެހޭ ގޮތުން "އަވަސް" ސުވާލު ކުރުމުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ފަޒާލް ވިދާޅުވީ ދައުރުވަމުން ދަނީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.
ފަޒާލް އެހެން ވިދާޅުވުމުގެ ކުރިން އަދި ލިސްޓެއް ލީކުވެ ރޭ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ގެދޮރުވެރިކަމުގެ ސިޔާސަތާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަވަނީ ހަގީގަތާ ހިލާފުވާހަކައެއް ކަމަށެވެ. ނަމަވެސް ދައުރުވާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫ ކަމަށް ސީދަލަށް ވިދާޅެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން ސެޕްޓެމްބަރު 14، 2017 ގައި ފްލެޓް ލިބުނު މީހުން ކަމަށް ގެޒެޓްގައި ޝާއިއު ކުރި ލިސްޓުގައިވާ ފޯމު ނަމްބަރުތަކާއި ސައްހަ ނޫން ކަމަށް މިނިސްޓްރީން ބުނާ ލިސްޓުގައި ހުރި ފޯމް ނަމްބަރުތައް ރެންޑަމްކޮށް އަޅާކިޔާ ބަލާއިރު ހައުސިން މިނިސްޓްރީން ގެޒެޓުގައި ޝާއިއުކޮށްފައިވާ ފްލެޓު ލިބުނު މީހުންގެ ފޯމް ނަމްބަރުތައް ލީކުވި ލިސްޓުގައިވާ ނަމްބަރުތަކާ ދިމާވެ އެވެ.
މީގެ އިތުރުން "އަވަސް" އިން ވަނީ ފްލެޓު ލިބުނު ބައެއް މީހުންނަށް ގުޅައިގެން މައުލޫމާތު އޮޅުން ފިލުވައިފަ އެވެ. އެގޮތުން އެ މީހުންގެ ނަންތައް ވެސް ލީކުވި ލިސްޓުގައި ހިމެނޭ އިރު އެ މީހުންނަށް ލިބުނު ޕޮއިންޓުގެ އަދަދާއި ލީކުވި ލިސްޓުގައިވާ އަދަދުތަކާ ވެސް ދިމާވި އެވެ. އެ ފަރާތްތަކަށް ނަން ހާމަ ކޮށްފައި ނުވަނީ އެ ފަރާތްތަކުން އެގޮތަށް އެދިފައިވާތީ އެވެ.
މިކަމާ ގުޅިގެން އިތުރަށް ސުވާލު ކުރަން މިނިސްޓަރު މުއިއްޒަށް އަވަސް އިން ގުޅި ނަމަވެސް މިނިސްޓަރު ފޯނަށް ޖަވާބު ނުދެއްވަ އެވެ.
ލީކުވި ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތައް ރަށުތެރޭގައި އޮތް އިރު ނޫސްވެރިޔެއް ކަމަށްވާ އަހުމަދު ރިލްވާން ގެއްލުވާލި ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރު ކޮށް ޝަރީއަތް ފަށާފައިވާ މާލޭގެ ރައްވެއްސެއް ކަމަށްވާ އަހުމަދު އާލިފް ރައޫފްގެ ނަން ވެސް އެ ލިސްޓު ހިމެނެ އެވެ. ލީކުވި ލިސްޓުގައި "މިނިސްޓާ ލިސްޓު" ގެ ދަށުން އޮތް އާލިފްގެ ފޯމް ނަމްބަރަކީ 6805 އެވެ. އަދި ހައުސިން މިނިސްޓްރީން ގެޒެޓް ކުރި ފައިނަލް ލިސްޓުގައި ވެސް 6805 ފޯމް ނަމްބަރު ހިމެނެ އެވެ.
ފްލެޓު ލިބުނު މީހުންގެ ނަން ހާމަ ނުކޮށްގެން އޭސީސީއަށް ހުށަހެޅި މައްސަލަ އަދިވެސް ބަލައެއް ނުނިމެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ބަހެއް ވެސް ބުނެފައެއް ނުވެ އެވެ.
ލީކްވި ލިސްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މަހުލޫފު މިނިސްޓަރު މުއިއްޒަށް އަމާޒު ކޮށް ފާޅުކުރި ޝުއޫރަކާ ގުޅިގެން އެ މެންބަރުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.