ހަބަރު

ދެ މުވައްޒަފަކު ޕޮޒިޓިވްވުމުން މަސައްކަތް ލަސްވާނެ: ފްލެޓް ކޮމިޓީ

ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓުތައް ދީފައިވާ ގޮތުގެ މައްސަލަ ބަލާ ކޮމިޓީގެ މުއައްޒަފަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އޭގެ ސަބަބުން މަސައްކަތް ލަސްވާނެ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.

ފްލެޓް ކޮމިޓީން ސަރުކާރުގެ ގެޒެޓްގައި ރޭ އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޓީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުގައި ކަމަށެވެ. އޭގެ ސަބަބުން ބައެއް މުވައްޒަފުން ކަރަންޓީން ކުރަން ޖެހި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ކޮމިޓީގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.

މީގެ އިތުރުން އިއްޔެ ކޮމިޓީގެ ދެވަނަ މުވައްޒަފު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ސަބަބުން ކޮމިޓީގެ މެންބަރުންނާއި ހުރިހާ މުވައްޒަފުން ދެ ހަފްތާއަށް ގޭގައި ކަރަންޓީންވެ ތިބުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

މުއައްޒަފުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ފްލެޓު ކޮމިޓީން އިއުލާން ކުރީ، މިދިޔަ މަހު ފަހުކޮޅު ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު ހިޔާ ފްލެޓު ލިބުނު ބައެއް ކެޓަގަރީތަކުގެ ލިސްޓްތައް އާންމު ކުރާނެ ކަމަށް އެ ކޮމިޓީން ބުނެފައި ވަނިކޮށެވެ. އެހެން ނަމަވެސް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ލިސްޓްތައް އާންމު ކުރުން ލަސް ވެގެން ދާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ފްލެޓް ކޮމިޓީން ބުނި ގޮތުގައި ފުރަތަމަ އާއްމުކުރަން ނިންމީ ތިން ކެޓަގަރީއެއްގެ ލިސްޓެވެ. އެއީ ޑޮކްޓަރުން / ނަރުހުންގެ ކެޓަރީއެއްގެ އިތުރުން ޓީޗަރުންގެ ކެޓަގަރީއާއި މާލޭ ރަށްވެހިންގެ ކެޓަގަރީ އެވެ. އެ ތިން ކެޓަގަރީން ވެސް ގާތްގަނޑަކަށް މަސައްކަތްތައް ނިމިފައިވާ ކަމަށް އެ ކޮމިޓީން ބުންޏެވެ.

އެ ތިން ކެޓަގަރީގެ މަސައްކަތުގައި ފްލެޓް ކޮމިޓީން މިހާތަނަށް ކުރި މަސައްކަތްތަކުގެ ތަފުސީލު ވެސް މިއަދު ހާމަކޮށްފައިވެ އެވެ. އެ ގޮތުން އެ ކެޓަގަރީން ފްލެޓަށް ހުށަހެޅި 5،290 މީހުންގެ ތެރެއިން 25 މީހެއްގެ ފިޔަވައި އެންމެންގެ ފިޒިކަލް ވެރިފިކޭޝަން ފުރިހަމަ ކުރެވިފައިވާ ކަމަށާއި އެއީ އެ ތަނަށް ޒިޔާރަތްކޮށް ޕޮއިންޓް ދީފައިވަނީ ރަނގަޅަށް ބަލައިގެން ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން ފްލެޓަށް ހޮވުނު މީހުންގެ ލިސްޓު އާންމުކޮށް، އެ މީހުންނަށް މިދިޔަ ސަރުކާރުން ލިއުން ވެސް ހަވާލުކުރި އެވެ. ނަމަވެސް ފްލެޓަށް މީހުން ކަނޑައެޅީ ބޭއިންސާފުން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށީ އެވެ.

އެ ކަމަށް ޓަކައި ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް އެކުލަވާލި ނަމަވެސް އެ ކޮމިޓީގެ މަސައްކަތްތައް ލަސްވާތީ ކޮމިޓީއަށާއި ސަރުކާރަށް ފާޑުކިއުން އަމާޒުވެ، އޭގެ ޝަކުވާ ވަރަށް ބޮޑެވެ.